ބޭސް ފަރުވާއަށް ރައްޔިތުން ކުރަންޖެހޭ ހަރަދުތައް، ރައީސް ޔާމިންގެ ސަރުކާރުގައި 29 އިންސައްތަ ދަށަށް!

ބޭސް ފަރުވާއަށް ރައްޔިތުން ކުރަންޖެހޭ ހަރަދުތައް، ރައީސް ޔާމިންގެ ސަރުކާރުގައި 29 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ސިއްހީ ދާއިރާގެ ފަސް އަހަރުގެ ކާމިޔާބީ ހިމަނައި މިނިސްޓްރީއިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ބޭސް ފަރުވާއަށް ރައްޔިތުންގެ ޖީބުން ހަރަދުކުރާ މިންވަރު 2011 ވަނަ އަހަރު ނިމުނު އިރު 49 ޕަސެންޓްގައި އޮއްވައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން، ހުސްނުވާ އާސަންދަ ސްކީމް ތައާރަފްކޮށް، ރައްޔިތުންނަށް ދޭން ފެށި ހިދުމަތާއެކު 2015 ވަނަ އަހަރު ނިމުނުއިރު އެ އަދަދު 29.5 ޕަސެންޓަށް ކުޑަކުރެވިފައިވާ ކަމަށެވެ.
އެގޮތުން އާސަންދަ މެދުވެރިކޮށް މިހާތަނަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާއިރު، ލިވާ ޓްރާންސްޕްލާންޓާއި ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެކަނިވެސް މި ފަސް އަހަރުގެ ތެރޭގައި ސަރުކާރުން 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ ކުރިން ރާއްޖެއިން ނުކުރެވޭ ހިތުގެ ފަރުވާއާއި އެނޫންވެސް ބައެއް ހިދުމަތްތަކަށް އިޝާރާކޮށް ހެލްތުގެ ރިޕޯޓުގައި ބުނެފައިވަނީ 2016 ވަނަ އަހަރު އައިޖީއެމްއެޗް ގައި ހުޅުވި ނޭޝަނަލް ކާޑިއެކް ސެންޓަރުން މިހާތަނަށް ބައިލައްކަ އަށްވުރެ ގިނަ މީހުންނަށް ހިދުމަތްދީފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ އެމްއާރްއައި ސެންޓަރުން ވެސް މިހާތަނަށް 15،316 މީހުންނަށް 19،434 ޕްރޮސީޖާ ހަދައިދީފައިވާއިރު މި ހިދުމަތްތަކަކީ އާސަންދައިގެ ދަށުން ދޭ ހިދުމަތްތަކަކަށް ވުމުން، މި ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންގެ އަތުން ހޭދަކުރަންޖެހުނު އެތަކެއް ރުފިޔާއެއް ސަލާމަތްކުރެވިފައިވާ ކަމަށެވެ.
އޭގެ އިތުރުން ތެލެސީމިއާ ބަލީގެ ފަރާތްތައް އިހުމާލު ނުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތެލެސީމިއާއަށް ސްކްރީން ކުރެވޭނެ އިންތިޒާމު ހަމަޖެހި، 57 ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފައިސާގެ އިންތިޒާމު ހަމަޖެހިފައިވާ ކަން ފާހަގަކޮށް މި ރިޕޯޓްގައި ބުނެފައިވަނީ މީގެކުރިން ރައްޔިތުންނަށް އަމިއްލަ ޖީބުން ހަރަދުކުރުމަށް ނުކުޅެދިފައިވާ ގިނަ އާއިލާތަކަށް މިފަދަ ކަންކަމުގެ ސަބަބުން ދިރިއުޅުމުގެ އުއްމީދު އާވެގެންދިޔަކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، މި ފަސް އަހަރުގެ ތެރޭގައި ރައީސް ޔާމީން ވަނީ، ސިއްހީ ދާއިރާ ތަރައްގީކޮށް އިންގިލާބެއް ގެނެސްދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ