ގާސިމް އަނެއްކާވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ހާލު ބޮޑުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަނެއްކާވެސް އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ. ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު "ސަން" އަށް ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ސަމީރު ވިދާޅުވީ އިއްޔެ ހަވީރުން ފެށިގެން ގާސިމްގެ ހާލު ދެރަވެ، މިއަދު ހެނދު ބޮލަށް އެނބުރުން އަރައި ކޮޅަށް ނުހުރެވޭވަރު ވުމުން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ކަމަށެވެ. އޭނާ ވިދާޅުވީ ގާސިމް ހިތުގެ އޮޕަރޭޝަނެއް ކުރަންޖެހޭނެ ކަމަށް ސަރުކަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުންނާއި އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން މެޑިކާ ހޮސްޕިޓަލުން އެންގިނަމަވެސް ޕާސްޕޯޓް ހިފަހައްޓާފައި ވުމުން ރާއްޖެއިން ބޭރަށް ވަޑައިގެން ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. "އެކަމުގެ ސަބަބުން އެމަނިކުފާނަށް އިތުރު އެއްވެސް ފަރުވާއެއް ނުދެވި، އާލާސްކަންފުޅު އޮތްގޮތަކަށް އޮންނަން ޖެހުމުން އިތުރު ކޮމްޕްލިކޭޝަންސްތައް ކުރިމަތިވެ އެކަމުގެ ނަތީޖާއެއްގެ ގޮތުން އިއްޔެ ހަވީރުވެސް ވަރަށް ވީކްކޮށް އުޅުއްވީ. އަދި ރޭގަވެސް ވަރަށް އަލާސްކަންފުޅާ އުޅުއްވީ. މިއަދު ހެނދުނުގެ ވަގުތެއްގައި މީހާ ބޯ އަނބުރައިގަނެ ކުއްލިއަކަށް ކޮޅަށް ނުހުރެވޭވަރު ވީމަ ހޮސްޕިޓަލަށް ގެންނެވީ،" ސަމީރު ވިދާޅުވިއެވެ. ގާސިމަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގެ އެޗްޑީޔޫ ކެއާގައި އެޑްމިޓްކޮށްގެންނެވެ. އޭނާ ވިދާޅުވީ އެޑްމިޓްކޮށްގެން ގާސިމްގެ ސިއްހީ ހާލަތު މޮނިޓަރ ކުރުން ނޫން ކަމެއް ކުރެވެން ނެތް ކަމަށެވެ. ސަބަބަކީ ދޭންޖެހޭ ފަރުވާ ރާއްޖެއިން ދެވެން ނެތުން ކަމަށް ސަމީރު ވިދާޅުވިއެވެ. ގާސިމް އެންމެ ފުރަތަމަ އެޑްމިޓްކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހު ގާސިމް އެންމެ ފުރަތަމަ އެޑްމިޓް ކުރީ މެޑިކާ ހޮސްޕިޓަލްގައެވެ. އެއަށްފަހު ހަމަ އެދުވަހު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު ދޫކޮށްލީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ