ޣައްޒާ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އިޤުތިޞާދަށް 57 ބިލިއަން ޑޮލަރުގެ ގެއްލުންވެއްޖެ

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމަށް ދެ އަހަރު ވެފައިވާއިރު، މި ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އިޤުތިޞާދަށް 57 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާކަން ހާމަވެއްޖެއެވެ. ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޭންކް އޮފް އިސްރާއީލުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން 2023 އިން 2025 އަށް އެ ޤައުމަށް ވަނީ 177 ބިލިއަން ޝެކެލް (57 ބިލިއަން ޑޮލަރު) ގެ ގެއްލުންވެފައެވެ. މިއީ އެ ޤައުމުގެ އަހަރީ ޖީޑީޕީގެ 8.6 އިންސައްތައާ އެއްވަރުގެ ޢަދަދެކެވެ. މި ގެއްލުންތަކުގެ މައިގަނޑު ސަބަބަކީ ޣައްޒާގެ ޤަތުލުޢާންމާއި ލުބުނާނަށް ދެމުންދާ ޙަމަލާތަކުގެ ޚަރަދުތަކެވެ. ނަމަވެސް، މިހާރު ހަތަރުވަނަ ހަފުތާއަކަށް ދެމިގެންގޮސްފައިވާ އީރާނުގެ ހަނގުރާމައިގެ އިޤުތިޞާދީ އަސަރުތައް މި ރިޕޯޓުގައި ހިމަނާފައެއް ނުވެއެވެ. ހަނގުރާމައިގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، އިސްރާއީލުގެ ކެބިނެޓުން ވަނީ މި މަހުގެ ކުރީކޮޅު 2026 ވަނަ އަހަރުގެ ބަޖެޓަށް އިތުރު 13 ބިލިއަން ޑޮލަރު އިތުރުކުރުމަށް ފާސްކޮށްފައެވެ. މީގެ އިތުރުން، އިސްރާއީލަށް ފާޑުކިޔާ ވިލާތުގެ އިއްތިޙާދުގެ އަށް ޤައުމަކަށް ކުރާ އެކްސްޕޯޓު 2024 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އަދި 2025 ވަނަ އަހަރު 1.5 ބިލިއަން ޑޮލަރު ދަށަށް ގޮސްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ބޭންކް އޮފް އިސްރާއީލުން ބުނީ މިއީ ސިޔާސީ ނިންމުންތަކުގެ ސަބަބުން ވިޔަފާރިއަށް ކުރަމުންދާ އަސަރެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މިދިޔަ ޖޫން މަހު އީރާނާއެކު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ސަބަބުން އެކަނިވެސް ޖީޑީޕީގެ 0.3 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ބުނެފައިވެއެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި މިހާތަނަށް 72،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށް، 172،000 މީހުން ޒަޚަމްކޮށްލާފައިވެއެވެ. އަދި ޣައްޒާގެ ޢުމްރާނީ ތަރައްޤީގެ 90 އިންސައްތަ ވަނީ ސުންނާފަތިކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ