އަނެއްކާ ވެސް ކަރަންޓް ކަނޑާލަނީ!

އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތައް މަރާމާތު ކުރުމަށް އަނެއްކާ ވެސް ކަރަންޓް ކަޑާލާނެކަމުގެ އިންޒާރު ފެނަކަ ކޯޕަރޭޝަނުން ދީފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ގޭގެ އަށް ފޮނުވި "ކުޑަ ސިޓީ"ގައި ބުނެފައި ވަނީ ކަރަންޓް ދިނުމަށް ބޭނުން ކުރާ އިންޖީނެއް ސާވިސް ކުރުމަށް 8 ޖޫން 2013 ވާ ހޮނިހިރު ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެ ކަމަށެވެ.
އެހެންކަމުން ލޯޑުމަތިވާ ވަގުތު ތަކުގައި ކަރަންޓްގެ ހިދްމަތް ދޭތެރެ ދޭތެރެއިން މެދުކަނޑާލަން ޖެހޭނެ ކަމަށެވެ.
އެގޮތުން އެއް ގަޑި އިރަށް ކަރަންޓް ކަނޑާލެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތަކަށް މިދިޔަ ޑިސެމްބަރުން ފެށިގެން ދިމާވެގެން އުޅޭ މައްސަލަތައް ވަނީ ދާއިމީ ހައްލެއް ލިބޭގޮތް ނުވެފަ އެވެ. އަދި ރޯދައިގެ ކުރިން 2 މެގަ ވޯޓް ޖަނަރެޓަރެއް އައްޑު އަށް ގެނެސް އިންސްޓޯލް ކުރާނެ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ. ނަމަވެސް އަދި މިހާތަނަށް އިންޖީނެއް އައްޑު އަށް ގެނެވިފައެއް ނުވެ އެވެ.
އައްޑޫގެ އިންޖީނުގެތައް ފެނަކަ ކޯޕަރޭޝަނުން ހިންގާއިރު އެކުންފުންޏަކީ ބޮޑު ދަރަނިއެއްގައި ރާއްޖޭގެ އެތަން މިތަނުން ކުދި އިންޖީނުގެތައް ނަގައި ހިންގަމުން އަންނަ ކުންފުންޏެކެވެ. އަދި އައްޑޫ އިންޖީނު ގެއިން ނަގާ ފައިދާ އިން ކުދި އިންޖީނުގެތައް ހިންގަން އުޅުމުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި އައްޑޫ ރައްޔިތުން "ކަނު އަނދިރީގައި" އުޅެން ޖެހިފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ