މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި އެއާ ގުޅިގެން އައި ދުވަސްތަކުގައި ރައްޔިތުންގެ ފަރާތުން ދެއްކެވި ސުލްހަވެރިކަމަށް ސަލާމަތީ ބާރުތަކުން ޝުކުރުއަދާ ކުރައްވައިފިއެވެ.
ސަލާމަތީ ބާރުތަކުން އެހެން ބުނެފައިވަނީ، ދާއިމީ ނަތީޖާ އިއުލާންކޮށް، ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިހާބުވެވަޑައިގެންފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު އިއުލާން ކުރެއްވުމާ ގުޅިގެން އިންތިހާބީ ރައީސް އިބޫ އަށާއި އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމަށް މަރުހަބާ ވިދާޅުވެ ދެއްވި ސްޓޭޓްްމަންޓެއްގައެވެ.
ފުލުހުންގެ ފަރާތުން ބަޔާން އިއްވަމުން އެ މުއައްސަސާގެ ތަރުޖަމާން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ފުލުހުނާއި ސިފައިން ވެސް ރައްޔިތުންގެ ނިންމުން ބަލައިގަނެ، އެ ނިންމުމަށް އިހްތިރާމްކޮށް އެ ނިންމުން ގާއިމްކުރުމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއް ތަރުތީބުން ކުރިއަށްގެންދާނެ ކަމަށެވެ.
އަދި ދިވެހި ފުލުހުންނާއި ސިފައިންގެ އިލްތިމާސްއަށް އިންތިހާބުގެ ކަންކަން ސުލްހަވެރި މާހައުލެއްގައި ކުރިއަށްދިޔަ ގެންދިއުމަށް ކުރެއްވި މަސައްކަތް ޝުކުރު އަދާކޮށް، ކުރިއަށް އޮތް ޓްރާންސިޝަން ދުވަސްތަކުގައި ހިނގާ ކަންތައްތައް ވެސް އަމާންކަމާއެކީ ކުރިއަށް ގެންދިއުމަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރެއްވިއެވެ.
”މި ޓްރާންސިޝަން ޕީރިއަޑްގައި ދިމާވާ އެކިއެކި ކަންކަން ހަމަޖެހުމާއި މަސްލަހަތު އިސްކޮށް ރާއްޖެއަކީ އަބަދުވެސް އަމާން އޮމާން ގައުމެއްގެ ސިފައިގާ ފެންނަ ގައުމަކަށްވީތީ، މިހިނގާ ކަންތައްތަކަކީ ވެސް ވަރަށް އަމާން އޮމާން ހަމަޖެހޭ މަގަކުން ކުރިއަށްގެންދިއުމަށްޓަކާ ދެއްވަންޖެހޭ އެއްބާރުލުން ރައްޔިތުން އިސްވެ ދެއްވުމަށް އިލްތިމާސްކުރަން،“ ޝިފާން ވިދާޅުވިއެވެ.
ދިވެހި ސިފައިންގެ ފަރާތުން ބަޔާން އިއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވެސް ވަނީ، އިންތިހާބުގައި ރައްޔިތުން ދެއްކެވި ސުލްހަވެރިކަމާ އަމާންކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
އަދި އެ ސުލްހަވެރިކަން ދެމެހެއްޓުމަކީ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވުން އެދިވަޑައިގަތް އާޒިމް ވަނީ، ދިވެހި ސިފައިން އަބަދުވެސް މަސައްކަތްކުރާނީ ގައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުން ދެއްކެވި ސުލްހަވެރިކަމަށް ޝުކުރިއްޔާ، ގައުމީ މަސްލަހަތުގައި ހިދުމަތް ކުރާނަން: ސަލާމަރީ ބާރުތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ