ރައްޔިތުން ކުރާ އިތުބާރު ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފި - އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީން ހޯދި ނަތީޖާއަކީ ދިވެހި ރައްޔިތުން ކުރާ އިތުބާރު ވަރަށް ރަނގަޅަށް ހާމަވެގެންދިޔަ ކަމެއް ކަމަށް އެޕާޓީން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 105،181 ވޯޓު ލިބިވަޑައިގެންނެވިއިރު ޕީޕީއެމްގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިންތިހާބު ކާމިޔާބުކުރެއްވީ 111،203 ވޯޓުންނެވެ.
އެމްޑީޕީއަށް ވޯޓުދިން ފަރާތްތަކަށް ޝުކުރު އަދާކޮށް އެޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވެދިޔަ އިންތިޚާބުތަކުގައި އެމްޑީޕީއަށް ލިބުނު ވޯޓުގެ އަދަދު އިތުރުވަމުން ދިޔުމަކީ އެމްޑީޕީއަށް ހެޔޮ ވެރިކަމެއް ގާއިމްކޮށް ޑިމޮކްރެސީގެ އަސާސްތައް ނަގަހައްޓާއި، ރައްޔިތުންގެ ފަރުދީ މިނިވަންކަން ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން އަންގައިދޭ ކަމެއް ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 91.41 ޕަސެންޓް މީހުން ނިކުމެ ވޯޓު ދިނުމުގެ ހައްގު ބޭނުންކޮށްފައިވާތީ ޑިމޮކްރެސީގެ އުސޫލުތައް ނެގެހެއްޓުމަށް ރައްޔިތުން ކުރަމުންދާ އުންމީދުތައް ހާމަކޮށްދޭ ކަމަށާއި ވޭތުވެދިޔަ ދުވަސްތަކުގައި ގާނޫނީ ވެރިކަމެއް ނެތިގޮސް، ރައްޔިތުން އުފުލި ތަކުލީފަށް ނިމުމެއް ގެނައުމަށް އެމްޑީޕީއިން ތަކުރާރުކޮށް އިންތިޚާބެއް ބޭއްވުމަށް އެމްޑީޕީއިން ގޮވަމުން އައި ގޮވުމަކީ ރައްޔިތުންވެސް ބޭނުންވާ ގޮތްކަން އެނގިގެން ގޮސްފައިވާ ކަމަށް ވެސް މި ބަޔާނުގައިވެ އެވެ.
"ނިމިގެންދިޔަ އިންތިޚާބުގައި އެމްޑީޕީއަށް ވަރަށް ބޮޑު ތާއީދެއް ހޯދުމަށް އެމްޑީޕީގެ ސިޔާސަތުތަކާއި، މެނިފެސްޓޯ ރައްޔިތުންނާއި ހަމައަށް ގެންގޮސް ދީ ކެމްޕެއިން ކުރުމަށް ކެނޑިނޭޅި ވަރަށް ގިނަ ފަރާތްތަކުން ވަނީ މަސައްކަތްކޮށްފައެވެ. ވުމާއެކު، އެހުރިހާ ފަރާތްތަކުން އެކޮށްދެއްވި ބުރަ މަސައްކަތަށް އެމްޑީޕީއިން ފަށްފަށުން ޝުކުރު ދަންނަވަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
މީގެއިތުރުން ދިމާވި ގޮންޖެހުންތަކާއި އެކުވެސް ސިޔާސީ ޕާޓީތަކާއި، ބައިނަލްއަޤްވާމީ ޖަމިއްޔާތައް ބަލައިގަންނަފަދަ އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބުރަކޮށް މަސައްކަތްކޮށް އެފަދަ އިންތިޚާބެއް ބާއްވައިދީފައިވާތީ އިލެކްޝަންސް ކޮމިޝަންއަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އަދި ވާދަވެރި ސިޔާސީ ޕާޓީގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީން ދެމިތިބޭނެ ކަމަށް ވެސް ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ