ކޯލިޝަންގެ ބައިވެރިން ތިބީ "ނުތަނަވަސް ކައިވެންޏެއް ކޮށްގެން" - އުމަރު

ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިން ތިބީ "ނުތަނަވަސް ކައިވެންޏެއް ކޮށްގެން" ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ މިރޭ "ސަންގް ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ކޯލިޝަން ރޫޅާލަން އުޅެނީ ރައްޔިތުންގެ މަޖިލިސް ރައީސް ކަމަށާއި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކޯލިޝަންގެ ލީޑަރުންގެ ގައިގަ ލެގިވަޑައިގެން ހުންނަވައިގެން ނޫންގޮތަކަށް ވެރިކަން ކުރެއްވެވެން ނެތް ކަމަށެވެ. އެއީ ރައީސް ޞާލިހްގެ ސިޔާސީ ބާރުވެރިކަން ނެތުމުގެ ސަބަބުންނާއި، ރައީސް ނަޝީދު ފަހުން ރައީސް ޞާލިހާއި ދެކޮޅު ވާނެތީ ކަމަށެވެ.
"އިބްރާހިމް މުހައްމަދު ޞާލިހް މިހުންނަވަނީ ކޯލިޝަންގެ ބޭފުޅުންގެ ގައިގަ ލެގިގެން. ރައީސް ޞާލިހް ބޭނުންވޭ ގާސިމް ގައިގަ އާއި މައުމޫންގެ ގައިގަ އާއި އިމްރާން ގައިގަ ލެގިގެން ހުންނަން. އެބޭފުޅުންނަށް ވެސް މިއަދު ރަނގަޅީ އެގޮތް. އެއީ އެބޭފުޅުންނަށް ނެތް އޮޕޮޒިޝަނަށް ނިކުމެވޭކަށް. ދައުރުގައި ވަރަށް ގިނަ ދުވަސްތަކެއް އަދި ބާކީ އޮތުމުން މައުމޫނާއި، ގާސިމާއި އަދި އިމްރާނަށް ވެސް ރަނގަޅީ މިވަގުތު ކޯލިޝަންގައި ތިބުން." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އިންތިޚާބަށް ގާތްގަނޑަކަށް އެއްއަހަރަށް ކައިރިވާއިރު ކޯލިޝަންގެ ބައިވެރިން އިބްރާހިމް މުހައްމަދު ޞާލިހް ދޫކޮށްލާފައި ދާނެ ކަމަށާއި ދެން އަންނާނީ "ނަޝީދު ކުޅޭނެ ވަގުތު" ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕަށް އިބްރާހިމް މުހައްމަދު ޞާލިހް ބޭނުންފުޅުވާނަމަ ނަޝީދު ޖެހޭނީ އެމްޑީޕީން ބޭރުވާން ކަމަށެވެ. 2023 ވަނަ އަހަރު ދެ އެމްޑީޕީ އޮންނާނެ ކަމަށާއި އެއިން އެއް އެމްޑީޕީ ލީޑް ކުރައްވާނީ ރައީސް ޞާލިހް ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އަނެއް އެމްޑީޕީ ލީޑް ކުރައްވާނީ ނަޝީދު ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު މިރޭ ވިދާޅުވީ މިހާރު މައުމޫނާއި ގާސިމްގެ މަގުބޫލްކަން ދަށްވެއްޖެ ކަމަށާއި އަދި އަދާލަތުގެ މަގުބޫލްކަމެއް އެއްވެސް ވަރަކަށް ނެތް ކަމަށެވެ.
"ރައީސް މައުމޫންގެ މަގުބޫލްކަން ދަށްވެއްޖެ. ގާސިމްގެ މަގުބޫލްކަން ދަށްވެއްޖެ. އަދާލަތުގެ މަގުބޫލްކަމެއް ނެތް. މިއިން އެއްވެސް ބޭފުޅެއްގެ ކުރީގެ ބަރުދަނެއް ނެތް. އޭގެ ހުރިހާ ފައިދާއެއް ވީވެސް އެމްޑީޕީއަށް. ގިނަ ބަޔަކު ދިޔައީ އެމްޑީޕީ އަށް. ކުރީގެ ރައީސް މައުމޫނެއް ނޫން މިއަދު ފެންނަނީކީ. މައުމޫނުގެ 90 އިންސައްތަ ބުރަދަށް ދަށް ވެއްޖެ. ގާސިމްގެ 50 އިންސައްތަ ދަށް. އެއީ ކޯލިޝަންތަކާއި އެކު މަސައްކަތް ކުރުމުގެ ނަތީޖާ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިހާރު ފެންނަމުން ދަނީ ޑަބަލް ސްޓޭޓެއް ކަމަށާއި މިއޮތީ އަމިއްލަ އަށް ބޮޑުވަޒީރު ކަމަށް އިސްވެގެން ހުންނަވާ ބޭފުޅެއްގެ ވެރިކަމަކާއި ރައީސުލްޖުމްހޫރިއްޔާގެ ވެރިކަން ކަމަށެވެ. ދެބޭފުޅުންގެ ދެމެދުގައ ނުފެންނަ ހަނގުރާމައެއް ކުރެވެމުންދާ ކަމަށް އުމަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގުމުގެ ބާރުގެ ތެރެއަށް ވަންނަކަން ފާހަގަކޮށް އުމަރު މިސާލެއްގެ ގޮތުގައި ނެންގެވީ ޓީއެމްއޭގެ މައްސަލައެވެ.
"ޓީއެމްއޭގެ މައްސަލަ ވަރަށް ފަހުން މިފެނުނީ. ޓާމިނަލް އަގު ކަނޑައެޅުމާއި ކަންކަމަކީ ރައްޔިތުންގެ މަޖިލީހާއި ބެހޭ ކަމެއް ނޫން. އެއީ ސަރުކާރުން ކުރަން ޖެހޭ ކަމެއް. ނަމަވެސް ފެނިގެން ދިޔައީ އޭގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވަދެ އަގު ކަނޑައެޅިގެން ދިޔަތަން." އުމަރު ވިދާޅުވިއެވެ.
ސަރުކާރުގެ ކަންކަން ކުރިއަށްދާވަރު ލަސްކަން ފާހަގަކޮށް އުމަރު ވިދާޅުވީ މިސަރުކާރު މިހިނގަނީ "ދެވަނަ ގިއަރުގައި" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ