ސިޔާސީ ދާއިރާގެ ކޮރަޕްޝަނާއި ނުފޫޒުގެ ސަބަބުން ބްރެޒިލް ބަނގުރޫޓް ވަނީ!

ބްރެޒިލްގެ ވާހަކަ އަހަރެމެންނަށް ގިނައިން އިވެނީ ފުޓްބޯޅައިގެ ދާއިރާއިން ކަމަށް ވީނަމަވެސް ފަހަކަށް އައިސް މިވަނީ ބްރެޒިލްގެ ސިޔާސީ މަސްރަހުގެ ވާހަކަތައް ވެސް ވަރަށް ގިނައިން އިވޭން ފަށާފައެވެ. ބްރެޒިލް އިން ތައްޔާރުވަމުން ދަނީ އެގައުމުގެ ރައީސް ޑިލްމާ ރުސެފް މަގާމުން ދުރުކުރުމަށެވެ.
ބްރެޒިލްގެ ރައީސްކަން ލޫލާ ޑަ ސިލްވާ 2003 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް ވެރިކަމުގެ ދެދައުރު ފުރިހަމަ ކުރެއްވުމަށް ފަހު ވެރިކަމުން ވަކިވެ ވަޑައިގެންނެވިއިރު ބްރެޒިލް އަކީ ސަރަހައްދީ އިޤްތިޞާދީ ބާރެކެވެ. ހަމަޖެހުމާއި އެކު ގައުމުގެ ކަންކަން ކުރިއަށް ދަމުން ދިޔައެވެ.
ބްރެޒިލްގެ ރައީސް ކަމަށް ރުސެފް ގެންނަން ލޫލާ ހުށަހެޅުއްވުމުން ރުސެފް އަށް ރައްޔިތުން ތާއިދު ކުރިއެވެ. ނަމަވެސް މިއަދު ބްރެޒިލްގެ ސިޔާސީ މަސްރަހު ބަދަލުވެއްޖެއެވެ. ކޮރަޕްޝަނާއި މަނީ ލޯންޑްރިން އާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ބޮޑެތި ތުހުމަތުތަކެއް ގައުމުގެ ވެރިންގެ މައްޗަށް ދަނީ ކުރެވެމުންނެވެ.
ބްރެޒިލްގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިޔާ ހުރީ ކޮރަޕްޝަންގެ މައްސަލައެއްގައި 19 އަހަރަށް ޖަލަށް ލާފައެވެ. ކުރީގެ ރައީސް ލޫލާގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ދައުވާއެއް އުފުލިފައެވެ. މިހާރުގެ ރައީސް ރުސެފްގެ މައްޗަށް ވަނީ ބަޖެޓްގެ ޤާނޫނާއި ޚިލާފަށް 2014 ވަނަ އަހަރު އޮތް ރިޔާސީ އިންތިޙާބުގައި ރައީސް ކަމަށް އިންތިޙާބު ވުމަށް ބަޖެޓުން ޚަރަދު ކުރެވުމުގެ ތުހުމަތު ކުރެވިފައެވެ.
ޚިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކާ ގޮތުގައި ބްރެޒިލްގެ 70 އިންސައްތަ މީހުން ތާއިދު ކުރަނީ ރުސެފް މަގާމުން ދުރުކުރުމަށެވެ.
ކުރިއަށް އޮތް ހަފްތާ ބަންދުގައި ރުސެފް މަގާމުން ދުރުކުރުމުގެ މަސައްކަތް ބްރެޒިލްގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން ފަށާނެ ކަމަށް ބެލެވެއެވެ. ތިރިގެއިން ރުސެފްގެ އިތުބާރުނެތް ކަމަށް ފާސްކޮށްފި ނަމަ މިމައްސަލަ ސެނެޓަށް ހުށަހެޅޭނެއެވެ.
އިތުބާރުނެތް ކަމުގެ މައްސަލަ ފާސްކުރަން ސެނެޓްގެ ތިންބައިކުޅަ ދެބައިގެ ވޯޓް ބޭނުންވާއިރު މިމައްސަލަ ހަމަސް ދުވަހަށް ސަސްޕެންޑް ކުރަން ސެނެޓުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސް ކުރެވިދާނެއެވެ. އެހެންކަމުން މަގާމުން ދުރުކުރުމުގެ މައްސަލަ ހަމަސްދުވަހަށް ދިގު ދައްމާލުމުގެ ފުރުސަތު ރުސެފް އަށް އެބައޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް މައްސަލަ ސަސްޕެންޑްކޮށް އިތުރު ހަމަސްދުވަހު ވެރިކަމުގައި ހުންނަން ރުސެފް ނިންމަވައިފިނަމަ އެއީ އަނެއްކާވެސް ބްރެޒިލްގެ ސިޔާސީ މަސްރަހު ގޯސްވެ ބްރެޒިލްގެ ހާލަތު ނާޒުކު ވެގެން ހިނގައި ދާނެ ސަބަބެކެވެ.
ފެންނަ މަންޒަރުތަކަށް ބަލާއިރު ބްރެޒިލްގެ ސިޔާސީ މަސްރަހަށް ކައިރި މުސްތަގުބަލެއްގައި ހަމަޖެހުން އައިސްދާނެ ކަމަކަށް ނުބެލެވެއެވެ. ކުރިއަށް އޮތް ދުވަސްތަކަކީ ބްރެޒިލްގެ ސިޔާސީ މަސްރަހުން ޝައުގުވެރި މަންޒަރުތަކެއް ފެނިގެން ދާނެ ދުވަސްތަކަކަށް ވެގެން ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ