އަންހެނުން ކޮމިޓީތަކަށް ރޯދަ އެލަވަންސް ދޭ ބިލު އިއްތިފާގުން ކޮމިޓީއަށް

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ. އެ ބިލު ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި 59 މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ބަލައިގެންފައެވެ. އެ ވޯޓުގައި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ. އެއާއެކު އެ ބިލު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅިއިރު މީގެ ކުރިން އދ. ދަނގެތީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ ރަމަޟާން މަހުން ފެށިގެން ޑަބްލިއުޑީސީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ މެދު މިހާތަނަށް އަމަލުކޮށްފައިވަނީ ބޭއިންސާފުން ކަމަށެވެ. އެ މަނިކުފާނުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުތު ހަމަވާ ބައެއް ކަމުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ގާނޫނަށް މި ބިލުގައި ވަނީ އިސްލާހުތައް ހުށަހަޅާފައެވެ. އެގޮތުން، އެ ކޮމިޓީގެ ކޮންމެ މެންބަރަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ރަމަޟާން މަސް ފެށުމުގެ ކުރިން ދިނުމަށް އިސްލާހު ވަނީ ހުށަހަޅާފައެވެ. އަދި، މި އިސްލާހުތަކުގެ ތެރެއިން ކޮމިޓީ މެންބަރުންގެ މަސްއޫލިއްޔަތުތައް ވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން: ރަށުގެ ނުވަތަ ސިޓީގެ ތަރައްގީގެ ކަންކަމުގައާއި ކައުންސިލުން ފޯރުކޮށްދޭ ރައްވެހިކަމުގެ ޚިދުމަތްތައް ތަރައްގީކޮށް ހަރުދަނާކުރުމާ ބެހޭގޮތުން ކައުންސިލަށް ލަފާދިނުން. ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން. ފަންނުތަކުގައާއި ހިންގުމުގެ ދާއިރާގައާއި ވިޔަފާރީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކުގެ ލަފާ ކައުންސިލަށް ދިނުން. ދީނީ، އިޖުތިމާއީ ކަންކަމުގައި އަންހެނުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލަށް ލަފާދިނުން. ގެވެށި އަނިޔާއާއި މަސައްކަތުގެ މާހައުލުގައި ފުރައްސާރައިގެ އަމަލުތައް ހިންގުން ހުއްޓުވުމަށް ރަށުގައި ނުވަތަ ސިޓީގައި ގާއިމުކުރެވޭނެ ވަސީލަތްތަކާއި އިންތިޒާމުތަކާ ގުޅޭގޮތުން ކައުންސިލަށް ލަފާދިނުން. އަންހެނުންގެ ހައްގުތައް ރައްކާތެރުކުރުމުގެ ގޮތުން ރަށް ނުވަތަ ސިޓީގެ ފެންވަރުގައި ޕްރޮގްރާމްތައް ހިންގުމާއި ހޭލުންތެރިކަން އިތުރުކުރުމާއި އެކަމާ ގުޅޭގޮތުން ކައުންސިލަށް ލަފާދިނުން. މީގެ އިތުރުން ވެސް ކޮމިޓީއަކުގެ މަސްއޫލިއްޔަތު އަދާކުރުމާއި ހަރަކާތްތައް ހިންގުމާ ގުޅޭގޮތުން ވެސް ވަކިވަކި މާއްދާތައް ވަނީ އިސްލާޙުގައި ހިމަނާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ