އަބްދުﷲ ދީދީގެ މައްޗަށް ކުރި ދައުވާ ކުރިއަށް ނުގެންދަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ކުރިއަށް ގެންދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ދީވީ ވިދާޅުވީ ކްރިމިނަލް ކޯޓުން އެ ދައުވާ ކުރިއަށް ނުގެންދަން ކަނޑައެޅީ، އޭނާގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުގެ ފަރާތުން އެ ދައުވާ އަނބުރާ ގެންގޮސް އަލުން އެ ދައުވާ ހުށަހަޅާފައިވާތީ ކަމަށެވެ.
"އެ ގޮތަށް ނިންމެވީ އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވެސް އަދި ސުޕްރީމް ކޯޓާއި ހައި ކޯޓުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ވެސް، އެއީ ކުރިއަށް ނުގެންދެވޭނެ ދައުވާއަކަށް ވުމުން،" އިބްރާހީމް ދީދީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދައުވާއިން ސަލާމަތްވެވަޑައިގެންނެވުމުން ﷲ އަށް ހަމްދު ކުރައްވާ ކަމަށެވެ. އަދި ރައްޔިތުންނަށް އިހުލާސްތެރި ބޭފުޅެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހީމް ދީދީގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއިރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައެވެ. އެއިރު އިބްރާހީމް ދީދީ ހުންނެވީ ސިފައިންގެ މާލެ އޭރިއާގެ ކޮމާންޑަރުގެ މަގާމުގައެވެ.
މި މައްސަލައިގައި ދައުލަތުން ނަޝީދާއި، އެއިރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމްގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. އެ ގޮތުން ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ތޮލްހަތުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.
ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ކުރީގެ ރައީސް ނަޝީދު އުޅުއްވަނީ އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ބޭރުގައެވެ.
އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާ އަލުން މުރާޖައާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ