ގައުމު ކުރިއަރައި ދިޔުމަށް އަހުލާގު ރަނގަޅު ބަޔަކަށް ވާންޖެހޭ

ގައުމެއް ކުރިއަރައި ދިޔުމުގައި އަހުލާގު ރަނގަޅު ބަޔަކަށް ވާންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަދަބިއްޔާތަކީ ޤައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ، ޤައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށެވެ.
މި ދެ ފަންނު އުފެދެނީ ސަގާފަތާއި ތަރިކައިގެ ތެރެއިން ކަމަށާއި ޤައުމެއް ކުރިއަރައި ދިޔުމުގައި އެ ބައެއްގެ ސަގާފަތް އިސްލާހުވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ބައެއްގެ ތަރިކަތަކަށް އިޙްތިރާމުކުރެވެން ޖެހޭނެ. އެއާއެކު އެ ބައެއްގެ ފިކުރާއި ޚިޔާލުތައް ފުންވެ އުފެއްދުންތެރި، އަޚުލާޤު ރަނގަޅު ހަރުދަނާ ބަޔަކަށްވާންޖެހޭ. އޭރުން އަޅުގަނޑުމެންނަށް ހާސިލުވާނީ ހަމަޖެހުން، ތަރައްޤީ، އަދި ރައްކާތެރިކަން،" ރައީސް ވިދާޅުވި އެވެ.
ދިވެހި ތަރިކައިގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ޚިދުމަތްތަކަށް ވަކި ވުޒާރާއެއް އުފެއްދައި، ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއް އުފެއްދީ މިކަމަށްޓަކާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދިވެހީން ދިވެހީންނަށް ވަނީ ދިވެހި ބަހުގެ ސަބަބުން ކަމަށާއި ދިވެހިބަސް އެއްޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން އޮތް ފުރުސަތަށް ބަލާއިރު، ކުޑަކުދީން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވާކަން ރައީސް ފާހަގަކުރެއްވި އެވެ.
މި ޖަލްސާގައި ރައީސް ވަނީ އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވުމާއި ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެކަން ވެސް އިއުލާންކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ