ފ. ނިލަންދޫ އާއި ގދ. ފިޔޯރީ އަދި ޅ. ފެލިވަރުގައި މަސް ފެކްޓްރީ އަޅައި ނިންމަން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ ހަވާލުކުރި ތާރީހު ފަހަނައަޅައި ދިޔައިރު ވެސް މަސައްކަތް ނުފެށުނެވެ.
އެ ތިން ރަށުގައި މަސް ފެކްޓްރީ 18 މަސް ދުވަހުގެ ތެރޭގައި އަޅައި ނިންމަން ޑޮންގްފަންގް އިލެކްޓްރިކްއާ ހަވާލުކުރީ އޭޕްރިލް 14، 2024 ގަ އެވެ. ނަމަވެސް 20 މަސް ވެގެންދިޔައިރު ވެސް ތިން ރަށުގައި ވެސް މަސައްކަތް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.
ސަރުކާރުން ޑޮންގްފަންގް އިލެކްޓްރިކްއާ ފުރަތަމަ ހަވާލުކުރީ ދ. މާދެއްޔާއި ފިޔޯރީގެ އިތުރުން ފެލިވަރުގައި މަސް ފެކްޓްރީ އެޅުމަށެވެ. ނަމަވެސް މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް މާދެލީގައި ތަރައްގީކުރަން ނިންމި މަސް ފެކްޓްރީ ނިލަންދޫއަށް ވަނީ ބަދަލުކޮށްފަ އެވެ.
މަޝްރޫއުގެ ދަށުން ފިޔޯރީގައި އަޅަން ނިންމާފައިވަނީ 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 100 ޓަނުގެ ޕްރޮސެސިން ފެސިލިޓީއަކާއި ފްރީޒިން ފެސިލިޓީއަކާއި ފިޝް މީލް ޕްލާންޓަކާއި ރިހާކުރު ތައްޔާރު ކުރާ ކާރުހާނާއެކެވެ.
މީގެއިތުރުން މަޝްރޫއުގެ ދަށުން ފެލިވަރުގައި އަޅަން ނިންމާފައިވަނީ 100 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެކެވެ. އޭގެ މައިގަނޑު ބޭނުމަކީ މިހާރު މިފްކޯއިން އެ ރަށުގައި ހިންގަމުން އަންނަ ކޭނަރީގެ ބަދަލުގައި ޒަމާނީ ތަނެއް އެޅުން ކަމަށް ސަރުކާރުން ބުނެ އެވެ.
ތިން މަސް ފެކްޓްރީގެ މަސައްކަތް ނުފެށި ދިގުލައިގެންދިޔުމާ ގުޅޭގޮތުން ފިޝާރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާ އަދަދު އިން ސުވާލުކުރުމުން ވިދާޅުވީ މަޝްރޫއުގެ މަސައްކަތް ނުފެށި ލަސްވެގެންދަނީ ފައިސާ ހަމަނުޖެހުމުގެ އިތުރުން ފިޔޯރީ އާއި ނިލަންދޫގައި ފެކްޓްރީ އަޅަން ބިން ހިއްކަން ޖެހުމުން ކަމަށެވެ.
"އެ މަޝްރޫއުތަކުގެ ފެކްޓްރީއަށް ދިޔުމުގެ ކުރިން ރިކްލެމޭޝަން ޕްލަސް ހާބަރުގެ މަސައްކަތްތައް މި ފެށެނީ އަދި ކިރިޔާ. އެއީ ހަމަ ފައިނޭންސް ރިއަލައިޒް ނުވެގެން އެނގޭތޯ. މަސް ފެކްޓްރީ އަޅަން ޖެހޭ ފިޔޯރީ އާއި ފ. ނިލަންދޫގެ މަސް ފެކްޓްރީ އަޅަންޖެހޭ ސަރަހައްދުގެ ހިއްކަން ޖެހޭ ސަރަހައްދެއް ފަހުން އެލޮކޭޓްކުރެވުނީ ދެ ރަށުން ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.
ފިޔޯރީ އާއި ނިލަންދޫގައި މަސް ފެކްޓްރީ އެޅުމާއި ބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބީއެމްއެލްގެ ފައިނޭންޝަލް ފެސިލިޓީގެ ދަށުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހަވާލުކުރީ ސެން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަޝްރޫއުގެ ދަށުން ފިޔޯރީގައި 6.5 ހެކްޓަރުގެ ބިން އަދި ނިލަންދޫގައި 3.2 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފަ އެވެ.
ޝިޔާމް ވިދާޅުވީ ފެލިވަރުގައި މަސް ފެކްޓްރީ އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާ ކުރެވެނީ މަސްވެރިކަމުގެ ސީޒަން ނިމުމުން ކަމަށެވެ. އެތަނުގެ 50 މެޓްރިކް ޓަނުގެ ކެޕޭސިޓީ 100 މެޓްރިކް ޓަނަށް އިތުރު ކުރެވޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ފެލިވަރުގައި ދެން އަޅުގަނޑުމެން އަނެއްހެން ދަންނަވާލާ ކަމަށްވާނަމަ ސީޒަން ނިންމާލާފައި އިރާދަކުރެއްވިއްޔާ އެ މަސައްކަތް ފަށާނީ. އެއީ މިހާރު އިން ލައިންވިއްޔާ އަޅުގަނޑުމެން ޖެހޭނީ ބަދަލުކުރަން. އެ ލައިން ޑީ ކޮމިޝަންކޮށްފައި. އެތަން އަޅުގަނޑުމެން މި ގެންނަނީ 100 މެޓްރިކް ޓަނަށް. އިރާދަކުރެއްވިއްޔާ މަސްވެރިކަމުގެ މި ސީޒަން ނިންމާލާފައި ފެލިވަރު ފަށާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ޗައިނާ ކުންފުންޏާ ހަވާލުކުރި މަޝްރޫއު ނުފެށި ނުވަތަ ފައިސާ ހޯދުމުގައި ދިގުލައިގެންދާނަމަ އެ މަޝްރޫއު އެހެން ކުންފުންޏަކާ ހަވާލުކޮށްގެން ވިޔަސް 2027 ވަނަ އަހަރުގެ މެދާ ހިސާބަށް ނިންމަން ހިފާފައިވާ އަމާޒަށް ވާސިލުވާނެ ކަމަށެވެ.
"އެ ޕާޓީއަށް [ޗައިނާ ކުންފުންޏަށް] އަޅުގަނޑުމެންނަށް ކޮމިޓްމަންޓާ އެއްގޮތަށް އެ މީހުންނަށް މަސައްކަތް ނުފެށި، ނޫނީޔާމުން ފައިސާ ހޯދުމުގައި އެ ޕާޓީއަށް އުނދަގޫވާ ކަމުގައިވާނަމަ، އެއީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންވިއްޔާ އެހުރީ ދެވިފައި. އެހެންވީމަ އެ ފައިސާ ނުލިބޭކަމަށްވަންޏާމުން އެހެން އޮޕްޝަންސް ހޯދައިގެންވިޔަސް 2027 ގެ މެދުގެ ނިޔަލަށް ނިންމާނަން،" ޝިޔާމް ވިދާޅުވި އެވެ.
ތިން ރަށެއްގައި މަސް ފެކްޓްރީ އަޅާ ނިންމަން ބުނި ތާރީހު ފަހަނައަޅައި ދިޔައިރު ނުވެސް ފެށޭ ތިން ރަށެއްގައި މަސް ފެކްޓްރީ އަޅާ ނިންމަން ބުނި ތާރީހު ފަހަނައަޅައި ދިޔައިރު ނުވެސް ފެށޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ