84 ޕަސެންޓް ހޯއްދަވައިގެން ކުރީގެ ރައީސް މައުމޫން އެއް ވަނަ އަށް

ރާއްޖޭގެ އަމިއްލަ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ދިއެފްއެމް 95.2 އިން ހޮވި "އަހަރުގެ ޝަހުސިއްޔަތު"ގެ މަގާމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ހޮވިވަޑައިގެންފި އެވެ.
ރާއްޖޭގައި ހިންގަން ފެށި ފުރަތަމަ އަމިއްލަ ރޭޑިއޯ ސްޓޭޝަނުން ހޮވާ އަހަރުގެ ޝަހުސިއްޔަތަކަށް ރައީސް މައުމޫން ހޮވިވަޑައިގެންފައިވަނީ އެސްއެމްއެސް މެދުވެރިކޮށް ވޯޓު ދިނުމަށް މި މަހުގެ 14 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި ވޯޓު ދިން މީހުންގެ 84 ޕަސެންޓުން ކަމަށް އެ ރޭޑިއޯ ސްޓޭޝަނުން ބުންޏެވެ.
ދިއެފްއެމް އިން ބުނީ އެކި ފަރާތްތަކުން ޖުމްލަ 33،081 އެސްއެމްއެސް ފޮނުވާފައިވާ އިރު އަހަރުގެ ޝަހުސިއްޔަތަކަށް ރައީސް މައުމޫން ހޮވިވަޑައިގެންނެވީ 27،787 އެސްއެމްއެސް ލިބިވަޑައިގެން ކަމަށެވެ. ރާއްޖޭގައި 30 އަހަރު ވެރިކަންކުރެއްވި މައުމޫނާ އެންމެ ގާތުން ވާދަކުރެއްވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 4،345 އެސްއެމްއެސް އެވެ. މިއީ 23،433 އެސްއެމްއެސްގެ ތަފާތެކެވެ. އަދި އެއީ ވޯޓު ދިން މީހުންގެ 13.16 ޕަސެންޓް ވޯޓެވެ.
އެސްއެމްއެސް މެދުވެރިކޮށް ހޮވާ އަހަރުގެ ޝަހުސިއްތަށް ވޯޓު ދިނުމުގެ މުއްދަތު ރޭ މެންދަމު ހަމަވިއިރު އަހަރުގެ ޝަހުސިއްޔަތަކަށް ހުށަހެޅިފައިވާ ފަސް ނަމުގެ ތެރެއިން އައިޑީޕީގެ ރައީސް އުމަރު ނަސީރަށް ލިބިވަޑައިގެންފައި ވަނީ 564 އެސްއެމްއެސް އެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަދި ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދަށް 336 އެސްއެމްއެސް ލިބިވަޑައިގެންނެވިއިރު ލިސްޓްގެ އެންމެ ފުލަށް ވަޑައިގެންނެވީ 40 އެސްއެމްއެސްއާއެކު މިހާރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދެވެ.
އަހަރުގެ ޝަހުސިއްޔަތު ހޮވުމަށް ދިއެފްއެމް އިން ހުޅުވާލުމުން 22 ނަމެއް އެކި ފަރާތްތަކުން ހުށަހެޅި އެވެ. ނަމަވެސް އެ 22 ނަމުގެ ތެރެއިން އާންމުންގެ އެސްއެމްއެސް އަށް ހުޅުވާލީ ނޫސްވެރިންގެ ހާއްސަ ޕެނަލަކުން ކަނޑައެޅި ފަސް ނަމެއް ކަމަށް ދިއެފްއެމް އިން ބުންޏެވެ.
އަހަރުގެ ޝަހުސިއްޔަތު ހޮވުމުގައި ދިއެފްއެމް އިން ބަލާފައިވަނީ މީޑިއާގައި އެ ބޭފުޅަކަށް ސަމާލުކަން ދޭ މިންވަރަށާއި މީޑިއާގައި އެ ބޭފުޅެއްގެ ނުފޫޒު އޮންނަ މިންވަރަށެވެ.
"ވަރަށް ބޮޑު ތަރުހީބެއް މި ކަމަށް ލިބިގެންދިޔަ. ކޮންމެ ސިމަކުން އެންމެ އެސްއެމްއެސްއެއް ފޮނުވޭ ގޮތަށް ކަނޑައަޅާފައި އޮތީ. އެހެންވީމަ ޖުމުލަ 33،081 އެސްއެމްއެސް އަޅުގަނޑުމެންނަށް ލިބުނު. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް." އަހަރުގެ ޝަހުސިއްޔަތު ހޮވުމުގައި ހަރަކާތްތެރިވި ނޫސްވެރިންގެ ޕެނަލްގެ އޮފިޝަލަކު ވިދާޅުވި އެވެ. "އަހަރުގެ ޝަހުސިއްޔަތު ރަސްމީކޮށް އިއުލާންކުރުން އޮންނާނީ ދިއެފްއެމުން ބާއްވާ ހާއްސަ ހަފުލާއެއްގައި."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ