އެމްޑީޕީން ދައްކާ ވާހަކަ އާއި އަމަލު ދިމައެއް ނުވޭ: މެމްބަރު ނަޝީދު

ރައީސް މުހަންމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް ބުނެ އަވަސް އިންތިހާބަކަށް އެމްޑީޕީން ގޮވާލަމުންދާއިރު، އެ ޕާޓީން އެ ދައްކާ ވާހަކަ އާއި އަމަލު ދިމާ ނުވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީން ކަންބޮޑުވާ މައްސަލަ އާއި އޭގެ ހައްލާ ވެސް ދިމާ ނުވާ ކަމަށެވެ.
"ބަޣާވާތެއް ކަމަށް ވަންޏާ، ޣައިރު ގާނޫނީ ގޮތުން ބަޔަކު ވެރިކަން ފޭރިގަތުން ކަމަށް ވަންޏާ، ނާއިބު ރައީސް ވެރިކަމަށް ވަޑައިގަތީ ގޯސްކޮށް ކަމަށް ގަބޫލު ކުރެވެންޏާ، ދެން އިންތިހާބެއް ނޫން އޭގެ ހައްލަކީ. އިންތިހާބެއްގެ ވާހަކަ ދައްކާކަށް ވެސް ނުޖެހޭ. ތަހުގީގެއް ހިންގަންވީ. ހިންގާފައި ބަލަންވީ، ބަޣާވާތަކުންތޯ ވެރިކަން ގެނައީ، ގަދަކަމުންތޯ ]ވެރިކަން[ ފޭރިގަތީ. ބިރު ދައްކައިގެންތޯ އެކަން ކުރީ،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައީސް ވަހީދު ވެރިކަމަށް ވަޑައިގަތީ ބަޣާވާތަކުން ކަމަށް ތަހުގީގަކުން ދައްކައިފިނަމަ، އޮޓަމެޓިކުން ކުރީގެ ރައީސް މުހަންމަދު ނަޝީދަށް ވެރިކަން ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ބަޣާވާތެއް ނޫން ކަމަށް ސާބިތުވެއްޖެ ނަމަ މިހާރުގެ ރައީސް ވަހީދަށް، ނޮވެމްބަރު ،11 2013 އާ ހަމައަށް ވެރިކަމުގައި ދެމިހުންނެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މި ދެ ހާލަތުން ކުރެ ހާލަތެއްގައި ވެސް އިންތިހާބެއް ނާންނާނެ. އިންތިހާބެއްގެ ވާހަކަ ދައްކާ ކަމަށް ވަންޏާ އެ ބުނެވޭ ވާހަކަ އަކީ ބަޣާވާތެއް ނެތޭ. ގަދަކަމަކުން ނޫނޭ ]ވެރިކަން[ ފޭރިގަތީ. ސައްހަ ގޮތުގައި މަގާމުގައި ހުރި މީހަކަށް ކީއްކުރަންތޯ އިސްތިއުފާ ދީފައި އިންތިހާބަކަށް ގޮވޭނީ؟ ޣައިރު ގާނޫނީ ގޮތުން މަގާމެއްގައި ހުރި މީހަކީ މަގާމެއްގައި ވެސް ހުރި މީހެއް ނޫނެއް ނޫންތޯ؟ އަލިކަމާއި އަނދިރިކަން އެއް ތަނެއްގައި ނޯންނާނެ ނޫންތޯ ޖަމާވެގެން؟ އަނދިރިކަން އޮއްވާ އަލިކަން އައިސްފިއްޔާ އަނދިރިކަން ދާނެ ނޫންތޯ؟ ހަމަ އަލިކަން އޮއްވާ އަނދިރިކަން އައިސްފިއްޔާ އަލިކަން ދާނެ ނޫންތޯ؟،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގެއް ވަރަށް މުހިންމު ކަމަށެވެ. އަދި ވެރިކަން ބަދަލުކުރި ގޮތުގެ ތެރޭގައި ހިނގާފައިވާ ގޯސްތަކާއި މެދުވެރިވި ސަބަބު ވަރަށް ބޭނުންތެރި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަދި އެ ކަމަކީ އަޅުގަނޑުމެންގެ ތެރޭގައި އިތުބާރު ކުރެވޭ އުސޫލެއްގެ މަތިން، އިތުބާރު ކުރެވޭ ބަޔަކު ހިންގާ ތަހުގީގަކަށް ވެސް ވުން ލާޒިމް. އެއީ ޕްރޮފެޝަނަލް ތަހުގީގަކަށް ވެސް ވާން ޖެހޭ. އަދި މިހާރު މި ރާއްޖެ އަށް ބައިނަލްއަގްވާމީ ނަޒަރު ހުއްޓިފައިވާ ވަގުތެއްގައި އަޅުގަނޑުގެ ވާހަކަ އަކީ، ބައިނަލްއަގްވާމީ މުޖުތަމައާ ވެސް ގުޅިގެން އެ މީހުންގެ ވެސް އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި މިކަން ކުރުމަކީ ހުރިހާ އެންމެންނަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ވާނެ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ