މީސްތަކުން މަގުފުރެދި ހަލާކުވަމުން މިދަނީ ފައުޅުވެފައިވާ ދައްޖާލުންތަކުގެ ފިތުނައިން! އެމީހުން ފަތުރާނެ ފިތުނަ ޙަދީޘްފުޅުތަކުން މިއޮތީ އެނެގެން!

އެއްވެސް މީހަކާ ދިމާއަށް އޭނާއަކީ ދައްޖާލެއްކަމަށް ބުނާކަށް ނުބުނަމެވެ. އެކަމަކު އޭނާގެ ޢަމަލުތަކުން އޭނާގެ ކިބައިގައިހުރީ ދައްޖާލުންގެ ސިފަތައްކަން ހާމަވާނަމަ އެމީހަކަށް ބިރުގަންނަން ޖެހޭނެއެވެ. އެމީހަކު ދައްކާ ވާހަކަ އަޑުއަހައިގެންވެސް ނުވާނެއެވެ. އެމީހުންގެ ސަބަބުން ތިމާއަކީވެސް އެމީހުން ފަދަ ދައްޖާލަކަސްވެދާނެ ކަމަށްޓަކައެވެ.
ފަހުޒަމާނުގައި ފައުޅުވާނެ ދައްޖާލުންގެ ސިފަތަކާއި އަދި އެމީހުން ކުރާނެ ކަންކަން ޙަދީޘްފުޅުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ!  
"ފަހުޒަމާނުގައި ބައަކު އަންނާނެއެވެ. އެމީހުން ދައްކައި އުޅޭނީ އެމީހުންގެ އަމިއްލަ ވާހަކަތަކެވެ. މީސްތަކުންނަށް ކަންކަން ވިސްނައިދޭނީ އެމީހުން ބޭނުންވާ ގޮތަށެވެ. އެމީހުންނަށް އެންމެ ފައިދާހުރި ގޮތަށެވެ. ދޮގު ބުނުމާއި އޮޅުވައިލުމަކީ އެމީހުން ދެވިހިފާފައި ހުންނަ ކަންކަމެވެ. ކީރިތި ޤްރުއާނަށާއި ޙަދީޘްފުޅުތަކަށް އެމީހުން ނުބަލާނެއެވެ. އެއީ މީސްތަކުންގެ މެދުގައި ފިތުނަ އުފައްދަން މަސައްކަތްކުރާ މީހުންނެވެ. އެއީ ދައްޖާލުތަކެކެވެ. ﷲ ތަޢާލާ އާއި މީސްތަކުންނާއި ދެމެދު އޮންނަން ޖެހޭ ގުޅުންތައް ކަނޑުވާލައި ފިޠުނަ އުފައްދާނެ މީހުންނެވެ. އެފަދަ މީހުންނާއިމެދު ބިރުވެތިވާށެވެ! އެމީހުންނަކީ ތިއަބައިމީހުން މަގު ފުރައްދައި ނަރަކައަށް ގެންދަން މަސައްކަތްކުރާނެ މީޙުންނެވެ."  
މިއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މީގެ 1450 އެއްހައި އަހަރުކުރިން ބަޔާންކޮށް ދެއްވަވާފައިވާ ކަންކަމެވެ. މިއަދު މުޅި ދުނިޔެ މިވަނީ މިފަދަ ދައްޖާލުންތަކުން ފުރިފައެވެ. މިފަދަ ދައްޖާލުންތައް ތިބީ އެހެން ދީންތަކުގެ ދީނީ މީހުންގެ ގޮތުގައެއް ނޫނެވެ. އެންމެ ގިނައިން މިފަދަ މީހުން ތިބީ ޤައުމުތަކުގެ ސިޔާސީ މީހުންގެ ތެރޭގައެވެ. މުޅި ދުނިޔެއަށް ފިތުނަ ފެތުރި ފިތުނައިގެ ވަބާ އާއި ތަޅާފޮޅުންތަކާއި ހަމަނުޖެހުންތަކުން ސަލާމަތް ނުވެވިގެން މިއުޅޭ ސަބަބަކީވެސް އެއީއެވެ. އެމީހުންނަކީ ލީޑަރުން ކަމުގައި ބަލައިގަނެގެން ތިބޭހައި ދުވަހަކު އިންސާނިއްޔަތަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ.  
މީސްތަކުން ދުނިޔެއަށް ތަޢާރަފްކުރި ޑިމޮކްރަސީ ޢާއި ޙައްޤުތައް މުޅި އިންސާނިއްޔަތު މިވަނީ ފޭލްކޮށްލައިފައެވެ. ނަތީޖާއަކީ ބިރުވެރިކަމުން ސަލާމަތްވެގެން ދިރިއުޅެވެން އޮތް ޤައުމެއް ދުނިޔޭގައި ނެތުމެވެ. އެންމެ ކުޑަމިނުން ހަމަޖެހިގެން ދިއުޅެވޭ ޢާއިލެއެއް ވެސް ނެތްކަމަށް ބުނަން ޖެހޭ ހިސާބަށް ކަންކަން ދިއުމެވެ.  
މިހުރިހާ މައްސަލަތަކެއްގެ އަޞްލަކީ ﷲ ތަޢާލާގެ ވަހީ އާއި ރަސޫލް ﷺ  ގެ ޙަދީޘްފުޅުތަކާއި އިތުރު މާތް ޞާޙިބާ (ﷺ) ގެ ސުންނަތް ދޫކޮށްލެވުމެވެ. އެކަންކަމާއި ދުރަށް ދެވުމެވެ. އެއަށްވުރެ މާ މޮޅު ގޮތްތައް ހޯދަން މީސްތަކުން މަސައްކަތްކުރުމެވެ.  
އެއްވެސް މީހަކީ އަނެކާއަށްވުރެ މޮޅު މީހެއް ކަމަށް ބުނެވޭނެ ހަމަ ގޮތަކީ އެމީހެއްގެ ތަޤްވާވެރިކަން އިތުރުވުންކަން މީސްތަކުން ހަނދާން ނެތިއްޖެއެވެ. ފިރިން އަނބިންގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ފަށައިފިއެވެ. އަނބިން ފިރިންގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ފަށައިފިއެވެ.  
ރަސޫލް (ﷺ) ޙަޖަތުލްވަދާޢުގައި ދެއްވެވި ޚުޠުބާއަށް ވިސްނާށެވެ! "ފިރިންނަށް އަނބިންގެ މައްޗަށް ޙައްޤުތަކެއް ވެއެވެ. ހަމަ އެފަދައިން އަނބިންނަށް ވެސް ފިރިންގެ މައްޗަށް ޙައްޤުތަކެއް ވެއެވެ." ވީމާ ޙައްޤުތައް މިވަނީ ވަރަށް ފުރިހަމައަށް ބަޔާންކޮށް ދެއްވަވައިފައެވެ. ހިތާމައަކީ މިކަންކަމަސް މިއަދު ވިސްނާ މީހުން މަދުކަމެވެ.  
މީސްތަކުންނޭވެ! މުޅި އިންސާނިއްޔަތަސް ކުރިމަތިވެފައިވާ މިބޮޑު ވަބާއިން ސަލާމަތް ވެވެން އޮތް ހަމައެކަނި ގޮތަކީ ކޮންމެ ކަމަކާއި ގުޅިގެންވެސް ކީރިތި ޤްރުއާނަށާއި ރަސޫލް ﷺ ބަޔާންކޮށް ދެއްވަވާފައިވާ ގޮތަށް އަމަލުކުރުމެވެ. ދޮގު ވާހަކަތައް ފަތުރައި އުޑުން ތަރިތައް ބިމަށް ބާލާ ޒާތަށް މީހުން ދައްކާ ވާހަކަތައް ޤަބޫލު ނުކުރުމެވެ.
 
- ޑރ. ޢަބްދުﷲ ޙާކިމް ކްއިކް ގެ ދަރުސަކުން
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ