ޖަނަރޭޓަރު ހަލާކުވެ، ހިރިލަންދޫއަށް ކަރަންޓު ނުލިބި 24 ގަޑިއިރު

ތ. ހިރިލަންދޫގައި ފެނަކައިގެ ފަރާތުން ހިންގަމުން އަންނަ އިންޖީނުގޭގައި ބޭނުންކުރަމުންދާ ޖަނަރޭޓަރެއް ހަލާކުވެ އެރަށަށް ކަރަންޓު ނުލިބޭތާ 24 ގަޑިއިރު ވެއްޖެއެވެ.
ހިރިލަންދޫ ކައުންސިލްގެ ރައީސް އަބްދުލް ހަލީލް ވިދާޅުވީ ކަރަންޓު ކެނޑިފައި ވަނީ އިއްޔެ މެންދުރުފަހު 3:00 ހާއިރު ކަމަށެވެ. އަދި ކަރަންޓު ނުލިބި ގިނައިރުވުމުން ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު، ރޭގެ ވަގުތެއްގައި އިންޖީނުގޭ ދޮށަށް އެއްވެފައި ވާކަމަށާއި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ހަލީލް އިތުރަށް ވިދާޅުވީ އެރަށު އިންޖީނުގެ ހިންގުން ފެނަކައާ ހަވާލު ކުރިއިރުވެސް އިންޖީނުގޭގައި ހުރީ އެންމެ ޖަނަރޭޓަރެއް ކަމަށާއި ކަރަންޓު ކެނޑެން މެދުވެރިވީ އެ ޖަނަރޭޓަރަށް މައްސަލައެއް ދިމާވެ ޖަނަރޭޓަރު ނިވުމުންކަމަށެވެ. އަދި އޭގެ ސަބަބުން ފިހާރަތަކުގެ ފްރިޖް ތަކުގައި ބަހައްޓާފައި ހުރި އައިސް ކުކުޅު ފަދަ ތަކެތި ހަލާކުވަމުން އަންނަ ކަމަށާއި، ފައިސާގެ ގޮތުން ބަލާނަމަ 73700ރ އާއި ގާތްކުރާ އަދަދަކަށް އެތަކެތީގެ އަގު އަރާނެ ކަމަށްވެސް ހަލީލް ވިދާޅުވިއެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.
"ކަރަންޓު ކެނޑުނީ އިއްޔެ ތިނެއް ޖަހާލިހާއިރު، މިތާ (ހިރިލަންދޫ އިންޖީނުގޭގައި) ބޭނުން ކުރަމުން މި އަންނަނީ އެންމެ ޖަނަރޭޓަރެއް. އެ ޖަނަރޭޓަރުވެސް ހަލާކުވީ. އެހެންވީމަ ފިހާރަތަކުގެ ހުރި އައިސް ކުކުޅު، ގެރިމަސް، ސޮސެޖް، އައިސްކުރީމް ފަދަ ތަކެތި ފިނިކެނޑި ހަލާކު އެބަވޭ. ބައެއްތަކެތި ރަށުގެ ގެތަކަށް ބަހައި ވެސް ހަދައިފި. އެތަކެތީގެ އަގަށް ގާތްގަނޑަކަށް އެބައަރާ 73700ރ. އެތަކެތި ސަލާމަތްކުރަން ނިލަންދޫ އިން ކުދިކުދި ޖަނަރޭޓަރު ގެނެސް ވީވަރަކުން މަސައްކަތް އެބަ ކުރަން. އިންޖީނު ރަނގަޅުކުރުމަށްވެސް ވީވަރަކުން އެބަ މަސައްކަތް ކުރަން." ހަލީލް ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ، މިއަދު 3:30 ހާއިރު ހިރިލަންދޫއަށް ޖަނަރޭޓަރެއް ގެންގޮސް އިންސްޓޯލް ކުރުމަށްފަހު ކަރަންޓުގެ ހިދުމަތް ދެއްވާނެ ކަމަށާއި އެރަށުގައި މިހާރު ހަލާކުވެފައި ހުރި ޖަނަރޭޓަރު ހެދުމަށް ބޭނުންވާ ތަކެއްޗަށް އޯޑަރ ކޮއްފައި ވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ