ގާސިމް، ނައިބު ރައީސް ފައިސަލްގެ ބައްޕާފުޅާ ބައްދަލު ކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ގައުމީ ކެންޑިޑޭޓު އޮނަރަބަލް ގާސިމް އިބްރާހީމް ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމްގެ ބައްޕާފުޅު އަހުމަދު ނަސީމްއާ މިރޭ ބައްދަލު ކުރައްވައިފިއެވެ.
ފައިސަލް ނަސީމްގެ ބައްޕާފުޅާއި ގާސިމް އިބްރާހީމް އަކީ ޒަމާންވީ ގާތް ދެ ރަހުމަތްތެރިންނެވެ.
ގާސިމް މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގެންފައިވާއިރު، އެ ރަށުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު ގާސިމް އެންމެ ފުރަތަމަ ވަޑައިގެންނެވީ އަހުމަދު ނަސީމާ ބައްދަލުކުރެއްވުމަށެވެ. ނަސީމާ ބައްދަލު ކުރެއްވުމަށް ގާސިމް ވަޑައިގެންނެވީ ފުވައްމުލަކުގައި ހުންނަ ނައިބު ރައީސްގެ ގެ ކޮޅަށެވެ.
އަހުމަދު ނަސީމް އާއި ގާސިމް އަކީ ދެ ރަހުމަތްތެރިންނަށް ވާއިރު، ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރުކަން މީގެކުރިން ކުރެއްވި ގައިސަރަކީ ވެސް ނަސީމްގެ ދަރިއެކެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ރަނިން މޭޓުގެ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފައިސަލް ވާދަ ކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
ރައީސް ޞާލިޙާއެކު ދެވަނަ ދައުރެއް ފުރިހަމަ ކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރެއްވި ނަމަވެސް ރައީސް ޞާލިޙް ވަނީ އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމަށްވާ މުހައްމަދު އަސްލަމަށް ރަނިން މޭޓުކަން ދޭން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ