ޖަމީލް މަގާމުން ދުރުކުރީ ރިޝްވަތު ނަގައިގެން ކަމަށްވާނަމަ އަލުން މަގާމަށް ގެންނަން ޖެހޭނެ: މައުމޫން

ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު މަގާމުން ދުރުކޮށްފައިވަނީ މެންބަރުންނަށް ރިޝްވަތު ދީގެން ކަމަށްވާ ނަމަ އެމަނިކުފާނު އަލުން އެމަގާމަށް ގެންނަން ޖެހޭނެ ކަމަށް ގާނޫނީ ވަކީލު މައުމޫނު ހަމީދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އުމަރު ރޭ ވިދާޅުވެފައިވަނީ ޖަމީލް މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ތިން މެމްބަރަކު ފިޔަވައި އެޕާޓީގެ އެހެން މެމްބަރުން އަހްމަދު އަދީބު އަތުން ފައިސާ ނެންގެވިކަން ފުލުހުންގެ ތަހުގީގުން އެނގެން އެބަ އޮތް ކަމަށެވެ.
ރައީސް ޔާމީނަށް ބޮޑު ބޭބެ ވިދާޅުވާ މައުމޫން ހަމީދު އޭނާގެ ފޭސްބުކްގައި ލިއުއްވާފައިވަނީ ޑރ ޖަމީލް މަގާމުން ދުރުކުރީ މެމްބަރުން ރިޝްވަތު ނަގައިގެން ކަމަށްވާ ނަމަ އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި ގާނޫނީ ނިންމުމަކަށް ވެސް އެކަން ނުވާނެ ކަމަށެވެ.
ނައިބް ރައީސް ކަމަށް ރައްޔިތުން އިންތިހާބު ކުރި ޑރ. ޖަމީލް މަގާމަށް އަލުން ރުޖޫއަކުރަން ކަމާ ބެހޭ އިދާރާތަކުން ވަގުތު ދޭން ޖެހޭނެ ކަމަށާއި، ހަމައެއާއެކު ރިޝްވަތު ނެގި މެމްބަރުންނާ މެދު ވެސް ދައުވާ އުފުލަން ޖެހޭނެ ކަމަށް މައުމޫން ހަމީދު ވަނީ ލިޔުއްވާފަ އެވެ.
ޑރ ޖަމީލް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް މިހާރު ދިރިއުޅުއްވަނީ ލަންޑަންގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ