ގަފޫރު ވަކިކުރުމުގެ ގައުމީ މަޖިލިސް ބައްދަލުވުން ހޯމަ ދުވަހު ބާއްވަނީ

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުން ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްގަފޫރު މޫސާ ވަކިކުރުމުގެ މައްސަލަ ހުށަހެޅުމުން އެ ކަމާ މެދު ގޮތެއް ނިންމަން ބާއްވަން ޖެހޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން ހޯމަ ދުވަހު ބާއްވަން މިއަދު ނިންމައިފި އެވެ.
ވީކިހިނެއް؟ - އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ގަފޫރު ވަކިކުރުމުގެ ވޯޓަށް އަހަން ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި މައްސަލަ ހުށަހެޅީ މިއަދު ހަވީރެވެ. އެ މައްސަލަ ހުށަހެޅީ ގައުމީ މަޖިލީހުގެ 123 މެންބަރުންގެ ތެރެއިން 55 މެންބަރުން ސޮއިކޮށްފަ އެވެ.
ތަފްސީލް - އެމްޑީޕީގެ ސެކްރެޓޭރިއަޓުން ގައުމީ މަޖިލީހުގެ މެންބަރުންނަށް މިރޭ ފޮނުވި މެސެޖެއްގައި ވަނީ، ގަފޫރު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމުމަށް އަންނަ ހޯމަ ދުވަހު ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.
ބައްދަލުވުން އެ ދުވަހު އޮންނާނެ ގަޑި އާއި ތަން ފަހުން އަންގާނެ ކަމަށް އެ މެސެޖުގައިވެ އެވެ.
މި މެސެޖު ގައުމީ މަޖިލީހުގެ މެންބަރުންނަށް ފޮނުވުމުގެ ކުރިން މިއަދު ހަވީރު އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދޭން ބައްދަލުވުމަކަށް މީޑިއާތަކަށް ދައުވަތު ފޮނުވުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުން ވަނީ ކެންސަލްކޮށްފަ އެވެ. 
އެނގުން މުހިންމު - ޗެއާޕާސަން ކަމުން ގަފޫރު ވަކިކުރުމުގެ މަސައްކަތް ކުރަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލްގެ ފެކްޝަނުންނެވެ. މި މައްސަލަ ހުށަޅީ:
ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވާ ގޮތަށް އެޖެންޑާގައި ނުހިމަނައިގެން މައްސަލަ ހޫނުވެފައި ވަނިކޮށް
އޭގެ ފަހުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައޫރުފު ވަކިކޮށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމުން އިބްރާހީމް ވަހީދު (އިބްރޭ) ވަކިކޮށްފައިވަނިކޮށް؛ ވަކިކުރިކަމުގެ ލިޔުމުގައި ސަބަބު ބަޔާންކޮށްފައެއް ނުވޭ
ގަފޫރު ވަކިކުރުމަށް ގައުމީ މަޖިލީހުގައި ވޯޓަށް އެހުމަށް އެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި ހުށަހެޅި ލިޔުމުގައި ފައްޔާޒުގެ އިތުރުން ސޮއިކުރެއްވި ބައެއް ބޭފުޅުންގެ ތެރޭގައި ހިމެނެނީ:
މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
މީގެ ކުރިން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ފެނުނު ރޮޒައިނާ އާދަމް އާއި އޭނާގެ ފިރިކަލުން މުހައްމަދު ނާޝިޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ