ލިސާން 53

އެމީހުންގެ ވާހަކަތައް އަޑު އަހަރެން ހުރި އިންޖާބު، ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަ އެތަނުގައި ހުރެފައި ގެއްލުމަށްފަހު ދެން ފެނުނީ، ރަނީމްމެން ގޭ ކައިރިންނެވެ. ވަޅުލާފައިވާ ތަވީދު ބޭނުންކޮށްގެން ހަދާފައިވާ އެތިފަހަރަކީ ބާރުގަދަ އެތިފަހަރެއްކަން އިންޖާބަށް ވެސް ފަހުމްވިއެވެ. އެކަން ކޮށްފައިވަނީ ތަޖުރިބާ ހުރި މީހެއްކަންވެސް ފަހުމްވިއެވެ. އޭނަ އެ ވަޅުލާފައިވާ ތަނަށް ބަލަހައްޓައިގެން ހުއްޓެވެ. ސިހުރު ހެދި މީހާ އެކަންތައް ކޮށްފައިވާލެއް މޮޅު ނަމަވެސް، އެ ނެގުމަކުން ރަނީމްއަށް ގެއްލުމެއް ނުވާނެކަން އިންޖާބަށް އެނގުނެވެ. އެ ވާހަކަ އޭނަ ނަމީރުމެންނާ ހިއްސާކުރަން ބޭނުންވިއެވެ. ފުރަތަމަ ފަހަރަށް އޭނާ އަމިއްލަ އެދުން އެއްފަރާތްކޮށްލާފައި ވިސްނައިލަން ބޭނުންވީއެވެ. ދުނިޔޭގެ ހުރިހާ ކަމެއް ހިނގަން ޖެހޭނީ އޭނަ ބޭނުންވާ ގޮތަށް ނޫންކަމުގައި އަމިއްލަ ނަފްސަށް ވިސްނައިދޭން ބޭނުންވީއެވެ. އޭނަގެ ސަބަބުން އަމިއްލަ ދަރިފުޅަށް ލިބުނު ގެއްލުން ހަނދާން ނައްތައިލާނީ ކިހިނަކުން ހެއްޔެވެ؟ އަދިވެސް އެކަން މަތީން ހަނދާންވެ ދެރަވެއެވެ. އެއީ ހުވަފެނަކަށް ވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އެންމެ ދެރައީ ދެން ދުވަހަކުވެސް ނަމީރަށް އޭނަގެ ވަރަ ނުލިބޭނެތީއެވެ. އެއީ އެނދުމަށްފަހު އަލުން އަނބުރާ ލިބޭނެ އެއްޗަކަށް ނުވާތީއެވެ. ހަޤީޤަތުގައި ނަމީރާ ކުރިމަތިލާފައި އޭނައަށް ބުނާނެ އެއްޗެއްވެސް ނޭނގެނީއެވެ. މާފަށް އެދުމުގެ ހައްޤު ނެތްކަމުގައި އަމިއްލަ ނަފްސަށް ވެސް ޔަޤީންކުރެވެނީއެވެ. ބަތީލާވެސް ހުރީ އޭނަ ދެކެ ހިތްހަމަނުޖެހިފައެވެ. މުޅި ޢާއިލާވެސް ވަނީ އޭނައާ ދެކޮޅުވެފައެވެ. އެ މަންޒަރު ފެނުނީ ރުއްފަލުގައި ހުރި ގޮފިގަނޑެއްގައި އިން ދައިސަމްއަށެވެ. ގޭގައި ރައާބިލްމެން ތިއްބެއްކަމަކު އިންޖާބު ކޮންމެ ކަމެއް ކުރިނަމަވެސް، އެމީހުންނަށް ހިލަމެއް ނުވާނެކަން ދައިސަމްއަށް އެނގުނީ އިންޖާބުގެ ބާރުތަކުގެ ބޭނުންކޮށްގެން އެކަން އެގޮތަށް ކުރުމަކީ މާ އުނދަގޫކަމަކަށް ނުވާނެތީއެވެ. އޭނަ ގޮފިގަނޑުން ފުއްމައިލުމާއެކު ވައިގެ ތެރޭން މަސައްކަތްކުރީ ނާވީމެންނަށް އެ ޚަބަރު ދިނުމަށެވެ. އެހެންނަމަވެސް އޭނައަށް ނުދެވި އުޅެނިކޮށް އެތަނަށް އައި ވެލީގެ ތޫފާނާއެކު ދައިސަމްއަށް ވެސް އޭނަގެ ދެލޯ މަރައިލަން މަޖުބޫރުވިއެވެ. އޭނަ ދެން ލޯ ހުޅުވާލާފައި ވަށާ ބަލައިލިއިރު އިންޖާބެއް ނެތެވެ. ހަމައެއާއެކު އެގޭ ދޮރުމަތީގައިވަނީ ވަޅުގަނޑެކެވެ. އެތަނުގައި ޝާރިފް ވަޅުލި ތަވީދު ނެތްކަންވެސް އޭނައަށް އެހިނދު ފަހުމްވެއްޖެއެވެ. ދައިސަމް އަވަސްވެގަތީ ނާވީމެންނަށް އެ ޚަބަރު ދޭށެވެ. އޭނަ ރައާބިލްއާ ނާވީއަށް ގޮވުމަށްފަހު ގެއިން ނެރުނެވެ. އަދި އެ ވަޅުގަނޑު ދައްކައިލިއެވެ. "ތި ތަވީދު ތިޔަތަނުން ނެގީ ނާވީގެ ކާފަ." ދައިސަމް އޭނައަށް ފެނުނު މަންޒަރު ކިޔައިދިނެވެ. "ކާފައޭ؟" ނާވީއަށް އެ ވާހަކަ ޤަބޫލުކުރުމަކީ މާ ފަސޭހަކަމަކަށް ނުވިއެވެ. އިންޖާބުގެ މަޤްސަދަކީ އަނެއްކާ ކޮބައިހެއްޔެވެ؟ ރަނީމްއަށް ގެއްލުން ދިނުން ހެއްޔެވެ؟ ބަދަލު ހިފުމުގެ ރޫހުގައި ކުރެވުނު ކަންތައްތަކުން ލިބުނު ގެއްލުން އެހާ އަވަހަށް ހަނދާނުން ފިލައިގެން ދިޔައީ ހެއްޔެވެ؟ އެ ކަންތައް ކާފައަށް އެނގުނީވެސް ކިހިނަކުން ހެއްޔެވެ؟ ވިސްނަންވީ އެއްވެސް އެއްޗެއް ނާވީއަކަށް ނޭނގުނެވެ. އޭނަ ބޭނުންވީ ވީ އެންމެ އަވަހަކަށް ޝަހަރަށް ދިޔުމަށެވެ. މާމައާއި ބައްޕަމެންނަށް އެ ޚަބަރު ދިނުމަށެވެ. ރަނީމްއަށް އިތުރު ކަމެއް ވެދާނެތީ އޭނަ ކަންބޮޑުވިއެވެ. "އަހަންނަކަށް ހިޔެއްނުވޭ އެ ނަގައިގެން ރަނީމްއަށް ގެއްލުން ވާނެހެނެއް. އެހެން ނޫންނަމަ މިހާރު އޭނައަށް އުނދަގޫވާނެ." ރައާބިލް ވިސްނައިލިއެވެ. އޭނައަށްވެސް އިންޖާބުގެ މަޤްސަދު ދެނެގަތުންވީ އުނދަގޫކަމަކަށެވެ. "އަހަރެމެންނަށްވުރެ ހުރިހާ ގޮތަކުންވެސް ނާވީގެ ކާފަ މޮޅުވާނެ. ތަޖުރިބާ ހުންނާނެ. އޭނައަކީ އަހަރެމެންގެ ޝަހަރުގެ ރަސްގެފާނު. އެހެން ހުރިހާ ޝަހަރުތަކެއްގެ ޖިންނީންވެސް ނާވީގެ ކާފަ ދެކެ ބިރުގަނޭ. ދުޝްމަނުންވެސް ނާވީގެ ކާފައާ ކުރިމަތިލާން ޖެހިލުންވޭ." ދައިސަމްއަށްވެސް ބުނެވުނެވެ. "އެހެންވިޔަސް ކާފަ އެ ނަގަންވީ ކީއްކުރަން؟ މިހުރިހާކަމެއް އެނގުނު ގޮތެއްވެސް އެބަޖެހެއެއްނު ބަލަން." ނާވީ ބުންޏެވެ. "އަހަރެން ބޭނުން ކާފައާ ބައްދަލުކުރަން. ބައްޕަމެންނަށް މި ޚަބަރު ދޭން. އެކަކަށްވެސް ނޭނގި އެ ތަވީދު އޮތްތަނުން ނަގައިގެން ދިޔުމުގެ ބޭނުމަކީ ކޮބާ؟" ނާވީއަށް ބުނެވުނެވެ. އޭނައަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ބޭނުންވީ ޝަހަރަށް ދާންކަމުން، ރައާބިލްވެސް ނާވީ ހުއްޓުވާކަށް ނޫޅުނެވެ. ރައާބިލް ހުރީތީ ނާވީ ޝަހަރަށް ދާންވެގެން އަވަސްވެގަތީ ދައިސަމްވެސް ގޮވައިގެންނެވެ. ***** ނިދިފައި އޮތް ހާމިދަށް ސިއްސައިގެން ގޮސް ހޭލެވުނު އިރު އޭނަވަނީ ދާހިތްލާ ފޯވެފައެވެ. ލައިޓް ދިއްލައިލުމަށްފަހު ވަށައިގެން ބަލަމުން ދިޔައެވެ. ކޮޓަރީގެ ލައިޓު ދެފަހަރަކު ފިޔަޖަހާލިއެވެ. އެހިނދު އޭނަގެ ކަންފަތް ދޮށުން މީހަކު، ވައި އަޑުން ވާހަކަ ދައްކާހެން އޭނައަށް ހީވާން ފަށައިފިއެވެ. "އެތަވީދު އޮތްތަނުން ނަގައިފި. ކޮންމެވެސް މީހަކު އެ ނަގައިފި. އެކަމަކު ނެގީ ކާކުކަމެއް ނޭނގުނު..." ހާމިދަށް އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް ބުނެވުނުއިރު އޭނައަށް މާނޭވާ ލެވެއެވެ. އެނދުމަތިން ތެދުވުމާއެކު، އޭނަ އެ ދިޔަ ގޮތަށް ގޮސް ހުއްޓުނީ އޭނަ ފޮތްތައް ބަހައްޓާފައި ހުރި މޭޒުކައިރީގައެވެ. އަނެއްކާވެސް ކޮޓަރީގެ ފިޔަ ދެފަހަރަކު ޖަހާލައިފިއެވެ. ބައެއް ފޮތްތަކާ ބޭނުންވާ ސާމާނުތައް ދަބަހަށް އަޅާ އެ ހިފައިގެން ހާމިދު ކޮޓަރިން ނުކުންނަން ހިނގައިގަތީ ހަލުވި ފިޔަވަޅުތަކެއްގައެވެ. "އެހެން ކިހިނެއްވާނީ؟ މިއީ މީގެ ކުރިން ދުވަހަކުވެސް އަހަންނަށްވީ ކަމެއް ނޫން..." ހާމިދު އޭރުވެސް ހުރީ ހައިރާންކަމެއްގައެވެ. އޭނަގެ ސިހުރެއް އެފަދަ ގޮތަކަށް ދުވަހަކުވެސް މީހަކު ނަގާފައެއް ނުވެއެވެ. "ކަލޭމެން އަހަންނަށް ސާފުކޮށް ކިޔައިދީ އެ ނެގި މީހަކާ އެ ނެގި ސަބަބެއް؟" ހާމިދު ސުވާލުކޮށްލި ނަމަވެސް، އޭނައަށް ޖަވާބެއް ނައެވެ. އަވަސް އަރުވާލާފައި ގޮސް ގެސްޓް ހައުސްއިން ނުކުތުމަށްފަހު، އޭނަ ހިނގައިގަތީ ރުއްފަލާ ދިމާލަށެވެ. ރުއްފަލުން ލާފައި ގޮސް ފުނަ ގަސްތަކުގެ ތެރެއަށް ވަނުމާއެކު، ޖެހެން ފެށި ވައިރޯޅިތަކުން ހީވީ އޭނަވެސް ވަޔާ ދުރަށް ވިއްސާލަފާނެހެންނެވެ. އުޑުމަތި ސާފުނަމަވެސް، އެތަނަށް ހީވީ ވަރުގަދަ ތޫފާނެއް އައިސްފައިވާހެންނެވެ.، ބިންމަތީގައިވާ މުރަނަ ފަތްތައް، ވެސް އުދުހެން ފަށައިފިއެވެ. ހަމައެއާއެކު ޖެހެން ފެށި ވައިރޯޅިތަކާއެކު ފަޒާގައި ހިފާލާފައިވާ ބޫން އަޑުގެ އިތުރުންވެސް، އެހެނިހެން ބިރުވެރި އަޑުތަކެއް އިވެމުން ދިޔައެވެ. ހާމިދަށްވެސް ވަމުން ދިޔަގޮތެއް ނޭނގުނެވެ. އޭނަ ގޮސް، ގަހެއްގެ ބުޑުގައި އިށީނުމަށްފަހު، އަލިފާންގަނޑެއް ރޯކޮށްލައިފިއެވެ. އަދި ގެނައި ދެތިން އުއްބައްތި ދިއްލައިލުމަށްފަހު، ދެފައި ވަށްކޮށްލައިގެން އަލިފާންގަނޑު ދޮށުގައި އިށީނދެ ކޮންމެވެސް އެއްޗެއް ކިޔަވަން ފަށައިފިއެވެ. އެ ކިޔަވަމުން ދިޔަ ވަރަކަށް ތޫފާނުގެ އަސަރު ބޮޑުވަމުން ދާންފެށިހެން އޭނައަށް ހީވާން ފަށައިފިއެވެ. ހާމިދުގެ ކައިރީގައި އުޅޭ އޭނަގެ ވަފާދާރު ޖިންނިތަކުގެ މޫނުމަތީންވެސް ކަންބޮޑުވުން ފާޅުވާން ފެށިއެވެ. އެހެންނަމަވެސް ހާމިދު ހުއްޓައެއް ނުލައެވެ. އޭނަ ހަމަ ކިޔަވަނީއެވެ. އޭނައާ ދެކޮޅު ވަމުން ދިޔަ ޖިންނީން އޭނައަށް ކިޔަމަން ކުރުވުމަށްފަހު ހާމިދު ހަމަޖެހިއެވެ. "ކީކޭ؟" ލޯ މަރާލައިގެން އިނދެފައި ކުއްލިއަކަށް ލޯ ހުޅުވައިލިއެވެ. އޭނަގެ މޫނުމަތީން އޭރު ފެންނަމުން ދިޔައީ ހައިރާންކަމެކެވެ. "އެއީ ޖިންނީންގެ ހާއްޔެކޭ..." ހާމިދަށް ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ. ވީގޮތް އޭނައަށް އެނގެމުން ދިޔަވަރަކަށް ހައިރާންވެސް ވަމުން ދިޔައެވެ. ރަނީމްގެ މަންމައާއި ޖިންނިއަކާއި ގުޅުމެއް އޮތްކަމުގައިވާނަމަ ރަނީމް ފުރިހަމަ އިންސާނަކަށް ވާންވީ ކީއްވެހެއްޔެވެ؟ އޭނަ އިތުރަށްވެސް ކަންތައް އެނގޭތޯ ބެލިއެވެ. އެހެންނަމަވެސް ރަނީމްވަނީ ހަމަ ފުރިހަމަ އިންސާނަކަށެވެ. އެހެންވާންވީ ސަބަބެއް އޭނައަކަށް ނުވިސްނެއެވެ. "ކަލޭމެން އަހަރެންގެ ކައިރީގައި ދޮގު ހަދަނީތަ؟ އެންމެން އަންދައިލާނަން." ހާމިދު ރުޅިވެރިކަމާއެކު ބުނެލިއެވެ. އޭނަ އެ އެއްޗެއްސަށް ބިރު ދައްކަން ފެށިއެވެ. އެހެންނަމަވެސް އެ މަޚްލޫޤުންގެ ބަސް ބަދަލެއް ނުވިއެވެ. އެގެއަށް އައިސް ގޮތް އުޅޭ ޖިންނީންގެ ބާރުގަދަކަން އެމީހުން ކިޔައިދިނެވެ. ހާމިދު އެކަން ޤަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. އޭނަ ހީކުރަނީ ޖިންނީން އޭނަގެ އަމުރާ ދެކޮޅު ހަދަނީ ހެންނެވެ. "ކަލޭމެންގެ ހިމާޔަތުގައި އަހަރެން ހުންނައިރުވެސް ބިރުގަންނަނީތަ؟ ކަލޭމެން އަންދައިލުމުގެ ބޭރު އަހަންނަށް ލިބިފަ ވާގޮތަށް އެމީހުންވެސް އަންދައިލެވޭނެ." އެންމެފަހުން ހާމިދު ބުނެލިއެވެ. އޭނަ ކިޔެވެލި އިތުރަށް ބާރުކޮށްލިއެވެ. ***** ނާވީއާއި ދައިސަމްއާ އެކުގައި ގޮސް، ގަނޑުވަރަށް ވަނެވެ. އެމީހުން އެންމެ ފުރަތަމަ ބައްދަލުކުރީ ނަމީރާއެވެ. ނަމީރަށް އެ ވާހަކަތައް ކިޔައިދިނުމުން އޭނައަށްވެސް ލިބުނީ ހައިރާންކަމެކެވެ. "ރަނީމްއަށް ގޮތެއް ނުވޭތަ؟" ނަމީރު ސުވާލުކޮށްލުމާއެކު އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. "ކާފަ މަޤްސަދަކީ ކޮބައިކަން އެނގެން އަޅުގަނޑު ބޭނުން." ނާވީ ބުނެލިއެވެ. "މިހާރު... މިވަގުތު..." ނާވީގެ އަޑު ތަންކޮޅެއް ބާރުވެލިއެވެ. އޭނަ އެންމެ ސިކުންތުކޮޅެއްވެސް މަޑުކުރާކަށް ބޭނުމެއް ނޫނެވެ. ވީ އެންމެ އަވަހަކަށް ހުރިހާކަމެއްވެސް އެނގެން ނާވީ ބޭނުމެވެ. އޭނަ ނަމީރާއެކު އިންޖާބު ހޯދުމަށްޓަކައި ގަނޑުވަރުން ނުކުތީ، ގަނޑުވަރުގައި އިންޖާބު ނެތްކަން ޔަޤީންކުރުމަށްފަހުއެވެ. ޝަހަރުގެ އެތައް ތަނެއްގައި އެމީހުން އިންޖާބު ހޯދުމަށްޓަކައި އަތް ފުނާ އެޅިއެވެ. އެހެންނަމަވެސް އިންޖާބެއް ނުފެނުނެވެ. އެތަކެއް އިރެއްގެ މަސައްކަތުން އެމީހުންނަށް އިންޖާބު ފެނުނީ ގަނޑުވަރުގ ބިއްދޮށު ފަރާތުން ނުކުމެގެން ގޮސް ވަދެވޭ ބޮޑު ބިޔަ ޖަންގަލީގެ ތެރެއިންނެވެ. އިންޖާބު ހުރީ އެތަނުގައި ހުރި ގަހެއްގެ ކައިރީގައެވެ. އޭރު އޭނަގެ އަތުގައި ތަވީދު އޮތެވެ. "ކާފާ..." ނާވީގެ އަޑާއެކު އިންޖާބު ފަހަތް ބަލައިލިއެވެ. ނާވީއާއެކު ތިބި ނަމީރާ ދައިސަމްވެސް އޭނަގެ ލޮލުގައި އަޅައިގަތެވެ. ދެން ބަލައިލެވުނީ އަތުގައި އޮތް ތަވީދަށެވެ. ކަންތައްވީ ގޮތް ދެނެގަނެވުނު އިންޖާބު އެ އެންމެންނާ ކުރިމަތިލިއެވެ. "ކާފަގެ މަޤްސަދަކީ ކޮބާ؟" ނާވީގެ އަޑުގައިވަނީ ޝައްކުގެ އަސަރެވެ. އޭނަގެ އަޑުން ކުޑަ ހަރުކަށިކަމެއް ފާޅުވީ ސަބަބަކީވެސް އެއީއެވެ. އޭނަ އިންޖާބާ ގާތަށް ފިޔަވަޅެއް އަޅައިލިއިރު އެ އަޑުގައި ސާބިތުކަންވެއެވެ. ކޮންމެ ކަމެއްވިޔަސް ފަހަތަށް ނުޖެހޭނެކަން އޭނަގެ މޫނުމަތީގެ ކުލަވަރުތަކުން އެކަނިވެސް ދޭހަވަމުން ދިޔައެވެ. އޭނަ ކިތަންމެ ކާފަ ދެކެ ލޯބިވިއެއްކަމަކު އިތުބާރެއް ނުކުރެވޭނެއެވެ. "ބައްޕާ... ތި ތަވީދު... އެތަނުން ތި ތަވީދު ބައްޕަ ނެގުމުގެ ބޭނުމަކީ ކޮބާ؟" ނަމީރަށް ވެސް ސުވާލުކޮށްލެވުނެވެ. "ދަރިފުޅާ... މި އެތަނުން ނެގުމަކުން ރަނީމްއަކަށް ގެއްލުމެއް ނުވާނެ." އޭނަގެ ކުރިމަތީގައި ތިބި ކޮންމެ މީހެއްގެ މޫނުމަތީގައިވަނީ ޝައްކުގެ އޮއިވަރެކެވެ. އެކަން ހަމަ ރަނގަޅަށްވެސް އިންޖާބަށް އެނގެއެވެ. ސަބަބުވެސް މެއެވެ. އެހެންކަމުން އެމީހުންނަށް ވިސްނައިދެވޭތޯ އިންޖާބު މަސައްކަތްކުރިއެވެ. އޭނަގެ އަޑުގައި މަކަރުވެރިކަމެއް ނެތެވެ. އޮޅުވާލުމެއް ވެސް ނެތެވެ. އެހެންނަމަވެސް، ނަމީރުމެންނަށް އެ ކަންތައް ޤަބޫލުކުރުން ވީ ނުހަނު ދަތި އުނދަގޫކަމަކަށެވެ. އިންޖާބަށް އިތުބާރުކުރަން އެކަކަށްވެސް ފަސޭހައެއް ނުވިއެވެ. އެއީ ހަމަ ރަނީމްއާ ރަނީމްގެ އާއިލާއަށް ގެއްލުންދޭން ވެގެން މަސައްކަތްކުރި އިންޖާބެވެ. "ޤަބޫލުކުރޭ. މި އެތަނުން ނެގުމަކުން ވާނެ ގެއްލުމެއް ނޯންނާނ." އިންޖާބު ބުނެލިއެވެ. "އެ އިންސި ސިހުރު ހަދަމުން އެ ދަނީ އަހަރެމެންނާ އެންމެ ވަރުގަދަ ދުޝްމަނު ކަމެއް އޮތް ޝަހަރުގެ ޖިންނީން ބޭނުންކޮށްގެން." އޭނައަށް އެނގޭ މިންވަރަކުން އިންޖާބު އޮޅުން ފިލުވައިދެމުން ދިޔައެވެ. "އަދި އެއް ކަންތައް. މީތި އެތަނުން ނުނަގައިފި ނަމަ، ސަމްރާ... ސަމްރާގެ ފުރާނައަށް ނުރައްކާވާނެ. މި ސިހުރު ހަދަފައިވާ ގޮތަކީ އެއީ." އިންޖާބުގެ ވާހަކައިން އެމީހުން އެންމެންނަށް ހައިރާންކަން ލިބިގެން ދިޔައެވެ. އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. އަދިވެސް އިންޖާބުގެ ވާހަކަ ޤަބޫލުކުރަން އެމީހުންނަށް ދަތިވަނީއެވެ. "މި އެތަނުން ނެގި ހިސާބުން އެ އެއްޗެއްސަށް އެނގޭނެ މި އެތަނުން ނަގައިފިކަން. އަދި އެ ސިހުރުވެރިޔާއަށްވެސް އެކަން އެނގޭނެ. އޭނަ އިތުރު ކަމެއް ކުރުމުގެ ކުރިން އަހަރެމެން ޖެހޭނެ ސަމްރާއަށް ވެސް ރައްކާތެރިކަން ފޯރުކޮށްދޭން. އެ ސިހުރު ވެރިޔާއަށް ނޭނގެނީ ޖިންނީންގެ މަކަރުވެރިކަން. އޭނަ ސިހުރު ހެދީ ކޮންމެ ގޮތަކުންވެސް އެ ފިރިހެން ކުއްޖާއަށް ރަނީމް ހާސިލްކޮށްދިނުމަށް. އެ ކަންކުރުމަށްޓަކައި އޭނަ ސަމްރާވެސް ޤުރުބާންކުރީ..." އިންޖާބު އަނެއްކާވެސް ވާހަކަ ދެއްކިއެވެ. "އަހަންނަކަށް ހިޔެއްނުވޭ އޭނައަށް ޤުރުބާންކުރެވުނީ ކާކު ނުވަނަ ކޯންޗެއްކަންވެސް އެނގޭހެނެއް. އޭނަ ހީކުރަނީ ތިން ދުވަސްތެރޭ ރަނީމް މިއަށް އަރައިފިނަމަ މި ސިހުރު ޖެހޭނީ ރަނީމްއަށްކަމަށް. އޭނައަކީ ތަޖުރިބާ ހުރި މީހެއް. އެހެންނަމަވެސް އެ ސިހުރުވެރިޔާ މިފަހަރު އޮޅިގެންވިޔަސް ނޫނީ ގަސްތުގައި ވިޔަސް މިއޮތީ ސަމްރާއަށްވެސް ގެއްލުން ލިބޭނެގޮތަށް ސިހުރު ހަދާފަ. " އިންޖާބު ބުންޏެވެ. "ރަނީމް މިއަށް ނޭރިނަމަވެސް، މިރެއިން ފެށިގެން ސަމްރާއަށް ގެއްލުން ވާން ފަށާނެ..." "ދެން ކިހިނެއް ހެދޭނީ؟" ނާވީއަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނެވެ. "ނަމީރު.... ބައްޕައަށް މާފުކުރޭ..." ނާވީ ބުނި ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އިންޖާބު ނަމީރަށް ބުނެލިއެވެ. ނަމީރު ކުރިއަށް ޖެހިލުމުން އިންޖާބު އައިސް އިސްވެ ނަމީރުގެ ގައިގައި ބައްދައިލިއެވެ. "ދެން ކަންތައް ވާނީ ކިހިނެއްކަން ކާފައަށް ލަފާކޮށްލެވޭ... މިއީ ފަސޭހަކަމަކަށް ނުވާނެ... ކާފައަށް އެނގޭ އެއިން އެކަކަށްވެސް ގެއްލުން ވާތަން ބަލަން ނާވީ ނުހުންނާނެކަން. ކޮންމެ ގޮތަކުންވެސް ރަނީމް ހިމާޔަތްކުރާނެކަން. އެހެންވީމަ ނާވީގެ ހައްޤުގައި ކާފައަށް ކޮށްދެވޭނެކަމަކީ މިއީ....." އިންޖާބު އެހެން ބުނެލިއެވެ. އެވަގުތު އޭނަގެ ގާތުން ވަރަށް މުސްކުޅި ވަރެއްގެ މީހެއް ފާޅުވެއްޖެއެވެ. އެމީހާ ހުރީ ހުދުކުލައިގެ ހެދުމެއްގައެވެ. ތުނބުޅީގައިވަނީ ވެސް ހުސް ނުރަ ޖަހާފައެވެ. އިސްތަށިގަނޑުވެސް ހުރީ އެކީ ނުރަވެފައެވެ. މޫނުމަތީގައިވަނީ ހުސް ރުލެވެ. ހުރީވެސް ކުޑަކޮށް ގުދުވެލައިގެން ކަހަލަ ގޮތަކަށެވެ. އަތުގައި ދަނޑިގަނޑެއް އޮތެވެ. އެމީހާއަށް އިންޖާބު ފެނުމާއެކު އައިސް އިންޖާބުގެ ގައިގައި ބައްދައިލިއެވެ. އެއީ ދުވަހަކުވެސް ނަމީރު އަދި ނާވީއަށްވެސް ފެނިފައިވާ މީހެއް ނޫނެވެ. އެމީހުންގެ މޫނުމަތީން ހައިރާންކަން ފާޅުވަމުން ދިޔައެވެ. "މިއީ އުސޫދު. މިއީ މި ޝަހަރުގެ ޖިންނިއެއް. އެހެންނަމަވެސް، މި ޝަހަރު ދޫކޮށް ދިޔަތާ މިހާރު ވަރަށް ޒަމާންވެއްޖެ." އިންޖާބު ބުނެލިއެވެ. އޭނަ އުސޫދުގެ ތަޢާރަފެއް ދިނެވެ. އަދި އޭނަގެ ބޭސްވެރިކަމާއި މޮޅުކަމުގެ ވާހަކަތައް ކިޔައިދިނެވެ. ސަމްރާއާއި ރަނީމްގެ ހިމާޔަތަށް ކަމެއް ކޮށްދެވޭނީ ހަމައެކަނި އޭނައަށް ކަމުގައި އިންޖާބު ބުނެލިއެވެ. އުސޫދާ އިންޖާބުގެ ގާތްކަން އެމީހުން އެންމެންނަށްވެސް ފަހުމްވިއެވެ. "އެމީހަކު މިހާރުވެސް އެބަ ސިހުރު ހަދާ...." އިންޖާބު ތަވީދު ދައްކައިލުމާއެކު އުސޫދު، ބުނެލިއެވެ. "އިންޖާބު ތި ނެގިކަން އެ ސިހުރު ވެރިޔާއަށް އެނގޭ. އޭނަ ކައިރީގައި އުޅޭ ޖިންނީންގެ ރުޅީގެ އަމާޒު ފަތްގަނޑަކަށް އޭނަ ވެއްޖެ. އެކަމަކު، އެ އެއްޗެހި ކިޔަމަން ކުރުވޭހާ އޭނަ ބާރުގަދަ. ހަޤީޤަތުގައި ތި ސިހުރު ހެދި ހެދުމުގައި އޭނައަށް ވަނީ ގޯހެއްވެސް ހެދިފައި..." އުސޫދު ބުނެލިއެވެ. އިންޖާބު އެމީހުންނަށް ދެން ހެދޭނެ ގޮތަކާ މެދު އުސޫދާ ސުވާލުކޮށްލިއެވެ. "އަހަރެން ތިކަމުގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނޫން. އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ވެސް ނިމިދިޔައީ ތިކަހަލަ ކަމެއްގެ ތެރޭގަ. ނުބައި ސިހުރުވެރިއެއްގެ އަނިޔާގައި..." އުސޫދުގެ މޫނުމަތީން މާޔޫސްކަން ފެނިލިއެވެ. "އަހަރެން ނޫޅެން އެއްގޮތަކަށްވެސް ކަލޭ މިކަމުގެ ތެރެއަށް ވައްދާކަށް. އަހަރެން ބޭނުންވީ މިއާ ބެހޭގޮތުން ކަންތައްތައް އެނގެން. އޭރުން އެކަމާ އަހަރެން އަމިއްލައަށް ކުރިމަތިލާނަން." އިންޖާބު ބުނެލިއެވެ. އޭނަ ބޭނުންވާ ވަރަށް މައުލޫމާތު އުސޫދު ދިނެވެ. ***** ނިދިފައި އޮތް ސަމްރާ ހަޅޭއްލަވައިގަތެވެ. ރައާބިލްވެސް ވަގުތުން އެތަނަށް އަތުވެއްޖެއެވެ. ނިދިފައި އޮތް ރަނީމްއަށްވެސް ހޭލެވިއްޖެއެވެ. "މަންމާ... ކިހިނެއްވީ؟" ލައިޓް ދިއްލައިލަމުން، ރަނީމް ސުވާލުކޮށްލިއެވެ. އޭރު އޭނަގެ މަންމަ ހަމަ ތެޅި ފޮޅެނީއެވެ. ސަމްރާއަށް ހީވަނީ އޭނަގެ ގައިން ދިލަ ހޫނެއް އަރަމުންދާ ހެންނެވެ. ބަޔާން ކުރަން ދަތި ވޭނެއް އޭނަގެ ހަށިގަނޑުގައި އަޅަމުން ދިޔައެވެ. އެއީ ސިހުރުވެރިއެއްގެ ނުބައިކަން ރައާބިލްއަށް އެނގުނީ އޭނައަށް ސަމްރާގެ ކައިރީގައި ހުރި މަޚްލޫޤު ފެނުމުންނެވެ. "ނޫން..." ރައާބިލްއަށް ބުނެވުނެވެ. އޭނަ އެ މަޚްލޫޤާ ކުރިމަތިލާންފެށި ވަގުތު ރަނީމްގެ ލޯމަތީން ރައާބިލް ގެއްލުނެވެ. އޭނަ ގޮސް ސަމްރާގެ ގާތުގައި އިށީނދެފައި ގެނެސް މޭގައި ލައްކޮށްލައިފިއެވެ. ސަމްރާގެ ވޭނަށް ލުޔެއް ދޭނެ ގޮތެއް ރަނީމްއަކަށް ނޭނގުނެވެ. "ނާވީ... ނާވީ...." އެންމެފަހުން ރަނީމްއަށް ބާރަކަށް ހަޅޭއްލަވަން ފެށުނެވެ. "ނާވީ... ބައްޕާ..... މަންމާ...." ރަނީމްގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ސަމްރާގެ ކަޅި މައްޗަށް އަރަން ފެށިއެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުން އޭނައަށް ހީވަނީ ދެންމެ ދެންމެ މި ދުނިޔެއަށް އަލްވަދާޢު ކިޔަން ޖެހިދާނެހެންނެވެ. ހަދާނެ ގޮތް ނޭނގިފައި އިން ރަނީމް އޭނަގެ އަތުގައި އޮތް އުޅާ ނަގަން ވެގެން އުޅުނު ވަގުތު، ނޫފެހި އައްޔަކާއެކު އެތަނަށް އައި ނާވީ، ރަނީމްގެ އަތުގައި ހިފައްޓައިލަމުން، ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭރު އޭނަގެ ގާތުގައި ދައިސަމްވެސް ހުއްޓެވެ. ރައާބިލްއާ އިތުރު މަޚްލޫޤަކާ ތަޅާފޮޅަމުން ދިޔައީތީއާ ރައާބިލްއަށް ވުރެ އެ މަޚްލޫޤުގެ ބާރުގަދައީތީ ރަނީމްއާ އިތުރަށް ވާހަކަ ދައްކާނެ ފުރުސަތެއް ނާވިއަކަށް ނުލިބުނެވެ. އޭނަވެސް ގެއްލުނީއެވެ. ގޭގެ ބޭރުން ދެން އިވެން ފެށީ ބާރުގަދަ އަޑުތަކެކެވެ. ބަރު އަޑުތަކެކެވެ. ރަނީމް އޭރުވެސް ސަމްރާ ހަމައަކަށް އަޅުވަން މަސައްކަތްކުރަނީއެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، އަޑު މަޑުވެ އެ ތިން މީހުން އެތަނަށް އަތުވެއްޖެއެވެ. ރައާބިލް ސަމްރާގެ ގާތުގައި އިށީނުމަށްފަހު ސަމްރާގެ އަތުގައި ހިފައްޓައިލިއެވެ. ނާވީ ގޮސް ރަނީމް އޭނައާ ގާތްކޮށްލިއެވެ. އަދި ރަނީމްގެ ކަރުނަތައް ފުހެދިނެވެ. އޭނައަށް އިތުބާރުކުރުމަށްބުނެފައި ނާވީ އަދި އޭނަ ދާން ޖެހޭކަމުގައި ބުނެލިއެވެ. މާބޮޑު ތަފްސީލެއް އެހެންނަމަވެސް ނާވީ ނުދެއެވެ. ރައާބިލްގެ ގާތުގައި މަޑުކުރުމަށް ބުނެފައި ނާވީއާއި ދައިސަމްއާ ދެމީހުން އެތަނުން ދިޔުމަށް އަވަސްވެގަތް ވަގުތު ރަނީމް ނާވީގެ އަތުގައި ހިފައްޓައިފިއެވެ. "ވެގެން އުޅޭ ގޮތެއް އަހަންނަށް ކިޔައިދީބަލަ. ހެޔޮނުވާނެ." ރަނީމްއަށް ރޮވިފައި ބުނެވުނެވެ. އެންމެން އޭނައަށް ކަންތައްތައް ސިއްރުކުރަނީ ކީއްވެހެއްޔެވެ؟ "ފަހުން... މިހާރު ވަގުތެއް ނެތް..." ނާވީ ރަނީމްގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ. "ނޫން... ނުދޭ..." ބޮޑުކަންތައް ގަނޑެއް ހިނގަމުން ދިޔަކަން ރަނީމްއަށް ޔަޤީންކުރެވުނު ހިނދު ނާވީ ފޮނުވަން އޭނަގެ ހިތް ދެކޮޅު ހެދިއެވެ. ކޮންމެވެސް ބޮޑުކަމެއް ވާން އުޅޭކަމުގެ ލިސާންތައް އޭނައަށް ފެންނަން ފަށައިފިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ