ވިއްސާރަ ދުވަހެއް، ޓެކްސީއެއް ލިބުނުތަ؟
"މިއަދު ވެސް ހެނދުނު އޮފީހަށް ދާން އެ ބުނާ ހޮޓްލައިނަކަށާއި އެޕް މެދުވެރިކޮށް ޓެކްސީއެއް ލިބޭތޯ ގަޑިއިރަކަށްވުރެ ގިނައިރު [ހުރިން]، ގުޅޭ ސަރަހައްދުން ބޭރުގައި ކަމަށް އަންގަނީ. މިއީ ހަމަ ހާލަކީ،" މިއީ ސަރުކާރުން އަލަށް ފަށައިގެން އުޅޭ ޓެކްސީ ލައިނުގެ ޚިދުމަތާ މެދު އާންމު ރައްޔިތެއްގެ ކަންބޮޑުވުމެވެ. ޓެކްސީ ހޯދަން އަދިވެސް އުނދާކަމަށް ބުނެ މިގޮތަށް އެތަކެއް އާންމުންނެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވާރޭކަންޏެއް ޖަހާލާއިރަށް ޓެކްސީ ލިބުމަށް ދިމާވާ ދަތިތަކަމަށް ހައްލެއް އަދިވެސް ނާންނަކަމަށް އާންމުން ބުނަމުން އަންނައިރު، މި ސަރުކާރުން "މާލެ ޓެކްސީ" ލައިން ޚިދުމަތް ތައާރަފުކޮށް، އެ ޚިދުމަތް ފެށީ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުމަށް ކަމަށް ބުނެއެވެ. މި މަހުގެ ދެވަނަ ދުވަހު ތައާރަފުކުރި މި ޚިދުމަތް އެމްޓީސީސީގެ ބެލުމުގެ ދަށުން ކުރިއަށްގެންދާއިރު، ޚިދުމަތް ތަޢާރަފުކުރި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ، 150 ކާރާ އެކު ފެށި މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. އަދި, މިއީ ރައްޔިތުން އިތުބާރުކުރާ، ފަސޭހަ ޚިދުމަތަކަށް ވާނެ ކަމަށެވެ. https://sun.mv/220598 އެގޮތުން، މި ޓެކްސީ ލައިނުގެ ސަބަބުން މާލޭގެ އެތެރޭގެ ދަތުރުތަކަށް ޓެކްސީ ނުލިބުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެކަމަށް ބުންޏެވެ. ނަމަވެސް، މިއަދާއި ހަމައަށް އައިއިރު ވެސް އާންމުންގެ ޝުޢޫރުތަކަށް ބަލާއިރު، މި ޚިދުމަތުން މާ ބޮޑު ކުރިއެރުންތަކެއް ނުލިބެއެވެ. ނަމަވެސް، ސަރުކާރާއި އެމްޓީސީސީން ބުނާ ގޮތުގައި މި ޚިދުމަތަށް ދަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެހެންވިޔަސް މާލޭގެ މަގުތަކުގެ ކާރޫބާރޫ ބޮޑުވުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ބައެއް ޑްރައިވަރުން ފާހަގަކުރެއެވެ. "އަސްލު ޓެކްސީ ދަތުރުތައް މިކުރަން ޖެހެނީ ހަމަ އެއްގޮތަކަށް. މި ޚިދުމަތަށް ބޮޑު ތަރުހީބެއް ވެސް އެބަލިބޭ. އެހެންތާވާނީ އަދިވެސް ހިލޭވިއްޔާ މި ދަތުރުކުރަނީ. ހަމަ ކޮންމެ މީހަކު ވެސް އަތުން ފައިސާފޮއްޗެއް ނުގޮސްވާން އޮތީވިއްޔާ ދެން ވިސްނާލައްވާ. ވިއްސާރަވުމުން ހަމަ ދަތުރުތައް ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވޭ،" ޑްރައިވަރަކު، އޭނާގެ ޝުއޫރު ކިޔައިދިނެވެ. https://sun.mv/220513 ޓެކްސީ ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މި މަޝްރޫއު ފެށި ނަމަވެސް، އާންމުންގެ މެދުގައި އަދިވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ބައެއް ރައްޔިތުން ފާހަގަކުރާ ގޮތުގައި، ދަތުރުތައް ހިލޭ ކޮށްދެމުން ދިޔަ ނަމަވެސް، ޓެކްސީ ހޯދުމަށް އޮތް ތަކުލީފަށް އެދެވޭ ލުޔެއް އަދި ލިބިފައެއް ނުވެއެވެ. ޚާއްސަކޮށް ވާރޭވެހޭ ދުވަސްވަރު ޓެކްސީއެއް ހޯދުމަކީ އަދިވެސް ނުހަނު އުނދަގޫ ކަމެކެވެ. "ސަރުކާރުގެ ޓެކްސީ ޚިދުމަތް ފެށުމަކީ މިކަމަށް ވަކި ރަނގަޅު ހައްލެއް ލިބުނު ކަމެއް ކަމަކަށް ގަބޫލެއް ނުކުރަން. އެފަދަ ޚިދުމަތެއް ސަރުކާރުން ފެށުން ރަނގަޅު. އެހެންނަމަވެސް އަދި އެކަށީގެންވާ ހައްލެއް އެ ކަމަކަށް ނުލިބޭ. މިއަދު ވިއްސާރަ ދުވަހެއް، ހިލޭ ގުޅޭ ހޮޓްލައިން ނަންބަރަށް ގުޅާލީމާ ވެސް އެބަ ބުނޭ ގުޅޭ ސަރަހައްދުން ބޭރުގައޭ. ނަންބަރު އޮތީ ނިއްވާލާފައޭ. ދެން މިވަރުން ތިބޭފުޅުން ވިސްނާލައްވާ،" އާންމު ރައްޔިތަކު ކަންބޮޑުވުން ހިއްސާކުރިއެވެ. ވިއްސާރަވެ ޓެކްސީ ލިބުން ދަތިވާ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، އެކަމުގެ ހަގީގަތް އޮޅުފިލުވަން "ސަން"ގެ ފަރާތުން ވަނީ ސަރުކާރުގެ ޓެކްސީ ލައިން ޚިދުމަތް ދިނުމަށް މަތިކޮށްފައިވާ ކުންފުނި އެމްޓީސީގެ ބަހެއް ލިބޭތޯ މަސައްކަތްކޮށްފައެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދޭތީ އެ ފަރާތުގެ ބަހެއް މިކަމުގައި ލިބޭގޮތް ވަނީ ނުވެފައެވެ. މީގެ އިތުރުން، "ސަން"އާ ވާހަދެއްކި އިތުރު މީހަކު ބުނީ، މިއަދު އެންމެ ބޯކޮށް ވިއްސާރަވެހުނު ގަޑީގައި ޓެކްސީއެއް ހޯދަން ވަރަށް އުނދަގޫވި ކަމަށާއި ދޮޅު ގަޑިއިރުވިއިރު ވެސް ސަރުކާރުގެ ޓެކްސީ ލައިނުން ވެސް ޓެކްސީއެއް ނުލިބުނު ކަމަށެވެ. https://sun.mv/220324 "ސަރުކާރުން އެ ބުނާ މޮޅު ކާރުތައް ގެނެސްގެން ޓެކްސީ ދަތުރުތައް ފެށިޔަސް ރައްޔިތުންނަކަށް ވާ ފަސޭހައެއް ނެތޭ. މިއަދު ވެސް އުބުނާ ހޮޓްލައިން ނަންބަރަކަށް ގުޅީމާ ބުނަނީ ތިޔަ ގުޅުއްވި ނަންބަރުގެ ޚިދުމަތް އޮތީ ކަނޑާލާފަޔޯ. އަދި ގުޅޭ ސަރަހައްދުން ބޭރުގަޔޯ،" ޓެކްސީ ހޯދަން ގުޅި މީހަކު، އޭނާގެ ތަޖުރިބާ ހިއްސާކުރިއެވެ. ސަރުކާރުގެ ޓެކްސީ ލައިނުގެ ޚިދުމަތުގެ ފެންވަރާއި މެދު ގިނަ ދިވެހިނެގް ކަންބޮޑުވުން އޮތްއިރު، މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ، ވިއްސާރަ ދުވަސްތަކުގައާއި ކާރޫބާރޫ ބޮޑު ވަގުތުތަކުގައި ކުރިމަތިވާ ދަތިތަކަށް މި ޓެކްސީ ލައިނާ އެކު ވެސް ހަގީގީ ހައްލެއް ލިބޭނެތޯއެވެ؟ މާލެ ޓެކްސީގެ ޚިދުމަތް އިފުތިތާހުކުރި ރޭ ވަނީ، ޚިދުމަތް ހޯދުމަށް 1655 ނަންބަރަށް ގުޅޭނެ ކަމަށާއި، އަދި އެ ކަމަށް ޚާއްސަ ވެބް އެޕްލިކޭޝަން maletaxi.web.app އިން ވެސް ޓެކްސީ ނެގޭނެ ކަމަށް ބުނެފައެވެ. ނަމަވެސް، "ސަން"އަށް އެނގިފައިވާ ގޮތުގައި މި ޚިދުމަތް އެންމެ ފުރަތަމަ ފެށިއިރު ވެސް މި ކަމަށް ޚާއްސަ އެ ވެބް އެޕްލިކޭޝަން ނިމިފައެއް ނުވެއެވެ. އަދި، މިހާރު އެ ޚިދުމަތް ފެށިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް އެޕްލިކޭޝަން ނިމޭނެ ތާރީޚެއް ވެސް ނޭނގެއެވެ. ހިލޭ ޓެކްސީ ދަތުރުކުރެވޭ އެއް ހަފުތާގެ މުއްދަތު ނިމުނުއިރު ވެސް ހިލޭކޮށްފައި އޮތީ އެހެންވެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ