އައްޑޫއިން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއް

އައްޑޫސިޓީ އިން ކަރަންޓު ކެނޑޭތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެވެ.
މި ކުއްލި މައްސަލައަށް މަޖިލީހުގައި ބަހުސްކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ.
"އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ކަމުގައިވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއަކީ 30،000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސިޓީއަކަށް ވީހިނދު އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާ،" ކަމަށް ނާޒިލް ވިދާޅުވި އެވެ.
ސަރުކާރުން އައްޑޫ ސިޓީއަށް އިހުމާލުވަމުން ދިއުމުގެ ސަބަބުން އެ ސިޓީގެ އާންމު ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތް އެންމެ އަސާސީ ފެންވަރަށް ފޯރުކޮށް ދިނުމުންވެސް ސަރުކާރުން ނުކުޅެދި ތަކުރާރުކޮށް ނިވިދިއްލޭ ބޮތްކެއްހެން އެރަށްތަކުގެ ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ،" ނާޒިލް ވިދާޅުވި އެވެ.
ކަރަންޓު ކެނޑޭތީ ސްކޫލުތަކުންނާއި އޮފީސްތަކުންނާއި ފިހާރަތަކުން ދޭންޖެހޭ ހިދުމަތް ނުދެވޭ ކަމަށާއި އަގުބޮޑު ކަރަންޓު ސާމާނުވެސް ހަލާކުވަމުންދާ ކަމަށް ނާޒިލް ވިދާޅުވި އެވެ.
ކަރަންޓު ކަނޑާލުމުގެ ކުރިން ނޯޓިސް ދިނުމަށް ހަކަތައިގެ ގާނޫނުގައި ލާޒިމުކޮށްފައިވީ ނަމަވެސް އެ ނޯޓިސްވެސް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ އައްޑޫސިޓީ އިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން އެއްވެސް ފިޔަވަޅެއް ސަރުކާރުން ނާޅާ ކަމަށާއި ކަރަންޓު ފޯރުކޮށްދޭ އިންޖީނުތައް މަރާމާތުކުރަން ބޭނުންވާ ސާމާނު ފާއިތުވި ހަތް މަސް ތެރޭގައި ފޯރުކޮށްދީފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ