އިންސާނީ ހައްގުތަށް ކުރިއެރުމަށް ސަރުކާރުން މަސައްކަތެއްނުކުރޭ: މައުމޫން އޮފީސް

ދިވެހި މުޖުތަމައުގައި އިންސާނީ ހައްގުތަށް ކުރިއަރުވައި، ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށްކުރީގެ ރައީސް މައޫމޫން އަބްދުލް ގައްޔޫމް އޮފީހުން ބުނެފިއެވެ.
އިއްޔެ ފާހަގަކުރި ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން ކުރީގެ ރައީސް މައުމޫނު އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވަނީ ރައްޔިތުންގެ ހައްގުތަށް ކަށަވަރުކޮށްދިނުމުގެ ޒިންމާ ގާނޫނީގޮތުން އެޅިފައިވާ ފަރާތްތަކުން ހައްގުތަކުގެ ވާހަކަ ދައްކާއިރު، ހައްގުތަށް ލިބެންޖެހޭ އެތައް ރައްޔިތުންނަކަށް ހައްގުތަށް ނުލިބިގެން އެކަމުގެ މާޔޫސްކަން އިހްސާސް ކުރަން ޖެހިފައިވާކަމަށެވެ.
ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތަށް ރައްޔިތުންނަށް ހޯދައިދިނުމާއެކު، ރާއްޖެއަކީ ގާނޫނު ތަންފީޒްކުރެވޭ އަދި ގާނޫނު އިހްތިރާމްކޮށް ބޯލަނބާ ރައްޔިތުން ދިރިއުޅޭ ތަނަކަށް ހެދުމުގެ ބަދަލުގައި ސަރުކާރުން އަމަލަތުތަށްހުރީ އިދިކޮޅަށްކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ބާރު އޮތް ފަރާތްތަކުން ބާރުގެ ބޭނުންކޮށްގެން، އެފަރާތްތަކަށް ފައިދާވާނެހެން ޖެހިލުމެއް ނެތި އެހެން މީހުންގެ ހައްގުތަކަށް އަރައިގަންނަމުންދާކަމުގެ ނުވަތަ ހައްގުތަށް ނިގުޅައިގަންނަމުންދާކަމުގެ ޝަކުވާތަކުގެ އަޑު ގަދަވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނާއި ގަވައިދާއި އެއްގޮތަށް މަސައްކަތް ކުރާ ތަނެއްގެ ގޮތުގައެއް ނުފެންނަކަމަށްވެސް މައުމޫނު އޮފީހުން ބުނެއެވެ. މަޖިލީހުގެ އެތައް މެންބަރުންނަކަށް ގާނޫނާއި ހިލާފަށް އެތައް މައްސަލަތަކެއް ކުރިމަތިކޮށް އެމެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު އުފުލުން މިސަރުކާރުން ވަނީ ގާނޫނާއި ހިލާފަށް ހުއްޓުވާފައިވާކަމަށްވެސް މައުމޫނު އޮފީހުން ބުނެއެވެ.
އޭގެ އިތުރުން ރާއްޖެގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނުން ހަމަހަމަ ކަމާއި އެކު ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތްކޮށް ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނުން މަސައްކަތް ކުރާތަނެއް ނުފެންނަކަމަށްވެސް މައުމޫނު އޮފީހުން ބުނެއެވެ.
ރައްޔިތުންގެ އަސާސީ ހައްގުތަށް ރައްކާތެރިކޮށް ކުރި އަރުވައި، ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ އަދި ސިއްހީ ގޮތުން ރައްކާތެރި މާހައުލެއް ޔަގީންންކުރުމަށްޓަކައި މިއަދުގެ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށްވެސް މައުމޫނު އޮފީހުން ބުނެއެވެ.
މައުމޫނު ވިދާޅުވީ އިންސާނީ ހައްގުތައް ނަގަހައްޓައި ރައްކާތެރިކޮށް، ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި އަދި އިންސާނީ ކަރާމާތް ދިރުވުމަކީ، އިންސާނިއްޔަތު ދިރުވުމަށްޓަކައި އެންމެން އެކީ ގުޅިގެން ކުރަންޖެހޭ މަސައްކަތެކެވެ. އަދި އިންސާނީ ހައްގުތަކުގެ ދުވަހަކީ އިންސާނީ ކަރާމާތަށާއި، ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ފުންކޮށް ވިސްނައި ހިތްވަރު ދޭންޖެހޭނެ ދުވަހެއްކަމަށެވެ.
މައުމޫނު އޮފީހުން ރާއްޖޭގެ ހުރިހާ ރައްޔިތުން އިންސާނީ ހައްގުތަށް ފުރިހަމައަށް ހޯދުމަށް މަސައްކަތް ކުރުމަށް ތެދުވުމަށް ގޮވާލާފައިވެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ