މައުމޫން ލަންކާގެ ރައީސާއި ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ސްރީ ލަންލާގެ ރައީސް މައިތްރިޕާލާ ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ މިއަދު ބައްދަލުކުރައްވައިފި އެވެ. މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެމަނިކުފާނު ފުރަތަމަ ޒިޔާރަތް ކުރެއްވީ ބޮޑުވަޒީރު ރަނިލް އަރިހަށް ކަމަށެވެ. އޭގެ ފަހުން ރަނިއާ އެކު ރައީސް ސިރިސޭނާ އަރިހަށް މައުމޫން ޒިޔާރަތް ކުރެއްވި ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ. މައުމޫން ލަންކާގެ ރައީސްއާ މިއަދު ސަލާމް ކުރައްވަނީ. މައުމޫނާއި ލަންކާގެ ރައީސާއި ބޮޑުވަޒީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވަރަށް އެކުވެރި މާހައުލެއްގައި ހިޔާލުފުޅު ބަދަލުކުރައްވާފައި ކަމަށް މައުމޫންގެ އޮފީހުން ބުނެ އެވެ. އަދި ލަންކާގައި އަންނަ އަހަރު ބާއްވަން ގަސްދުކުރާ އިސްލާމް އެންޑް ޑިމޮކްރަސީ އިން ސައުތު އޭޝިއާ ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައި، އެ ޖަލްސާ އިންތިޒާމްކުރާ ކޮމިޓީގައި ބައިވެރިވެވަޑައިގަތުމަށް މައުމޫނަށް ބޮޑުވަޒީރު ރަނިލް ދަޢުވަތު ދެއްވި އެވެ. މައުމޫން ވަނީ އެ ދައުވަތު އުފަލާއެކު ގަބޫލުފުޅު ކުރައްވާފައި ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ. މައުމޫނާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ފޮޓޯފުޅަކަށް ހުއްޓިވަަޑައިގެން. މައުމޫން ލަންކާ އަށް ވަޑައިގެން އުޅުއްވަނީ އާއިލީ ބޭނުންފުޅެއްގަ އެވެ. ލަންކާގައި އުޅުއްވުމަށް ފަހު، މައުމޫން އަނެއްކާ ވެސް އެ ގައުމަށް މި ވަޑައިގަތީ މިސްރުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ. އިސްލާމީ ފަތުވާ ދޭ ތަންތަނުގެ މަސައްކަތް ވިލަރެސް ކުރުމަށްޓަކައި މިސްރުގެ ގާހިރާގައި މިދިޔަ ބުރާސްފަތިދުވަހު އުފެއްދި ޖެނެރަލް ސެކްރެޓޭރިއޭޓްގެ އިސް މެމްބަރުންގެ ތެރޭގައި މައުމޫން ވަނީ ހިމެނިވަޑައިގެންފަ އެވެ. އެ ސެކްރެޓޭރިއޭޓްގައި ތިއްބަވަނީ 21 މެމްބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ