ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ކަރަންޓް ސާމާނު ވަގަށް ނަގައިގެން ބިދޭސީއަކު ހައްޔަރުކޮށްފި

ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ކަރަންޓް ސާމާނުތަކެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި 43 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށާއި ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތައް ފެނުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހެންވޭރުގައި ހުންނަ ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެގޭ ކޮޓަރިއެއްގެ ތެރެއިން ކަމަށެވެ.
އެ މައްސަލާގައި އެ ކޮޓަރީގެ ތެރެއިން ފުލުހުން ހޯދާފައިވާ ތަކެތީގެ ތެރޭގައި 38 އެޕޯލޯ ތަޅާއި 43 ރޯލު ކަރަންޓް ނަރު ރޯލާއި ކޭޑީކޭ 05 ފަންކާ އާއި 74 ސިންގަލް ސޮކެޓް އާއި 18 ކަރަންޓް ސޮކެޓް އާއި އޭބީ ބްރޭންޑްގެ 41 ބްރޭކަރާއި 133 ގޭންގް ބްރެކެޓްގެ އިތުރުން 04 ރޯލު ފަލަ ކަރަންޓް ނަރު ހިމެނެ އެވެ.
މިތަކެތީގެ ތެރޭގައި ހިމެނޭ 38 ތަޅަކީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުމުރުން މީހާ ވަޒީފާ އަދާކުރަމުންދާ ތަނުން އޭނާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ އެއްޗެހި ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮންތަނެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން 38 ތަޅު އެ ތަކެތީގެ ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި ދެން ހުރި ތަކެއްޗަކީ ވެރިފަރާތެއް ނޭނގިގެން ހަވާލުނުކުރެވި ހުރި ތަކެތި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ