ޔާސިރް ޔަހްޔާ ނިޔާވެއްޖެ

ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސާލިހް ނިޔާވެއްޖެއެވެ.
ޔާސިރް ނިޔާވީ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔައީ ހާލު ސީރިއަސް ވެގެންނެވެ.
ޔާސިރް ނިޔާވިކަން އޭނާގެ އާއިލާއިން ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ. ޔާސިރްގެ އާއިލައިން ބުނެފައި ވަނީ، ޔާސިރް ނިޔާވީ މިއަދު ހަވީރު 16:25 ހާއިރު ކަމަށެވެ.
ޔާސިރް ހާލު ދެރެވެގެން އައިޖީއެމްއެެޗްއަށް ގެންގޮސް ފަރުވާދޭން ފެށީ ޖުލައި 21 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
ޔާސިރު ހައްޔަރުކޮށްފައި ވަނީ 2017 ވަނަ އަހަރު މާރިޗް މަހުގެ ތިންް ވަނަ ދުވަހުއެވެ.
މިދިޔަ މަސް ތެރޭގައި ޔާސިރު ޔަހްޔާގެ ވަކީލުން އޭނާގެ ބަލި ހާލަތުގެ ސަބަބުން އޭނާ ގޭބަންދަށް ބަދަލުކޮށްދިނުމަށް ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދުނެވެ.
ނަމަވެސް ކޯޓުން ވަނީ ވަގުތީ އަމުރު ނެރެދިނުމަށް ޝަރީއަތުގެ ގަވާއިދުތަކުގެ މައްޗަށް ބިނާކޮށް އިންކާރުކޮށްފައެވެ.
ޔާސިރް ރާއްޖެ އައިސް ވަޒީފާ އަދާ ކުރަމުން ގޮސްފައި ވަނީ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް އަދި އިސްލާމިކް ޔުނިވާސިޓީގައި ޓީޗަރެއްގެ ވަޒީފާއެވެ. އޭނާ ރާއްޖޭގައި އުޅުނީ ދިވެއްސަކާއި ކައިވެނި ކޮށްގެންނެވެ. އެދެމަފިރިންގެ ދަރިއަކު ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ