ރިޔާސީ އިންތިހާބު 2008: އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑު ތަފާތަކުން މައުމޫން ކުރި ހޯއްދަވައިފި

ބުދަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑު ތަފާތަކުން ޑީއާރުޕީގެ ޒައީމް އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު އިބްރާހީމް ބުރާސްފަތި ދުވަހުގެ ހަވީރު އިއުލާން ކުރެއްވި އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ވޯޓް ލީ މީހުންގެ ޖުމުލަ 177،959 ވޯޓްގެ ތެރެއިން މައުމޫނަށް ލިބިވަޑައިގެންފައި ވަނީ 71،774 ވޯޓެވެ. އެއީ 40.61 ޕަސެންޓެވެ. މައުމޫނާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް ލިބިވަޑައިގެންފައި ވަނީ 44،315 ވޯޓެވެ. އެއީ 25.08 ޕަސެންޓެވެ. މި ނަތީޖާ އަށް ބަލާއިރު މައުމޫނާއި އަންނިއާ ދެމެދު 27،459 ވޯޓުގެ ތަފާތެއް އުޅެ އެވެ. ވަގުތީ ނަތީޖާތަކުން ތިން ވަނައިގައި އުޅުއް ވަނީ އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލެއްވި ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 29،656 ވޯޓެވެ. އެއީ 16.54 ޕަސެންޓެވެ. ހަތަރުވަނައިގައި އުޅުއްވާ ކުރީގެ ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ 15.3 ޕަސެންޓް ނުވަތަ 27،128 ވޯޓެވެ. އިންތިހާބުގައި އެންމެ ފުލުން ދެވަނައިގައި އުޅުއްވަނީ އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 2،472 ވޯޓެވެ. އެއީ 1.4 ޕަސެންޓެވެ. ވާދަވެރި މި އިންތިހާބުގެ އެންމެ ފުލުގައި އުޅުއްވަނީ އެސްއެލްޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް އިސްމާއީލް (އިބުރާ) އެވެ. ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ގޮނޑި ވެސް ފުރުއްވަމުން ގެންދަވާ އިބްރާ އަށް ލިބިވަޑައިގެންފައި ވަނީ 1،382 ވޯޓެވެ. އެއީ މުޅި ވޯޓްގެ 0.78 ޕަސެންޓެވެ.
ހަ ކެންޑިޑޭޓުން ވާދަކުރި އިންތިހާބުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު، 85.45 ޕަސެންޓް މީހުން ވަނީ ވޯޓުލައިފަ އެވެ. އެއީ ޖުމުލަ 177،959 މީހުންނެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން އެއްވެސް ކެންޑިޑޭޓަކަށް ގާނޫނު އަސާސީގައި ބުނާ 50 ޕަސެންޓް ވޯޓުގެ އިތުރަށް އެއް ވޯޓް ލިބިވަޑައިނުގަތުމުން މިހާރު ވަނީ ދެވަނަ ބުރަށް ދާންޖެހިފަ އެވެ. އެހެންވެ، ދެވަނަ ބުރުގައި ވާދަކުރައްވާނީ ޑީއާރުޕީގެ ކެންޑިޑޭޓް މައުމޫނާއި އެމްޑީޕީގެ ކެންޑިޑޭޓް އަންނި އެވެ. އެއީ އިންތިހާބުގެ ފުރަތަމަ ބުރުގައި މިހާތަނަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައި ވަނީ އެ ދެ ކެންޑިޑޭޓުންނަށް ކަމަށްވާތީ އެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް މުޅި ވޯޓްގެ އަޣުލަބިއްޔަތު ލިބިވަޑައިނުގެންފި ނަމަ، އެ އިންތިހާބު ބޭއްވިތާ 21 ދުވަހުގެ ތެރޭގައި ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ. އެހެންވެ ގާނޫނު އަސާސީގައި ބުނާ ގޮތުން މި މަހުގެ 29 ގެ ކުރިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަންޖެހެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާނެ ދުވަހެއް އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނެއް ނުކުރެ އެވެ. އެހެން ނަމަވެސް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް މިރޭ 00: 11 ގައި ބާއްވާ ނިއުސް ކޮންފަރެންސްގައި އެ މައުލޫމާތުތައް އާންމު ކުރާނެ ކަމަށް ލަފާ ކުރެވެ އެވެ.
ތާރީހީ މި އިންތިހާބުގެ ފުރަތަމަ ބުރުން މައުމޫނު ކުރި ހޯއްދެވުމާ ގުޅިގެން އެމަނިކުފާނު ވަނީ މިއަދު މެންދުރު ފަހު ނިއުސް ކޮންފަރެންސެއް ވެސް ބާއްވައިފަ އެވެ. މައުމޫން ކެމްޕޭން 2008ގެ އޮފީހުގައި ބޭއްވި މި ނިއުސް ކޮންފަރެންސްގައި ޒައީމް މައުމޫން ވިދާޅުވީ ފުރަތަމަ ބުރުގެ ނަތީޖާ އިން އެ މަނިކުފާނަށް ލިބިވަޑައިގެންނެވީ "ފަހުރުވެރި ކާމިޔާބީއެއް" ކަމަށެވެ.
"އެއީ ވަރަށް ގިނަ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލައި، އެކަންކަން ބަލިކޮށް މި ނަތީޖާ ހޯދުނީތީ،" އިދިކޮޅު ފަސް ކެންޑިޑޭޓުންނާ ވާދަކުރެއްވި މައުމޫން ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވައި 51 ޕަސެންޓް ހޯއްދެވުމަކީ "ވަރަށް ފަސޭހަ ކަމެއް" ކަމަށެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް އިދިކޮޅު ކެންޑިޑޭޓަކާ އެކު އިއްތިހާދެއް ހެއްދެވުމަށް ގަސްދުކުރައްވާތޯ ދެންނެވުމުން މައުމޫން ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން އަދި މާ އަވަސް ކަމަށެވެ.
"އަޅުގަނޑު ވެސް އެބަޖެހޭ ނަތީޖާތައް ރަނގަޅަށް ތަހުލީލުކޮށްލަން، ކޮން ދިމާލަކުންތޯ ރަނގަޅަށް ލިބިފައި ހުރީ، ކޮން ދިމާލަކުންތޯ ރަނގަޅު ނޫންކޮށް ލިބިފައި ހުރީ. ކޮބައިތޯ މީގައި އުޅޭ މައްސަލަތަކަކީ. މި ކަންތައްތައް ރަނގަޅަށް ދިރާސާކޮށްލާފައި ނޫނިއްޔާ ތި ކަހަލަ ކަމަކަށް (އެހެން ކެންޑިޑޭޓަކާ ގުޅުން) ވިސްނުމަކީ ރަނގަޅު ކަމެއް ނޫން ކަން ނޭނގޭ. އެހެންވީމަ ތަންކޮޅެއް ފަހުން ތިއަށް ޖަވާބު ދޭނީ،" މައުމޫން ވިދާޅުވި އެވެ.
އަދި މައުމޫން ވިދާޅުވީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ޑރ. ހަސަން ސައީދަށް ބޮޑަށް ކާމިޔާބު ލިބިވަޑައިގެންފައި ވަނީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އައްޑު އަތޮޅުން ކަމަށްވާއިރު ދެވަނަ ބުރުގައި ޑރ. ހަސަނަށް ފުރުސަތު ގެއްލިފައިވާތީ އެ ވޯޓުތައް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި މައުމޫން ކެމްޕެއިން 2008 ގެ މީޑިއާ ކޯޑިނޭޓަރު އަލީ ވަހީދު ވިދާޅުވީ އިންތިހާބުގައި މައުމޫނަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަ ކުރައްވައި، އެމަނިކުފާނާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ގެ އިތުރުން ޑރ. ހަސަންގެ ރަނިންމޭޓް ޑރ. އަހުމަދު ޝަހީދު ވެސް މައުމޫނަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ އެއީ ޑިމޮކްރެސީގެ ރީތި ނަމޫނާއެއް ކަމަށާއި އެކަމަށް ޑީއާރުޕީން މަރުހަބާ ކިޔާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ