އެސްޖޭއިން އެދުނު ގޮތަށް ލަންކާ މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދެކޮޅު ހަދައިފި

އެސްޖޭ ކުންފުނީގައި ވަޒީފާއަދާކުރި ލަންކާގެ މުވައްޒަފެއްގެ ޕާސްޕޯޓް، އެ ކުންފުނިން އެދުނު ގޮތަށް ހިފަހައްޓައިދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދެކޮޅު ހަދައިފިއެވެ. އެސްޖޭ ކުންފުނީގެ ހޯލްސޭލް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރި ލަންކާ މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން އެ ކުންފުނިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެދުނީ، ލަންކާ މީހާ، އަސްލު އަގަށްވުރެ ހެޔޮކޮށް މުދާ ވިއްކި ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ. އަދި އެފަދައިން އެ ކުންފުނިން އެދުނީ ތިން ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް އެސްޖޭ ކުންފުންޏަށްވެފައިވާ ކަމަށް ބުނެ، އެ މައްސަލަ ހިނގަމުންދަނިކޮށް ލަންކާ މީހާ ފުރައިގެން ގޮސްފާނެތީއެވެ. އެސްޖޭގެ ދައުވާގެ ރައްދުގައި ލަންކާ މީހާގެ ފަރާތުން ވަނީ އޭނާގެ ޕާސްޕޯޓް މިހާރުވެސް އޮތީ އެސްޖޭގެ ހިޔާޒަތުގައިކަން ފާހަގަކޮށްފައެވެ. އެސްޖޭއިން، އެ މީހާގެ ޕާސްޕޯޓް ހިފަހައްޓައިދޭން އެދުނު ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އެއީ ކޯޓެއް ނޫން ކަމަށާއި، ކޯޓެއް ނޫން ކަމުން ކޯޓު އަމުރަކުން މެނުވީ ޕާސްޕޯޓް ނުހިފެހެއްޓޭނެ ކަމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން، މި ގޮތަށް ނިންމީ މިދިޔަ ހަފުތާގައެވެ. ދިވެހިރާއްޖޭގައި ބިދޭސީއެއްގެ ޕާސްޕޯޓް ހިފެހެއްޓޭނީ ވަކި ގާނޫނީ އުސޫލުތަކެއްގެ ދަށުން، ކޯޓު އަމުރެއް މެދުވެރިކޮށެވެ. ގާނޫނުއަސާސީއާއި ގާނޫނުތައް ބުނާގޮތުން، މީހެއްގެ ދަތުރުފަތުރުކުރުމުގެ މިނިވަންކަން ހިފެހެއްޓޭނީ ނުވަތަ ޕާސްޕޯޓް ހިފެހެއްޓޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުންނެވެ. ވަޒީފާދޭ ފަރާތަށް ނުވަތަ އަމިއްލަ ފަރުދަކަށް ބިދޭސީއެއްގެ ޕާސްޕޯޓް އޭނާގެ ނުރުހުމުގައި ހިފަހައްޓައިގެން ހުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. ޕާސްޕޯޓް ހިފެހެއްޓޭނެ ހާލަތްތަކުގެ ތެރޭގައި ޖިނާއީ މައްސަލައެއްގެ ތަހުގީގު މަރުހަލާގައި ބިދޭސީއަކު ކުށެއް ކުރިކަމަށް ތުހުމަތުކުރެވިގެން ފުލުހުން މައްސަލަ ތަހުގީގުކުރަމުންދާނަމަ، އޭނާ ފުރައިގެން ގޮސްފާނެތީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދެވިދާނެއެވެ. އަދި މަދަނީ މައްސަލައެއްގައި މީހަކަށް ފައިސާ ދައްކަންޖެހި ނުދައްކާ އޮތުމުން ނުވަތަ އެނޫންވެސް މަދަނީ ދައުވާއެއް ކޯޓުގައި ހިނގަމުންދާނަމަ، މައްސަލަ ނިމެންދެން ފުރުން މަނާކުރުމުގެ އަމުރަކަށް އެދެވިދާނެއެވެ. މީގެ އިތުރުން ވަޒީފާއާބެހޭ މައްސަލަތަކުގައި ވަޒީފާގެ އެއްބަސްވުމާ ޚިލާފުވެގެން ނުވަތަ ވަޒީފާދޭ ފަރާތަށް ލިބުނު ގެއްލުމެއްގެ ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ހާލަތްތަކުގައި ވެސް ޕާސްޕޯޓް ހިފެހެއްޓިދާނެއެވެ. އެކަމަކު އެއިން ކޮންމެ ހާލަތެއްގައިވެސް ޕާސްޕޯޓް ހިފެހެއްޓޭނީ ކޯޓު އަމުރަކުންނެވެ. ކޯޓުން މައްސަލަ ބެލުމަށްފަހު، އެމީހަކު ރާއްޖޭގައި މަޑުކުރުވަންޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތް ނަމަ، މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އެމީހަކު ފުރުން މަނާކުރުމުގެ އަމުރެއް ނެރޭނެއެވެ. މި އަމުރު ނެރުމުން، އިމިގްރޭޝަނުން އެމީހެއްގެ ޕާސްޕޯޓް "ބްލެކްލިސްޓް" ކުރާނެއެވެ. ވަޒީފާދޭ ފަރާތުން ބިދޭސީ މުވައްޒަފުގެ ޕާސްޕޯޓް އަތުގައި ބޭއްވުމަކީ ރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފު ކަމެކެވެ. ޕާސްޕޯޓަކީ އެމީހެއްގެ އަމިއްލަ އެއްޗެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ