އިރާނުން ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އެއްބަހެއް ނުވި

އެމެރިކާގެ ތާއީދާ އެކު ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އިރާނުން އިންކާރުކޮށް، ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ބާރުއަޅަމުންދަނިކޮށް، އެއްބަސްވުމަކަށް އައުމަށް ދީފައިވާ މުހުލަތު ހަމަވާއިރު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭނޭކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ދެއްވައިފި އެވެ.
އިރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕާކިސްތާން މެދުވެރިވެގެން ހުށަހެޅި މި ހުށަހެޅުމަށް އިރާނުން ރައްދު ދީފައިވަނީ 10 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނަކުންނެވެ. މި ޕްލޭންގައި ސަރަހައްދީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމާއި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ. އިރާނުން ބާރުއަޅަމުންދަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި، ދާއިމީ ހައްލެއް ކަށަވަރުކުރެވޭނެ އެއްބަސްވުމަކަށެވެ.
ނަމަވެސް، ޓްރަމްޕް ވަނީ އިރާނުގެ މި ހުށަހެޅުން ބަލައިނުގަނެ، އެއް ރޭގެ ތެރޭގައި އިރާނު ފުނޑުފުނޑުކޮށްލެވިދާނެ ކަމަށް ބުނެ އެ އިންޒާރު ތަކުރާރުކުރައްވާފަ އެވެ. ގެ ނިޔަލަށް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އިރާނުގެ ހުރިހާ ބްރިޖުތަކެއް ސުންނާފަތިކޮށް، ހުރިހާ އިންޖީނުގެތަކެއް ހަލާކުކޮށްލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިރާނުގެ އޮފިޝަލުން ވަނީ މި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަސްކަރީ ތަރުޖަމާނު އިބްރާހީމް ޒުލްފަގާރީ، ޓްރަމްޕްގެ ބަޔާންތަކަކީ އެއްވެސް އަސާސެއް ނެތް ބިރުދެއްކުންތަކެއް ކަމަށް ސިފަކުރެއްވިއިރު، އދ.އަށް ކަނޑައަޅާފައި ހުންނަވާ އިރާނުގެ މަންދޫބު ވިދާޅުވީ މިއީ ސީދާ ޓެރަރިޒަމަށް ހިތްވަރުދިނުން ކަމަށެވެ.
މި ނުތަނަވަސްކަން އުފެދިފައިވަނީ ސަރަހައްދީ ފެންވަރުގައި ހަމަލާތައް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އިރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، މަޝްވަރާތަކުގައި ބާރު ދެއްކުމަށް އެ މަގު ބޭނުންކުރަން ފަށާފަ އެވެ. އިރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ، ތެހެރާންގެ ޝަރީފް ޔުނިވަސިޓީއަށް ދެވުނު ހަމަލާއާ އެކު، އުދުވާނީ އަމަލުތައް ހިންގާ ފަރާތްތަކަށް އިރާނުގެ ބާރު ފެންނާނެ ކަމަށް ބުނެ އިންޒާރު ދެއްވާފަ އެވެ.
އެމެރިކާއިން ވަނީ ވައްޓާލި މަތިންދާބޯޓެއްގެ ޕައިލެޓަކު ސަލާމަތްކުރިކަން ކަށަވަރުކޮށްދީފަ އެވެ. ހަމަ އެއާ އެކު، ދެ ފަރާތުން ވެސް ވައިގެ މަގުންނާއި މިސައިލުން ހަމަލާތައް ދެމުންދާއިރު، އިޒްރޭލުން ވެސް ދަނީ އިރާނުގެ އަމާޒުތަކަށް ހަމަލާދެމުންނެވެ. މީގެ އިތުރުން ގަލްފުގެ ބައެއް ގައުމުތަކުން ވަނީ މިސައިލްގެ ނުރައްކާ އޮތް ކަމަށް ބުނެ ސަމާލުކަން އިތުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ