އުރީދޫގެ 18 ވަނަ އުމްރާ ދަތުރު ސ. ހިތަދޫ، އަމްސަދު ނަޖުމީ އަށް އައްޑޫގެ ތަރައްގީގެ އިންތިޒާރު: ހުއްޓިފައިވާ މަޝްރޫއުތަކާއި ރައްޔިތުންގެ ކަންބޮޑުވުން އައްޑޫގެ މަގުތައް މަރާމާތު ކުރަނީ ކައުންސިލްގެ އަމިއްލަ އާމްދަނީން: މޭޔަރު ނިޒާރު ބަޔާން މިއުނިކުން ރެއާލް

އައްޑޫސިޓީގެ ރަށްރަށުގެ ކާބޯތަކެތީގެ ޚިދުމަތްދޭ ދާއިރާއަށް ބަލާއިރު، ފަހަކަށް އައިސް “ގާޑިޔާ” ތަކުގެ ނަމުގައި ހިންގާ ވިޔަފާރިތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތަކަކަށް ފުރުޞަތު ލިބުނު ނަމަވެސް، ބޮޑު ކުލި ދައްކައިގެން ގަވާއިދުން ރެސްޓޯރެންޓާއި ކެފޭ ހިންގާ ފަރާތްތަކަށް މިކަމުގެ ސަބަބުން ދަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެމުންނެވެ.
އައްޑޫސިޓީގެ އަވަށްތަކާއި ހުޅުދޫއާއި މީދޫގެ ބިމުގެ އަގުތަކަށް ބަލާއިރު، ރެސްޓޯރެންޓެއް ނުވަތަ ކެފޭއެއް ހިންގުމަށްޓަކައި މަހެއްގެ މައްޗަށް އެތައް ހާސް ރުފިޔާއެއް ކުލީގެ ގޮތުގައި ހޭދަކުރަންޖެހެއެވެ. މީގެ އިތުރުން ވިޔަފާރި ރަޖިސްޓްރީކުރުމާއި، އެޗް.ޕީ.އޭގެ މިންގަނޑުތަކަށް ތަން ފެއްތުމަށާއި، މުވައްޒަފުންގެ ހަރަދުތަކަށާއި ފެނާ ކަރަންޓަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ. ނަމަވެސް، މަދު ފައިސާކޮޅެއް ދައްކައިގެން ހޯދާ ކުޑަ ބިމެއްގައި ގާޑިޔާ ހިންގާ ފަރާތްތަކުން، އެއްވެސް އިންސާފެއް ނެތް ގޮތުގައި މި ދާއިރާގެ ބޮޑު މާކެޓެއް ކޮންޓްރޯލް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ސަބަބުން ބޮޑު އިންވެސްޓްމަންޓް ކުރި ފަރާތްތަކަށް ލިބޭ އާމްދަނީ ދަށްވެ، ވިޔަފާރިތައް ބަންދުކުރަންޖެހޭ ހާލަތަށް ވަނީ ގޮސްފައެވެ.
ގާޑިޔާތަކަކީ ހަމައެކަނި ކުދި ބުއިންތަކާއި ލުއިކާނާ ވިއްކާ ތަންތަން ކަމުގައި ވިޔަސް، މިހާރުގެ ގިނަ ގާޑިޔާތަކުން ދަނީ ފުރިހަމަ ރެސްޓޯރެންޓްތަކުން ލިބޭ ހުރިހާ ޚިދުމަތެއް ފޯރުކޮށްދެމުންނެވެ. ކޮފީގެ ބާވަތްތަކާއި، ކެއުންތައް ގާޑިޔާތަކުން ލިބެން ހުރުމުން، ކަސްޓަމަރުން ގާޑިޔާތަކަށް މިސްރާބު ޖަހައެވެ. މީގެ އިތުރުން، އެންމެ ބޮޑު މައްސަލައަކީ ގާޑިޔާ ބެހެއްޓުމަށް ދީފައިވާ ހަނި ސަރަހައްދަށްވުރެ ބޮޑު ސަރަހައްދެއް ބޭނުންކުރުމެވެ. ގޮނޑިއާއި މޭޒުޖަހައި، ހަޓްތައް ހަދައިގެން ބިން ބޭނުންކުރުމަކީ އާންމު ކަމަކަށް ވަނީ ވެފައެވެ. މިއީ އެއްވެސް އުސޫލެއް ނެތި ކުރެވެމުންދާ ކަމެކެވެ.
މި މައްސަލައަކީ ވަކި ބަޔަކު ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް، އަލަށް އިންތިޚާބުވި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ކޮންމެހެންވެސް ހައްލުކުރަންޖެހޭ މައްސަލައެކެވެ. ގާޑިޔާތައް ހިންގާނެ ވަކި ޚާއްޞަ އުސޫލުތަކެއް ކަނޑައަޅައި، އެ ތަންތަނުން ދެވޭނެ ޚިދުމަތްތައް ހަނިކުރަންޖެހެއެވެ. އަދި ބޮޑު ކުލި ދައްކައިގެން ގަވާއިދުން ހިންގާ ވިޔަފާރިތަކުގެ ހައްގުތައް ހިމާޔަތްކުރުމަކީ ކައުންސިލްތަކުގެ ގާނޫނީ ޒިންމާއެކެވެ.
ކޮންމެ މީހަކަށްވެސް ވިޔަފާރިކުރުމުގެ ފުރުޞަތު އޮންނަންވާނެއެވެ. ނަމަވެސް އެއީ އެއްބަޔަކަށް ނުހަނު ބޮޑު ގެއްލުމެއް ލިބޭ ގޮތަށް، އުސޫލުން ބޭރުން ކުރެވޭ ކަމަކަށް ވެގެންނުވާނެއެވެ. ގާޑިޔާ ވިޔަފާރިތައް ހަރުދަނާ ގަވާއިދެއްގެ ތެރެއަށް ފެއްތުމަކީ ރާއްޖޭގެ އިގްތިސާދީ ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި މިވަގުތު ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ