ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވަނީ ހަރުދަނާ ސިޔާސަތުތަކެއްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫން މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. 
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވަނީ 3 ނޮވެމްބަރު 1988 ވަނަ އަހަރުގެ ބިރުވެރި ޙާދިސާގެ ހަނދާން އައުކުރައްވާފައެވެ. ރައީސް މައުމޫން ވިދާޅުވީ ނޮވެމްބަރު 3 ގައި ޝަހީދުވީ ހުރިހާ އެންމެންނަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި ޝަރަފަށްޓަކައި ޤުރުބާންވީ ބޭފުޅުންކަމަށެވެ. 
ރައީސް މައުމޫންގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޤައުމުގެ މިނިވަންކަމުގެ ދިފާއުގައި ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، އެކަމަށް ތައުރީފްކުރައްވާފައެވެ. 
ރައީސް މައުމޫންގެ ވާހަކަފުޅުގައި ނޮވެމްބަރު 3 އަޅުގަނޑުމެންނަށް ދަސްކޮށްދޭ ފިލާވަޅުތައް ވަރަށް ގިނަކަން ފާހަގަކުރެއްވިއެވެ. އޭގެތެރެއިން އެއްކަމަކީ، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި ނުގުޑާ ފަދަ ޢަޒުމްކަމަށާއި، އަދި އެކަންކަމުގައި ސާބިތުވެ ތިބުމުގެ މުހިއްމުކަންވެސް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ. 
"ދުނިޔޭގެ ކަންތައްތައް ބަދަލުވަމުންޑަގޮތުން ރާއްޖޭގެ ޤައުމީ މަސްރަޙަށް ބަދަލުތަކެއް އައިނަމަވެސް އަދި ޒަމާނާ އެކަށީގެންވާގޮތަށް ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތައް ބަދަލުވަމުންދިޔަނަމަވެސް، ރާއްޖޭގައި ސިޔާސީ ޕާޓީތަކެއް އުފެދި ހިނގަމުންދިޔަނަމަވެސް، މިއިން އެއްވެސް ކަމެއްގެ ސަބަބުންވެސް އަޅުގަނޑުމެންގެ ވަޙުދަތަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެ." ރައީސް މައުމޫން ވިދާޅުވިއެވެ. 
ރައީސް މައުމޫންގެ ވާހަކަފުޅުގައި ވަނީ ނޮވްމެބަރު 3ގައި އަވައްޓެރި އިންޑިއާއިން ފޯރުކޮށްދެއްވި އެހީތެރިކަމާއި ބޭރުގެ ޖަމާޢަތްތަކުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. 
ރައީސް މައުމޫންގެ ވާހަކަފުޅު ނިންމަވާލެއްވީ މިއަދު ދުނިޔޭގައި ހިންގަމުންދާ ޤަތުލުޢާއްމުގައި ހަނގުރާމަކުރަމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ މަތިން ހަނދާންކުރައްވަމުންނެވެ. އެގޮތުން ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލުކުރަމުންދާ އިސްރާއީލުގެ ނަސްލު ނައްތާލުމުގެ ޢަމަލު ވަރަށް ބޮޑަށް ކުށްވެރިކުރަންޖެހޭކަމަށާއި އެގޮތުގައި ދިވެހީން ދެމިތިބެންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
    
    މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓެވުމަށް ރައީސް މުޢިއްޒު ގެންގުޅުއްވަނީ ހަރުދަނާ ސިޔާސަތުތަކެއް: ރައީސް މައުމޫން
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
                     
             
             
             
            