އެޕޯލޯ 13ގެ ރެކޯޑް އާޓެމިސް 2 އިން މުގުރާލައިފި
އިންސާނުން ބިމާ އެންމެ ދުރަށް ކުރި ދަތުރުގެ ތާރީޚީ ރެކޯޑް ނާސާގެ އާޓެމިސް 2 މިޝަނުން، މުގުރާލައިފިއެވެ. އޮރަޔަން އުޅަނދުގައި ދަތުރުކުރަމުންދާ ހަތަރު އެސްޓްރޮނޯޓުން، މީގެ ކުރިން 1970 ވަނަ އަހަރު އެޕޯލޯ 13 އިން ގާއިމުކުރި 400,171 ކިލޯމީޓަރު (248,655 މޭލު) ގެ ރެކޯޑް ފަހަނައަޅައި ގޮސްފައިވަނީ ހޯމަ ދުވަހުގެ ޖީއެމްޓީ ގަޑިން 15:58 ގައެވެ. މި މިޝަން ހަނދުގެ ފުރަގަހުން ދަތުރުކުރަމުންދާއިރު، ބިމާ އެންމެ ދުރަށް ދާނީ ޖީއެމްޓީ ގަޑިން 23:07 ގައެވެ. އެއީ ގާތްގަނޑަކަށް 406,788 ކިލޯމީޓަރު (252,760 މޭލު) އެވެ. ހަނދުގެ ވަށައިގެން ކުރާ މި ދަތުރުގައި އެސްޓްރޮނޯޓުން ހަ ގަޑިއިރަށްވުރެ ގިނަ ވަގުތު ހަނދުގެ ސަތަހަ ދިރާސާކުރުމާއި ފޮޓޯ ނެގުމުގައި ހޭދަކުރާނެއެވެ. މި ދަތުރަށްފަހު އުޅަނދު އެނބުރި ބިމަށް އަންނާނީ "ފްރީ-ރިޓާން ޓްރެޖެކްޓަރީ" އެއްގައެވެ. މި އެނބުރި އައުމުގެ ދަތުރަށް ގާތްގަނޑަކަށް ހަތަރު ދުވަސް ނަގާނެއެވެ. https://sun.mv/220113 މި ތާރީޚީ ދުވަސް އެސްޓްރޮނޯޓުން ފަށާފައިވަނީ، އެޕޯލޯ 8 އަދި 13 ގެ މިޝަނުގައި ބައިވެރިވި މަޝްހޫރު އެސްޓްރޮނޯޓް ޖިމް ލަވަލް ނިޔާވުމުގެ ކުރިން ރެކޯޑްކޮށްފައިވާ މެސެޖަކުންނެވެ. "މިއީ ތާރީޚީ ދުވަހެއް، މަންޒަރުތަކުގެ އުފާ ހާސިލުކުރަން ހަނދާން ނައްތާނުލާތި،" ލަވަލްގެ މެސެޖުގައި ބުނެފައިވެއެވެ. ހަނދުގެ ފުރަގަހުން ދަތުރުކުރާއިރު، މީގެ ކުރިން އިންސާނުންނަށް ފެނިފައިނުވާ މަންޒަރުތައް އެސްޓްރޮނޯޓުންނަށް ފެންނާނެއެވެ. މީގެ ތެރޭގައި ހަނދުގެ "އޮރިއެންޓޭލް ބޭސިން" ކިޔާ ބޮޑު ވަޅުގަނޑު ހިމެނެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި، ކެމެރާތަކަށްވުރެ އިންސާނާގެ ލޮލުން ފެންނަ މަންޒަރުތަކުން ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ. މި މިޝަންގެ ސައިންސްވެރިންގެ ޓީމެއް ޓެކްސަސްގެ ޖޯންސަން ސްޕޭސް ސެންޓަރުގައި ތިބެގެން، އެސްޓްރޮނޯޓުން ފެންނަ މަންޒަރުތައް ކިޔައިދޭ ވަގުތު ނޯޓްތައް ނަގަމުންދާނެއެވެ. މި މިޝަންގެ ކުރޫގައި ހިމެނެނީ އެމެރިކާގެ ކޮމާންޑަރު ރީޑް ވައިސްމަން، ވިކްޓާ ގްލޯވާ، ކްރިސްޓީނާ ކޮކް އަދި ކެނެޑާގެ ޖެރެމީ ހެންސަންއެވެ. މީގެ ތެރެއިން ވިކްޓާ އަކީ ހަނދަށް ދަތުރުކުރާ ފުރަތަމަ ކަޅު ނަސްލުގެ މީހާއެވެ. ކްރިސްޓީނާ އަކީ ފުރަތަމަ އަންހެން އެސްޓްރޮނޯޓެވެ. އަދި ޖެރެމީ އަކީ އެމެރިކާ ނޫން ގައުމަކަށް ނިސްބަތްވާ ފުރަތަމަ މީހާއެވެ. ހަނދުގެ ފުރަގަހަށް އުޅަނދު ދާއިރު، ގާތްގަނޑަކަށް 40 މިނެޓަށް ބިމާ އޮންނަ ހުރިހާ މުއާސަލާތީ ގުޅުމެއް ކެނޑޭނެއެވެ. ނާސާއިން ބުނާ ގޮތުގައި އާޓެމިސް 2 އަކީ 2027 ގައި ކުރިއަށްދާ އާޓެމިސް 3 މިޝަނާއި، 2028 ގައި ހަނދަށް މީހުން ބޭލުމަށް ރާވާފައިވާ އާޓެމިސް 4 މިޝަނަށް ވާ ތައްޔާރީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ