މާލޭގެ ގެތަކުގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ހޯދައިދިނުމަށް އެދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިިފި އެވެ.
މުއިއްޒު މިގޮތަށް ގޮވާލެއްވީ ކޮވިޑް-19 އާ ގުޅިގެން މާލޭ ސިޓީގައި ގިނަ ވަގުތު ކާފިއު އިއުލާންކޮށްފައި އޮންނާތީ ގިނަ ބައެއްގެ އާމްދަނީ އަށް އަސަރުކޮށްފައިވާތީ އެވެ.
އެކަމާ ގުޅޭ ގޮތުން މުއިއްޒު "މިހާރު" އަށް ވިދާޅުވީ މޭޔަރުކަމާ ހަވާލުވެވަޑައިގަތް ފަހުން، އެކަމުގެ ޝަކުވާ ގިނަ ބައެއްގެ ފަރާތުން އަހަން ޖެހިވަޑައިގަތް ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލްގެ އިތުރު ބައެއް މެމްބަރުންނަށް ވެސް މި ޝަކުވާތައް ލިބެމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާލޭގައި ގިނަ ވަގުތު ކާފިއު އިއުލާންކޮށްފައިވާތީ ވިޔަފާރިވެރިންނަށް ވެސް ގެއްލުން ލިބެމުން އެބަދެ އެވެ. އަދި ބައެއް ވަޒީފާތަކުގައި އުޅޭ މީހުންގެ އާމްދަނީ އަށް ވެސް އެކަމުގެ ނުރަނގަޅު އަސަރެއްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ ބެހޭ އިދާރާތަކަށް އޭނާ ގޮވާލެއްވީ މާލޭގައި އުޅޭ މީހުންނަށް ކަރަންޓު ބިލާއި ފެން ބިލުން ލުޔެއް ދެއްވުމަށެވެ.
މުއިއްޒު ވިދާޅުވީ ހުވާ ކުރެއްވުމަށް ފަހު މާލޭ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއަށާއި ސްޓެލްކޯއަށް އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ވެރިންނާ ބައްދަލުކުރެއްވުމަށް އެދި ސިޓީއެއް ފޮނުއްވި އެވެ. އެކަމަކު މިހާތަނަށް ބައްދަލުކުރެއްވުމަށް ފުރުސަތެއް ދެއްވާފައި ނުވާތީ އެ ބޭފުޅުންނާ ބަައްދަލުކުރައްވައި، އެ މަޝްވަރާތައް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.
މާލޭގެ މޭޔަރު ކަމާއި މުއިއްޒު ހަވާލުވެވަޑައިގެންނެވިތާ މިވީ ފަސް ވަރަކަށް ދުވަހުގެ ތެރޭގައި، އޭނާ ވަނީ ރައްޔިތުންނަށް ބައެއް ލުއިތައް ދިނުމަށް ނިންްމަވައިފަ އެވެ. އޭގެ ތެރޭގައި މާލޭގެ ޓެކްސީ ޕާކިން ފީ 3000 ރުފިޔާ އިން 750 ރުފިޔާއަށް ކުޑަކޮށްދޭން ނިންމުން ހިމެނެ އެވެ.
އާމްދަނީ ދަށްވެފައިވާތީ ފެނާއި ކަރަންޓު ބިލު ކުޑަކޮށްދޭން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ