ވަގުތު ޖެހުމުން ހާމާނާއި ފިރުއައުނު ވެސް ނިމިގެންދިޔަ - ގާސިމް

ވަގުތު ޖެހުމުން ހާމާނާއި ފިރުއައުނު ވެސް ނިމިގެންދިޔައީ ކަމަށާއި ކޮންމެ ކަމެއްވެސް ނިމެންޖެހުމުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައިވެސް އެކަން ވެގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީ އިން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެޕާޓީގެ ޓިކެޓް ހަވާލުކުރުމަށްޓަކައި މ.ކުނޫޒް ގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކިތަންމެ ލާރިއެއް އެއްކޮށް ކިތަންމެ ބާރުވެރިކަމެއް އޮތަސް އަދި ކިތަންމެ މުއައްސަސާތަކެއް "ބަނޑުދަށުލައިގެން" އުޅުނަސް ކޮންމެ ކަމެއްވެސް ނިމުމުގެ ވަގުތު އައުމުން އެކަން ނިމިގެންދާނެ ކަމަށެވެ.
"ކިހިނެއްތޯވީ ހިޓްލަރަށް؟ ހާމާނާއި ފިރުއައުނުގެ ދަށަށް ތިބި މީހުންނަށް ކިހިނެއްވީތޯ؟ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ނިމިގެން ދިޔައީ. އެހެންވީމަ އޭގެން މިސާލު ނަންގަވާ،" ގާސިމް ވިދާޅުވި އެވެ.
ކުރީގައި ހިނގާފައިވާ ކަންކަމުން މިސާލު ނެންގެވުމަށް ގޮވާލަމުން ގާސިމް ވިދާޅުވީ މިހާރު ކޮންމެ ގޮތަކަށް ކަންކޮށް އެޕާޓީ އިން ކޮށްދެއްވާފައި ކަންތައްތަކަށް އިހްސާންތެރިކަން އަދާނުކުރި ނަމަވެސް ކޮންމެ ކަމެއްވެސް ނިމުމުގެ ވަގުތު ޖެހުމުން އެކަމެއް ނިމިގެންދާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ގާސިމް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ކޯލިޝަނުން "ކޮޅުފައިން ޖަހައި" ޖޭޕީ ބޭރު ކޮށްލީ ކީއްވެކަމާމެދު ގާސިމް ވަނީ ވާހަކަ ދައްކާފައެވެ.
ވަރަށް ގިނަ ދުވަސްތަކަކަށްފަހު ސިޔާސީ ހަރާކާތަކުން ގާސިމް ފެނިގެންގޮސްފައި ވާއިރު ގާސިމް ވިދާޅުވީ، އެއްވެސް އެއްބަސްވުމަކާއި ހިލާފްވެފައި ނުވާނެ ކަމަށާއި ވަކި މީހަކަށް އަނިޔާއެއް ދޭން އުޅުމުން އެއާއި ހިލާފަށް އެއްޗެއް ބުނުމަކީ ކޯލިޝަންގެ އުސޫލްތަކާއި ހިލާފް ވުން ކަމުގައި ނުދެކޭ ކަމަށެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ގާސިމް ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.  ޕީޕީއެމްގެ ބާރުތައް ރައީސް މައުމޫން އަތުން ނެންގެވެމުން އެމަނިކުފާނާއެކު މަަސައްކަތް ކުރެއްވީ އެމަނިކުފާނަށް ކުރައްވާ އިހްތިރާމެއްގެ ސަބަބުން ކަމަށް ވިދާޅުވެ 30 އަހަރުވަންދެން ރައީސް މައުމޫން ކޮށްދެއްވި ކަންކަން ފާހަގަ ކޮށް ރިޔާސީ އިންތިހާބުގައި ބަލިވެވަޑައިގަތުމުން ވެރިކަން ހަވާލު ކުރެއްވީ ރީތި ގޮތުގައި ކަމަށް ވިދާޅުވެ ގާސިމް ރައީސް މައުމޫނަށް ތައުރީފް ކުރެއްވިއެވެ.
މީގެ އިތުރުން ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކުރެއްވި ޓެރަރިޒަމްގެ ދައުވާ އަކީ އެމަނިކުފާނަށް ކުރެވިގެންވާނެ ދައުވާއެއް ނޫންކަމަށާއި އެމަނިކުފާނާ އެއްކޮޅަށް މަސައްކަތް ކުރީ ނުހައްގުން ލިބޭ އަނިޔާ އަކުން ރައީސް ނަޝީދު ސަލާމަތް ކުރެއްވުމަށްޓަކައި ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ