ބޮޑު ކިނބޫ ރަށަށް އެރުނަ ނުދިނުމަށްޓަކައި ކުރެންދޫ ރައްޔިތުން ފާރަޔަށް!

ޅ.ކުރެންދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ "ޅޮހި" ފަޅު ތެރެއިން ކިނބުލެއް ފެނުނު ކަމަށް ބަޔަކު ކުރި ރިޕޯޓަކާއި ގުޅިގެން އެ ކިނބޫ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ކުރެންދޫއިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ޅޮހީ ފަޅު ތެރެއިން ފެނުނު ކިނބޫގެ ދިގުމިނުގައި 10 ވަރަކަށް ފޫޓު ހުންނާނެ ކަމަށާއި މި ކިނބޫ ފެނިފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ފަޅު ރަށް ކައިރިން ކަމަށެވެ.
"ފަޅު ރަށަށް ދަތުރު ގޮސް އުޅުނު ބަޔަކަށް މި ކިނބޫ ފެނުނީ، އެކަމަކު އެ ކިނބޫ ފެނުނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް، އޭތި މަތީގައި އޮވެފައި މާގިނައިރުތަކެއް ނުވެ އަޑިއަށް ދިޔައީ." ކުރެންދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ކުރެންދޫ ބަޔަކަށް 10 ވަރަކަށް ފޫޓުގެ ކިނބުލެއް ފެނުމާ ގުޅިގެން ކުރެންދޫ ރައްޔިތުން އެކަމަށް ސަމާލުވާން އެރަށު ކައުންސިލް އިދާރާއިން ވަނީ ރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.  އަދި ފަޅު ރަށަށް ދާނަމަ ކިނބޫއަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރިއެވެ.
ކިނބޫ ފެނުނު މީހުން އެންމެ ފުރަތަމަ އެކަން ރިޕޯޓުކޮށްފައިވަނީ ކުރެންދޫ ކައުންސިލް އިދާރާއަށެވެ. އަދި ކައުންސިލް އިދާރާއިން އެކަން ފުލުހުންނަށް ރިޕޯޓު ކުރުމުން ފުލުހުން ވަނީ އެ މައުލޫމާތު އެމްއެންޑީއެފް އާއި ހިއްސާކޮށްފައެވެ.
"ވަގުތަށް" މައުލޫމާތުދެއްވަމުން ޑިފެންސް މިނިސްޓްރީއާއި އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާން މުހައްމަދު ވިދާޅުވީ ކުރެންދޫ ކައިރިން ކިނބުލެއް ފެނުނު ކަމުގެ ރިޕޯޓު ލިބުނީ ފުލުހުންގެ ފަރާތުން ކަމަށާއި އެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުމާއިއެކު އެމްއެންޑީއެފްއިން ވަގުތުން ހަރަކާތްތެރިވެފައިވާނެ ކަމަށެވެ.
އެގޮތުން ކޯސްޓްގާޑުގެ ލޯންޗެއްގައި އެމްއެންޑީއެފް ސިފައިން ކިނބޫ ފެނުނު ކަމަށް ބުނާ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށީ އިއްޔެ މެންދުރުފަހުން ފެށިގެން އިރުއޮއްސުމާއި ހަމައަށް ކަމަށާއި އެމްއެންޑީއެފްއިން ކުރި މަސައްކަތުން ކިނބޫ ފެނިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުރެންދޫއިން ވާހަކަ ދެއްކި މީހާ ބުނީ އެރަށް ކައިރިން ބޮޑު ކިނބުލެއް ފެނުމާއި ގުޅިގެން އެރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި އެ ކިނބޫ ރަށަށް އެރުނަ ނުދިނުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ރަށުގެ ރައްޔިތުން އަތިރިމައްޗަށް އެއްވެ ތިބެނީ، އެ ކިނބޫ އެރަށަށް އެރުނަ ނުދިނުމަށްޓަކައި، އިއްޔެ މެންދުރުފަހުން ފެށިގެން އިރުއޮއްސެންދެން ގިނަ ބަޔަކު އެގޮތަށް ތިބި، ރޭގައި ވެސް ބައެއް މީހުން ތިބި، މިއަދު ވެސް ބަޔަކު އެބަ ތިބި އަތިރިމަތީގައި ފާރަޔަށް." ވަގުތަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ކުރެންދޫއިން އިއްޔެ ކިނބުލެއް ފެނިގެން ރިޕޯޓުކޮށްފައިވާއިރު ފުނަދޫ ކައިރިން ދެ ފޫޓުގެ ކިނބުލެއް ފެނުނު ކަމަށް ބުނެ ބަޔަކު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. ރޭ 10:45 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ލިބުމާއި ގުޅިގެން އެ ކިނބޫ ފުނަދޫއަށް އެރިޔަ ނުދިނުމަށްޓަކައި އާންމުންނާއި އެރަށުގެ ފުލުހުން ގުޅިގެން މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން މިހާރަކަށް އައިސް ކިނބޫ ފެންނަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ރިޕޯޓް ކުރަމުންނެވެ.
އެގޮތުން ނ.މިލަދޫ ފަޅު ތެރެއިން ކިނބުލެއް ފެނިގެން ރިޕޯޓުކުރިއިރު، ހއ.ހޯރަފުށީ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ހުވަހަންދޫ ކައިރިން 10 ފޫޓުގެ ކިނބުލެއް ފެނިގެން ރިޕޯޓުކޮށްފައިވެއެވެ. އަދި ހއ.ފިއްލަދޫ ފަޅު ތެރެއިން ބޮޑު ކިނބުލެއް ފެނުމާއި ގުޅިގެން އެސޮރު ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މީގެ ދުވަސްތަކެއް ކުރިން  ލ. ކަލައިދޫ ކައިރިން ވެސް ދިހަ ފޫޓުގެ ކިނބުލެއް ފެނިގެން އެސޮރު ހިފުމަށްފަހު އެމްއެންޑީއެފް އާއި ވަނީ ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ