މީގެ 12 އަހަރު ކުރިން ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް ވަޒީފާ ދޭން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - 2014 ވަނަ އަހަރު އޭނާ ވަކިކުރަނީ، ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިގެނެވެ.
މި މައްސަލަ ސިވިލް ކޯޓަށް ޝިޔާމް ހުށަހެޅުމުން އެ ކޯޓުން ނިންމީ އޭނާއަށް ވަޒީފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ދަށު ކޯޓުގެ ހުކުމް ޝިޔާމް ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ތަފްސީލް - ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައިވަނީ:
ޝިޔާމް ވަކިކުރަން ނިންމީ އުސޫލުތަކުގެ ތެރެއިންތޯ ކަނޑައަޅަން ކޯޓުން ބަލަން ޖެހޭނެ ކަމަކީ އެކަށީގެންވާ ތަހުގީގެއް ކުރިތޯއާއި ތުހުމަތަށް ބާރު ދޭނެ ހެއްކެއް އޮތްތޯ
ޑިސިޕްލިނަރީ ބޯޑުން އެކަށީގެންވާ ތަހުގީގެއް ހިންގިކަން ދައުލަތަށް ބުނެދެވިފައެއް ނުވޭ އަދި ޝިޔާމަށް ކުރާ ތުހުމަތަށް ބާރުދެވޭނެ ހެއްކެއް ކޯޓަށް ހުށަހަޅާފައެއް ނުވޭ
އެހެންވެގެން ޝިޔާމް ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އޭނާ އަނބުރާ ފުލުހުންގެ ވަޒީފާއަށް ނުކުތުމާ ހަމައަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ދިނުމަށް ހުކުމްކުރި އެވެ. އަދި ފުލުހުންގެ ވަޒީފާ އިއާދަކޮށްދިނުމަށް ވެސް ހުކުމްކޮށްފައިވެ އެވެ.
މި މައްސަލަ ހައި ކޯޓުގައި ބެއްލެވި ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ:
މުހައްމަދު ޝަނީޒް އަބްދުﷲ (ރިޔާސަތު)
ހަސަން ޝަފީއު
އަބްދުލްމާނިއު ހުސައިން
ޝިޔާމަށް ފުލުހުންގެ ވަޒީފާ ދޭން ހައި ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ