ބަޔާނަށް ލިބުނު ބޮޑު އުފަލާއެކު ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުން ބޭރު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ބަޔާން މިއުނިކާއި ރެއާލް މެޑްރިޑް ބައްދަލުކުރި ފޯރިގަދަ ކުރިމަތިލުން 4-3 އިން ކާމިޔާބުކޮށް، އެގްރިގޭޓް 6-4 ގެ ނަތީޖާއަކުން ބަޔާން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗު ފެށިގެން އެންމެ 35 ސިކުންތުގެ ތެރޭގައި، ބަޔާންގެ ތަޖުރިބާކާރު ކީޕަރު މެނުއަލް ނިއުޔާ ހެދި ގޯހެއްގެ ފައިދާ ނަގައި އާރްދާ ގުލާ ވަނީ ރެއާލަށް ކުރިހޯދައިދީފައެވެ. މިއީ މި ސީޒަނުގެ މުބާރާތުގައި ފެނިގެންދިޔަ އެންމެ ހަލުވި ލަނޑެވެ. ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން އަލެކްސަންޑަ ޕަވްލޮވިޗް ލަނޑެއް ޖަހައި ބަޔާނަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗުގެ ފުރަތަމަ ހާފު ފެނިގެންދިޔައީ ދެޓީމުގެ ފަރާތުންވެސް ހުއްޓުމެއް ނެތް ހަމަލާތަކެއް ފެނިގެންދިޔަ ފޯރިގަދަ ވަގުތުކޮޅެއްގެ ގޮތުގައެވެ. ލަނޑު ޖެހުމަށްފަހު ބަޔާން މިއުނިކް އުފާފާޅުކުރަނީ-- އާރްދާ ގުލާގެ ހިލޭ ޖެހުމަކުން ރެއާލަށް އަލުން ލީޑު ލިބުނު ނަމަވެސް، ހެރީ ކޭން ވަނީ އޭނާ މި ސީޒަނުގައި ޖެހި 50 ވަނަ ލަނޑާއެކު ބަޔާނަށް އުއްމީދު އާކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކީލިއަން އެމްބާޕޭ ޖެހި ލަނޑާއެކު ދެޓީމު އެގްރިގޭޓުން އެއްވަރުވިއެވެ. މި ހާފުގައި ނިއުޔާގެ ފަރާތުން ފެނުނު ގޯސްތަކުގެ ސަބަބުން އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއިރު، ކުރީގެ ކީޕަރު ޖޯ ހާޓް ވަނީ ނިއުޔާގެ ފެންވަރާ މެދު ސުވާލު އުފައްދާފައެވެ. މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ފަހު ފަސް މިނެޓުގެ ތެރޭގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރެއާލްގެ އެޑުއާޑޯ ކަމަވިންގާއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު އޭނާ ދަނޑުން ފޮނުވާލުމުން، ރެއާލަށް މެޗުގެ ކޮންޓްރޯލް ގެއްލުނެވެ. މި ފުރުސަތުގެ ފައިދާ ނަގައި ބަޔާންގެ ލުއިސް ޑިއާޒް އަދި މައިކަލް އޮލީސޭ ވަނީ މެޗުގެ ފަހު ވަގުތު ލަނޑުތައް ޖަހައި ބަޔާން ސެމީއަށް ގެންގޮސްދީފައެވެ. މެޗު ނިމުމަށްފަހު ރެއާލްގެ ކުޅުންތެރިން ރެފްރީއާ ދެކޮޅަށް ހިތްހަމަނުޖެހުން ފާޅުކުރުމުގެ ތެރޭގައި، ބެންޗުގައި ހުރި ގުލާއަށްވެސް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. ސެމީ ފައިނަލުގައި ބަޔާން ދެން ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ