ޖޭއެސްސީ ސިޔާސީ ވެއްޖެ ކަމަށް ވިދާޅުވެ ގާޒީ ރާޣިބު އިސްތިއުފާދެއްވައިފި

މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައި މަޖިލީހަށް ފޮނުވާފައި ވަނިކޮށް، ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހުމަދު ގާޒީކަމުން މިއަދު އިސްތިއުފާދެއްވައިފި އެވެ. އެކަން ކަށަވަރުކޮށްދެއްވައި ރާޣިބު މިއަދު "ސަން"އަށް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާދެއްވީ، ޖޭއެސްސީއިން މިހާރު އަޅަމުން ދާ ފިޔަވަޅު ތަކަކީ، ވަކި ސިޔާސީ ބަޔަކު ސިޔާސީ ވިސްނުމެއްގައި އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް އޭނާއަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ. ރާޣިބުއާ މެދު ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކީ، ކޯޓުގެ މުވައްޒަފުންގެ ކަންކަމާއި އެހެން ވެސް އިދާރީ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރުމުން އޭނާއާ މެދު ބައެއް މުވައްޒަފުން ހިތް ހަމަ ނުޖެހި ޒާތީ ގޮތުން އުފުލި އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޖޭއެސްސީގެ ތަހުގީގުގައި ވެސް އޭނާ އެކަން ފާހަގަ ކޮށްފައި ވަނިކޮށް، އެކަމަށް ފަރުވާލެއް ނުބަހައްޓާ އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީއިން ނިންމި ނިންމުމަކީ ޒާތީ ނިންމުމެއްގެ ގޮތުގައިވެސް އޭނާ ސިފަކުރެއްވި އެވެ. ކޯޓްގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ޖޭއެސްސީއިން ބެލި ސުލޫކީ މައްސަލަ ސާބިތުވެ، ރާޣިބު މަގާމުން ވަކިކުރަން އެ މައްސަލަ އެ ކޮމިޝަނުން އިއްޔެ ވަނީ މަޖިލީހަށް ފޮނުވާފަ އެވެ. އަދި އެކަމުގައި ހިމެނޭ ޖިނާއީ ބައި ތަހުގީގު ކުުރުމަށް ފުލުހަށް ފޮނުވަން ވެސް ޖޭއެސްސީއިން އިއްޔެ ނިންމި އެވެ. "އަޅުގަނޑު 27 އަހަރާއި ނުވަ މަސްދުވަހު މަސައްކަތް ކޮށްފައި ގެޔަށް މިދަނީ ހުސްއަތާ. އަޅުގަނޑު އެތައް ކޯޓްތަކެއްގައި މަސައްކަތް ކޮށްފައި ހުންނާނެ. އެކަމަކު ދުވަހަކު ވެސް މިފަދަ ތުހުމަތެއް އަޅުގަނޑާ މެދު ކޮށްފައެއް ނުވޭ. އެހެން ވީމާ މިއީ އަޅުގަނޑާ މެދު އެޅުނު ޒާތީ ފިޔަވަޅެއް،" ރާޣިބު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ