ވޭމަންޑުގެ ބިން ހިއްކާ ނިންމާލައިފި

ތ.ވޭމަންޑޫގެ ބިން ހިއްކުމުގެގެ މަސައްކަތް ނިންމާލައިފިއެވެ.
ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ.
މިކަމުގެ ޢަމަލީ މަސައްކަތް ފެށީ މާރިޗް މަހުގެ 12 ވަނަ ދުވަހުއެވެ. ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް 23 ދުވަހުގެ ތެރޭގައި، ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ. ބިން ހިއްކުމަށް ވެލި އެޅުމުގެ މަސައްކަތް ނިންމާލާފައިވަނީ މިމަހުގެ 4ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން ތ.ވޭމަންޑޫއިން 27 ހެކްޓަރުގެ ބިން ހިއްކުމަށް 882،693 ކިއުބިކް މީޓަރުގެ ވެލި ވަނީ އަޅާފައެވެ.
ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެތެރެއިންނެވެ. މިއީ އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދެކެވެ.
ދެން ކުރިއަށްދާނީ ހިއްކި ބިން ޙިމާޔަތްކުރުމަށް، ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.
ތ.ވޭމަންޑޫއަކީ 1300އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ.
ބިން ހިއްކުމުގެ މަޝްރޫޢާއެކު، ބޯހިޔާވަހިކަމަށް ބިން ލިބުމުގައި އޮތް މައްސަލައަށް ޙައްލު ލިބި، އިޤްތިޞާދީ ގޮތުން އިތުރު ފުރުޞަތުތައް ރަށުގައި ފަހިވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި ވޭމަންޑޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް،ވަނީ އިޢުލާންކުރައްވާފައެވެ.
އެގޮތުން، ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމާއި އެ ދެމެދުގައި އޮންނަ ފަޅުރަށް "އެލާ" ފަތުރުވެރިކަމަށް ތަރައްޤީކުރުން ހިމެނެއެވެ. އަދި މަގު ހެދުމުގެ މަސައްކަތް ނިންމުމާއި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެރަށުގައި ބިނާކޮށްދެއްވުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން 50 އެނދުގެ ހޮސްޕިޓަލެއް އެރަށުގައި އެޅުމަށްވެސް ވަނީ ނިންމަވާފައެވެ. އަދި 1200 މީހުންނަށް ބަލަން ވަދެވޭ ކެޕޭސިޓީގެ، ސްޓޭޓް އޮފް ދި އަރޓް ސްޕޯޓްސް ކޮމްޕްލެކްސްއެއްވެސް ވޭމަންޑޫގައި ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ