ވަރި އެލަވަންސާއި އެކި ނަންނަމުގައި ފައިސާ ބެހުން: ދެކޮޅު ޖެހޭތަ؟
މިސާލަކަށް ފާތުމައަކާއި އާމިނަތެކެވެ. އޭގެ ތެރެއިން ފާތުމަތުގެ ކައިވެންޏަށް ތިން ކުދިން ލިބުނު ފަހުން އޭނާގެ ފިރިމީހާއަށް "ހަގީގީ ލޯބިވެރިޔާ" ފެނިގެން ވަރިކޮށްފައި ގޮސްފިއެވެ. ދަރިއަކަށް ޚަރަދު ނުދޭތާ ބައްޕައެއްގެ އެއްވެސް ޒިންމާއެއް ނުއުފުލައެވެ. ފާތުމަގެ މަންމައާއި ބައްޕަގެ ބަލި ހާލަތު ހުރިގޮތުންނާއި އެކަށީގެންވާ ތައުލީމެއް ލިބިފައި ނެތުމުންނާއި ދަރިން ބެލެހެއްޓޭނެ އެހެން ގޮތެއް ނެތުމުން ފާތުމައަށް އާމްދަނީއެއް ހޯދަން މަސައްކަތް ކުރެވޭކަށް ނެތެވެ. އެހެންވެ، އޭނާގެ އާއިލާގެ ޚަރަދު ބަރަދު ހަމަޖައްސަމުން އަންނަނީ އެކަނިވެރި މައިންނަށް ދައުލަތުން ދޭ އިނާޔަތާއި މަންމައާއި ބައްޕައަށް ލިބޭ އުމުރުން ދުވަސްވީ މީހުންގެ އެލަވަންސުންނެވެ. އެ ފަގީރު އާއިލާއަށް ދައުލަތުން މަހަކު 22,000 ރުފިޔާ ދެއެވެ. ޒަވާޖީ ހަޔާތުގެ ކަންތަކުގައި އާމިނަތަށް ވެސް ޖެހުނީ ފާތުމައަށް ޖެހުނު ދަތުރެވެ. ތިން ކުދިން ލިބުނު ހިސާބުން ފިރިމީހާއަށް "އަސްލު މީހާ" ފެނިގެން ވަރިކޮށްފައި ގޮސްފިއެވެ. ނަމަވެސް، އާމިނަތުގެ ނަސީބު ރަނގަޅުކަމަކީ ފިރިމީހާ ދަރިންނަށް ބަރާބަރަށް ޚަރަދު ކުރެއެވެ. ގާނޫނުގައި އޮންނަ މިންވަރަކަށް ނޫނެވެ. އެއަށް ވުރެ އިތުރަށް ވެސް ފައިސާއާއި އެހެން އެހީތައް ވެސް ބުނެލާއިރަށް ދެއެވެ. އަދި، އާމިނަތަކީ މާލޭ މީހަކަށް ވީމާ ގެ ކުލި ވެސް ލިބެއެވެ. އޭނާ އެ ނަގަނީ ނަގުދު ފައިސާގެ ގޮތުގައެވެ. އަނެއްކޮޅުން އާމިނަތުގެ ބައްޕަގެ މެދުފަންތީގެ ވިޔަފާރި އެއްވެސް އޮންނާތީ އެއީ ތަނަވަސް އާއިލާއެކެވެ. ނަމަވެސް، އާމިނަތު ވެސް އުޅެނީ އެކަނިވެރި މައިންގެ އެލަވަންސް ނަގައިގެންނެވެ. އަދި، މަންމައާއި ބައްޕަގެ ތަނަވަސްކަމާއެކު ވެސް އެ ދެމަފިރިންނަށް ވެސް އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ވެސް ލިބެއެވެ. އެ ތަނަވަސް އާއިލާއަށް ދައުލަތުން މަހަކު 22,000 ރުފިޔާދެއެވެ. ސުވާލަކީ މިއީ ހަމަ ރަނގަޅު ގޮތްތޯއެވެ؟ ދިވެހި ރައްޔިތުންކަމަށް ވީމާ އެންމެން ވެސް ވާނީ ހަމަހަމަ ކަމަށް ވިސްނާ ބަޔަކަށް މިއީ ރަނގަޅު ގޮތަށް ވެދާނެއެވެ. ނަމަވެސް، ދެކޮޅު ޖެހޭގޮތަށް ދައުލަތުން ޚަރަދު ބަރަދުކުރަން ވިސްނާ ބަޔަކަށް މިއީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. އަދި، މުޅި ދުނިޔެއަށް ނަމޫނާއަކަށް ވެފައިވާ ސިންގަޕޫރަށް ބަލާއިރު ވެސް މިއީ މިކަން އޮންނަ ނިޒާމެއް ނޫނެވެ. މި ދެ މިސާލަށް ބަލާއިރު ސިންގަޕޫރުގައި ނަމަ ދައުލަތުގެ އެހީތެރިކަން ލިބޭނީ ފާތުމައަށާއި އެ އާއިލާއަށެވެ. އައިމިނަތުގެ އާއިލާއަށް ދައުލަތުގެ ފައިސާ އެ ގޮތަކަށް ސިންގަޕޫރަކުން ނުދޭނެއެވެ. އެއީ، އެ އާއިލާއަކީ ތަނަވަސް, ފުދުންތެރިކަން ހުރި އާއިލާއަކަށް ވާތީއެވެ. https://www.sun.mv/215889 ސަބްސިޑީތައް: ހަމައެއް ލަމައެއް ނެތް ދަރަނިން ސަލާމަތް ނުވެގެން އުޅޭ, މި ދިވެހި ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވެސް ރައްޔިތުންނަށް އެންމެ ގިނައިން ސަބްސިޑީއާއި އެލަވަންސްތައް ދޭ އެއް ގައުމެވެ. މިކަން ބޮޑަށް ފެށިގެން އައީ ރައްޔިތުންގެ ސީދާ ވޯޓަކުން ވެރިއަކު އިންތިޚާބުކުރަން 2008 ވަނަ އަހަރު ފެށި ހިސާބުންނެވެ. ރައްޔިތުންނަށް އެހީތެރިވުމަކީ ވަރަށް ވެސް ރަނގަޅު ކަމެކެވެ. ނަމަވެސް، ރާއްޖެއަށް މިކަން ބުރައަކަށްވެފައި މިވަނީ ފަގީރެއް, ތަނަވަސް މީހެއް ބެލުމެއް ނެތި އެންމެނަށް މި އެލަވަންސްތައް ބަހާތީއެވެ. ރާއްޖޭގައި ސަބްސިޑީއާއި އެލަވަންސްތައް ދެމުން އަންނަ ކަންކަމުގެ ތެރޭގައި ކަރަންޓް ބިލާއި ފެންބިލުގެ އިތުރުން ތެލާއި ކާޑުގެ ބާވަތްތަކާއި ސިއްހީ ފަރުވާއާއި ތައުލީމާއި, އެކަނިވެރި މައިން/ބަފައިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ކޮންމެ ވެސް ކަހަލަ އުސޫލުތަކެއް ހަދާފައި ހުރި ނަމަވެސް މީގެން ސަބްސިޑީތަކާއި އެލަވަންސްތައް ދެމުން އަންނަނީ ހަމައެކަނި އެ ހައްގު މީހުންނަށް އެކަންޏެއް ނޫނެވެ. އެންމެ ތަނަވަސް މީހާއާއި އެންމެ ނިކަމެތި މީހާއާ އެއްވެސް ތަފާތެއް ނެތް އުސޫލުންނެވެ. މިއީ ދައުލަތަށް ބުރަ ބޮޑުވާ ސަބެބެވެ. މިހާރު 10,000 ރުފިޔާއާ ހަމައަށް އެކަނިވެރި މައިން/ބަފައިންނަށް ދެމުން އަންނަ އެލަވަންސް 12,000 ރުފިޔާއަށް ބޮޑުކުރަން މި ސަރުކާރުން މި ފަހުން ނިންމިއިރު މިއީ ބަލާލަން ރަނގަޅު ކަމެކެވެ. އޭގެ ސަބަބުން ވަރިގިނަ ވެދާނެތޯ ނޫންތޯ, އެ ބަހުސް އިހަށް ބާއްވާލާނަމެވެ. މިހާރު ވެސް އުސޫލު އޮންނަ ގޮތުން އެ އެލަވަންސް ލިބޭނީ ވަކި ވަރަކަށް އާމްދަނީ ނުލިބޭ މީހުންނަށެވެ. ނަމަވެސް، ކަން ވަނީ އެގޮތަކަށް ނޫނެވެ. އިތުރުބާރު ހުރި މަސްދަރުތަކުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އެ އެލަވަންސް ލިބުން ހައްގު ނޫން އެތައް ބަޔަކު އެ އެލަވަންސް ނަގާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އޭގެ ތެރެއިން ބައެއް މީހުން އެ އެލަވަންސް ނަގަނީ ފަހުން ކައިވެންޏެއް ކުރި ނަމަވެސް އެކަން ކުރިކަން ކަމާ ބެހޭ އިދާރާއަށް ނާންގައި ބާއްވައިގެންނެވެ. އަދި، ރާއްޖޭގެ ކޯޓުން ވަރިވުމަށް ފަހު, އަވައްޓެރި ގައުމަކަށް ގޮސް އިނދެގެން އައިސް އެކުގައި އުޅޭ ބައެއް ދެމަފިރިން ވެސް އެ މީހުން އިންކަން ނާންގައި، މި އެލަވަންސް ނަގާކަން "ސަން"އަށް ވަނީ އެނގިފައެވެ. މީގެ އިތުރުން، މާލޭގެ ގެތަކުން ކުލި ލިބޭ މީހުން އެ ކުލި އެހެން އެކައުންޓްތަކަށް ޖަމާކޮށްގެން, އޭނާއަށް އާމްދަނީއެއް ނުލިބޭކަން ދައްކައިގެން ވެސް މި އެލަވަންސް އެބަ ނަގައެވެ. މިހާރުގެ ޚަރަދުބަރަދު ހުރިގޮތުން 10,000 ރުފިޔާއިން ނުވާނަމަ 12,000 ރުފިޔާއަށް ދައުލަތުން ދޭ އެހީ ބޮޑުކޮށްދިނުން މައްސަލައަކަށް ވަނީއެއް ނޫނެވެ. މީގައި މައްސަލައަކީ އެ އެލަވަންސް ދިނުމުގައި ހައްގު މީހާއާއި ހައްގު ނޫން މީހާއާ ޔަގީންކުރެވޭނެ ރަނގަޅު ގޮތެއް ނެތުމެވެ. ހަމައެކަނި އެ އެލަވަންސެއް ނޫނެވެ. އުމުރުން ދުވަސްވީ މީހުންނަށް ދޭ 5000 ރުފިޔާ ވެސް ހަމައެގޮތެވެ. ދިވެހި ރައްޔިތަކަށް ވީތީ މިލިއަނަރަކަށް ވެސް އެ އަދަދު ލިބެއެވެ. އަދި، ފަގީރު މީހާއަށް ވެސް ލިބެނީ އެ އަދަދެވެ. އާސަންދަ ވެސް ހަމަ އެގޮތެވެ. އަދި، ބައެއް ސިއްހީ އެހީގެ ޕެކޭޖުތަކުގެ ތެރޭގައި ބޮޑެތި ތަފާތު ކުރުންތައް ވެސް އެބައޮތެވެ. މިސާލަކަށް ސިފައިންނާއި ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް ބޭސް ފަރުވާ ކުރަން ދޭ އިނާޔަތެވެ. އެ މީހުންނަށް އެ އިދާރާތަކުގެ ތެރެއިން އޮންނަ ނިޒާމަކީ ވަކި ލިމިޓެއް ނެތް ނިޒާމެކެވެ. އަނެއްކޮޅުން ދިވެހި އެހެން ރައްޔިތުންނަށް ހިލޭ ނުލިބޭ ސިއްހީ ޚިދުމަތްތައް އެ މީހުންނަށް ލިބެއެވެ. އެކަން ވަކި އިންޝުއަރެންސް ނިޒާމެއްގެ ތެރެއިން ކުރަން ލަފާ ދިންތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. އެކަމެއް ނުކުރެއެވެ. ހަމައެއާއެކު އާސަންދަ ވެސް އަދި އެންސްޕާގެ އެހީ ވެސް އެ މީހުންނަށް ވެސް ލިބެއެވެ. އަނެއްކޮޅުން ކާޑުގެ ބާވަތްތައް ކަމަށްވާ, ހަނޑޫ, ހަކުރު, ފުށަށް މި ދޭ ސަބްސިޑީއާއި ތެލަށް މި ދޭ ސަބްސިޑީ ވެސް ހަމަ އެގޮތެވެ. މިކަމުގައި އަދި ނުބަލަނީ ފަގީރެއް, ތަނަވަސް މީހެއް އެކަންޏެއް ނޫނެވެ. ރާއްޖޭގައި އުޅޭ ބިދޭސީން ވެސް ކަމުން އެ ގެންދަނީ ހަމަ އެ ސަބްސިޑީދޭ ކާޑުގެ ބާވަތްތަކެވެ. ހަމައެހެންމެ އެ މީހުން ބޭނުން ކުރާ ތެލަށް ވެސް ދިވެހި ދައުލަތުން ސަބްސިޑީ ދެއެވެ. ރާއްޖޭގައި މި އުސޫލު އޮތް ނަމަވެސް މިއީ ތަރައްގީވެފައިވާ, ތަހުޒީބީ ގައުމުތަކުން އަމަލުކުރާ ގޮތެއް ނޫނެވެ. މިސާލަކަށް ދިވެހި ވެރިން އެންމެ ގިނައިން ވަޑައިގަންނަވާ ސިންގަޕޫރަށް ބަލަމާތޯއެވެ. އެ ގައުމުގައި ދައުލަތުން ސަބްސިޑީއާއި އެލަވަންސް ދެނީ އެ ލިބުން ހައްގު މީހުން ބަލައި އެ މީހުންނަށް އެކަންޏެވެ. އެގޮތުން، ސިއްހީ ފަރުވާ ހޯދާއިރު ސަރުކާރު ހޮސްޕިޓަލްތަކުން ސަބްސިޑީއެއް ދެއެވެ. ނަމަވެސް، އެ ވެސް ދެނީ ރައްޔިތުން ވެސް އޭގެން ވަކި ބައެއް އަމިއްލައަށް ދައްކާ ގޮތަށެވެ. ސްކޫލާއި ޔުނިވާސިޓީ ފީތަކަށް ވެސް ސިންގަޕޫރުން ސަބްސިޑީ ދޭއިރު އެ ދެނީ ދަށް އާމްދަނީ ލިބޭ އާއިލާތައް ބަލައި، އެ މީހުންނަށް އެކަންޏެވެ. ކުރުކޮށް ބުނާނަމަ ސިންގަޕޫރުން ސަބްސިޑީ ދެނީ ލިބޭ އާމްދަނީއާއި މީހުންގެ ހާލަތަށް ބަލައި، އެ ހައްގު މީހުންނަށް އެކަންޏެވެ. އޭގެ ބޭނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމެވެ. ނަމަވެސް، އެއާ އިދިކޮޅަށް ސަބްސިޑީތަކާއި އެލަވަންސްތައް ދެމުން އަންނަ ރާއްޖޭގައި އެކަން ވެފައިވަނީ ދައުލަތަށް ބޮޑު ބުރައަކަށެވެ. މި އަހަރަށް އެކަނި ބެލި ނަމަވެސް އާސަންދައަށް ދައުލަތުން ކަނޑައެޅީ 1.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް، އަދި އަހަރު ނުނިމޭއިރު މިހާތަނަށް އެކަމަށް ދެ ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. ޖުމުލަ ސަބްސިޑީތަކަށް 1.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުއިރު މިހާތަނަށް ވަނީ 3.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މިއީ ދަރައި, ބޯހިކެން ނެތް މި ރާއްޖެއަށް ވަރަށް ބޮޑު ބުރައެކެވެ. ރާއްޖޭން މި ހަދަނީ ގޯހެއްކަން ބައެއް ގައުމުތަކުން މިސާލު ދެއްކެން އެބަހުއްޓެވެ. ރާއްޖޭން މި ދޭ ގޮތަށް ވަކި ރަނގަޅު އުސޫލެއް ނެތި ބައެއް ސަބްސިޑީތައް ދޭ ގައުމުތަކުގެ ތެރޭގައި އަވައްޓެރި ސްރީލަންކާއާއި ޕާކިސްތާން ހިމެނެއެވެ. އެ ދެ ގައުމަކީ ވެސް މާލީ ގޮންޖެހުންތަކުން އަރައިނުގަނެވިގެން އުޅޭ ދެ ގައުމެވެ. ރާއްޖެއަށް ބަދަލެއް ބޭނުން! ރާއްޖޭގައި ސަބްސިޑީ ނިޒާމު ދެކޮޅު ނުޖެހޭކަމާއި މިއީ ޓާގެޓެޑް ނިޒާމަކަށް ހަދަން ޖެހޭ ވާހަކަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދައްކާތާ އެތައް ޒަމާނެއްވެއްޖެއެވެ. ނަމަވެސް، ސިޔާސީ ގޮތުން ލިބިދާނެ ގެއްލުމަކަށްޓަކައި އެ ބޮޑު ގުރުބާނީ ވާން ކެރިވަޑައިގަންނަވާ ވެރިއަކު މި ގައުމަކަށް އަދި ނާދެއެވެ. މި ސަރުކާރުގައި ވެސް އެންމެ ދެރަކަމަކީ ބޭނުންކަމެއް ކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު އޮވެމެ, ކަންކަން އިސްލާހު ކުރުމުގެ ބަދަލުގައި އަދިވެސް އިތުރަށް ޚަރަދުތައް ކުރަން ނިންމާފައިވާ ނިންމުމެވެ. މިއީ ދެމެހެއްޓެނެވި ގޮތަކަށް ރާއްޖެއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން އަވަސް ބަދަލުތަކެއް ގެންނަން އެބަޖެއެވެ. މާލީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މީގެ ތެރެއިން އެންމެ މުހިންމު ކަމަކީ ދައުލަތުން ދޭ ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދިނުމެވެ. ކަރަންޓާއި ފެނާއި ކާޑުގެ ބާވަތްތަކާއި ތެޔޮ ވެސް ހިމެނޭ ގޮތަށެވެ. އަދި، އެކަނިވެރިންގެ އެލަވަންސާއި އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ވެސް ހިމެނޭ ގޮތަށެވެ. އެކަން ކުރުމަށް ފަގީރުކަން ޔަގީންކުރެވޭ މީހުންނާއި އާއިލާތަކަށް ފައިސާގެ އިނާޔަތް ދެވިދާނެއެވެ. ނޫނީ ވައުޗާ ދެވިދާނެއެވެ. އާސަންދަ ރިފޯމްކުރުމުގެ ވާހަކައަކީ ކުރުކޮށް ދެއްކޭނެ ވާހަކައެއް ނޫނެވެ. އެއްވެސް ހައްދެއް މިނެއް ނެތި ޚަރަދުކުރަން ދޫކޮށްލާފައިވާ, އެ ނިޒާމު ބަދަލުވާން ޖެހެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު ބަދަލަކީ ރަނގަޅު އާމްދަނީއެއް ލިބޭ މީހުންގެ އަތުން ވަކި މިންވަރެއް ނަގައިގެން އާސަންދަ ދިނުމެވެ. ސިފައިންނާއި ފުލުހުންގެ ވެލްފެއާ ވެސް އެފަދަ ދެކޮޅު ޖެހޭ އުސޫލަކަށް ބަދަލު ކުރަން ޖެހެއެވެ. ސަބްސިޑީ ނިޒާމާއި އެލަވަންސްތައް އިސްލާހުކުރާ ވާހަކަދައްކާއިރު ރައްޔިތުން ވެސް ޒިންމާދާރުވާން ޖެހެއެވެ. މިހާރު މި އޮންނަ ގޮތަކީ ދައުލަތުން ދޭ އެއްޗެއްވީމާ، ތިމާއަށް ހައްގު ނޫނަސް ހޯދުނު ގޮތަކަށް ހޯދުމެވެ. އެއީ، އެކަން އޮންނަން ވާނެ ގޮތެއް ނޫނެވެ. ހަމައެކަނި ތިމާއަށް ފުދުނީމާ އެ އަދި ފުދުނީއެއް ނޫނެވެ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގައުމަށްވާ ގޮތާ މެދު ވެސް ވިސްނާލަން ޖެހެއެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ގައުމަށް މި ލިބޭ އާމްދަނީ މަދެއް ނޫނެވެ. މައްސަލަ މި އުޅެނީ ކޮރަޕްޝަނާއި އިސްރާފަށް ކަނޑާފައި ބާކީ އެއްޗެއް ނޯންނާތީއެވެ. ދަރަނިވެރިވާތީއެވެ. މިކަން އިސްލާހުކުރަން ޖެހެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ އެކިއެކި އެލަވަންސްތަކާއި ސަބްސިޑީތައް އިސްލާހުކުރުމެވެ. މިހާރު މި ދޭ ގޮތަކީ ދެކޮޅު ޖެހޭ ގޮތެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ