3 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކި، މާލެއިން ބޮޑު ގޯއްޗެއް ވިއްކަނީ، ފެށޭ އަގަކީ 30 މިލިއަން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ނެގި ފެސިލިޓީއަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކިގެން، މާލެއިން 1469 އަކަފޫޓުގެ ގެއެއް ވިއްކައިލަން، ނީލަން ކިޔަން އެމްއައިބީން އިން މިއަދު ހުޅުވައިލައިފިއެވެ. އެމްއައިބީއިން ވިއްކައިލަނީ އަމީނީ މަގުގައި ހުރި، ގ. ފަނަސް ނަމަކަށް ކިޔާ ގެއެކެވެ. މި ގެ ރަހުނުކުރީ ހުރަވީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ޓްރޭޑް މުރާބަހާ ފައިނޭންސިން ފެސިލިޓީއެއް ހޯދުމަށެވެ. އެގޮތުން 2017ވަނަ އަހަރުގެ އޮކްޓޯބަރު ނުވަވަނަ ދުވަހު އެ ކުންފުނިން ވަނީ 3,406,369.50 ޑޮލަރުގެ ބޭންކިން ފެސިލިޓީއެއް ހޯދަން ބޭންކާއެކު ސޮއިކޮށްފައެވެ. މީގެ ކުރިންް 2022ވަނަ އަހަރު ސިވިލް ކޯޓުން ވަނީ، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ, ފެސިލިޓީއަށް ދައްކަންޖެހޭ މިންވަރާއި، ޗެރިޓީގެ ގޮތުގައި ދައްކަން ޖެހުނު ފައިސާ ހަ މަސް ދުވަސް ތެރޭ ފައިސާ ދައްކަން އެ ކުންފުނީގެ މައްޗަށް ހުކުމެއް ވެސް ކޮށްފައެވެ. އޭގެ ފަހުން، އެ އަދަދު ނުދެއްކިގެން މިހާރު އެމްއައިބީން މި ވަނީ އެ ލޯނު ހޯދަން ރަހުނުކުރި ގެ ވިއްކައިލަން އިއުލާނުކޮށްފައެވެ. އެމްއައިބީން ބުނި ގޮތުގައި މި ގެ ގަތުމަށް ޓަކައި ނީލަން ފެށުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ 30،230،000 ރުފިޔާއެވެ. މިއަދުން ފެށިގެން މި މަހުގެ 25ވަނަ ދުވަހުގެ މެންދުރުފަހު 13:00 އާ ހަމައަށް ނީލަން ފަށަން އަގު ހުށަހެޅޭނެ ކަމަށް އެމްއައިބީން ބުންޏެވެ. ނީލަން ފެށުމަށް ބިޑްތައް ހުޅުވާނީ މ. ފާމުދޭރީގެ ބިލްޑިންގައި ހުންނަ މޯލްޑިވްސް އިސްލާމިކް ބޭންކް އިމާރާތުގައެވެ. ނީލަން ފެށުމަށްފަހު ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު ބޭންކުގެ ވެބްސައިޓުގައި އިއުލާން ކުރާނެކަމަށް އެ ބޭންކުން ބުންޏެވެ. އަދި ނީލަން ނިންމާލާނީ އެންމެ މަތީ އަގުގެ ގޮތުގައި އިއުލާންކުރާ އަގަށް ބަދަލެއް ނައިސް، އިއުލާންކުރާ ދުވަހުން ފެށިގެން، ސަރުކާރު ބަންދު ދުވަސް ނުހިމަނާ ފަސް ދުވަސް، އެއް އަގެއްގައި އޮތުމުންނެވެ. ނީލަން ނިމުމުން އެންމެ މަތިން އަގު ހުށަހަޅައިފައިވާ ފަރާތަކަށް އެ ކަން އަންގާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވާން ހުށަހަޅާ ލިޔެކިޔުމާއެކު، ވިޔަފާރިކުރަން ހުއްދަ ލިބިފައިވާ ބޭންކަކުން ދޫކޮށްފައިވާ 100،000 ރުފިޔާގެ ބިޑު ސެކިއުރިޓީއެއް ވެސް ހުށަހަޅަން ޖެހެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ އަންނަ އަހަރުގެ ފެބްރުއަރީ 17 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ