ފަތުވާގެ ނަޒާހަތްތެރިކަން ދަމަހައްޓަން ޖެހޭ: މައުމޫން

ރައްޔިތުން ތަމްސީލުކުރާ ފަރާތްތަކުން ފަތުވާ ދޭއިރު، އެއީ ނަޒާހަތްތެރިކަން ގަބޫލުކުރާ ފަދަ ފަތުވާއަކަށް ހަދަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. މައުމޫން މިހެން ވިދާޅުވީ މިސްރުގެ ގާހިރާގައި މިއަދު ފެށި، ދީނީ ހައްދުފަހަނައެޅުންތަކާ ދެކޮޅަށް ބާއްވާ ބައިނަލްއަގްވާމީ ފަތުވާ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިސްރުގެ ދާރުލްއިފްތާއިން އިންތިޒާމް ކޮށްގެން "ފަތުވާ ދިނުމުގައި ކުރިމަތިވާ މައްސަލަތަކާއި ފަތުވާގެ މުސްތަގްބަލުގެ އުދަރެސްތައް" މި މައުލޫއުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، ފަތުވާ ދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމާއި ފަތުވާ ދިނުމުގެ މަގުސަދުތައް ހާސިލް ކުރުމަށާއި ފަތުވާގެ މައްސަލައަށް އަމަލީ ހައްލެއް ހޯދައިދިނުމަށާއި ފަތުވާއަށް އޭގެ ޝަރަފުވެރި މަގާމު ހޯދައިދިނުމަށްޓަކައި މަތިވެރި ޒިންމާއެއް އަދާކުރަންޖެހޭ ކަމަށެެވެ. މައުމޫން އިއްޔެ މިސްރަށް ވަޑައިގަތުމުން އެ ގައުމުގެ މުފްތީ ޑރ. ޝައުގީ އިބްރާހީމް (ކ) އައްލާމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: މައުމޫން އޮފީސް "މި ގޮތުން އަޅުގަނޑުމެން ނެރޭ ފަތުވާތަކަކީ، ހަވާނަފްސުގެ އެދުންތަކާއި ސިޔާސީ މަގުސަދުތަކުން އެއްކިބާވެގެންވާ ފަތުވާއަށް އެބަ ހަދަން ޖެހޭ ކަމަށާއި ބޭރުގެ ނުފޫޒުން ސަލާމަތްވެފައިވާ، އެންމެހާ ރައްޔިތުންނާއި ރައްޔިތުން ތަމްސީލުކުރާ ފަރާތްތަކުން އޭގެ ނަޒާހަތްތެރިކަން ގަބޫލުކުރާ ފަދަ ފަތުވާތަކަކަށް އެބަ ހަދަން ޖެހޭކަން ފާހަގަކުރެއްވި އެވެ،" މައުމޫންގެ ވާހަކަފުޅާ ހަވާލާދީ، އެ މަނިކުފާނުގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ. މައުމޫން ވިދާޅުވި ގޮތުގައި އެ މަގުސަދުތައް ހާސިލުކުރެވޭނީ، އަޅުގަނޑުމެންގެ އެންމެހާ ފަތުވާތަކަކީ، ގުރްއާނާއި ސުންނަތާއި އަދި އިތުބާރު ހުރި އެހެނިހެން ޝަރުއީ ދަލީލުތަކުގެ މައްޗަށް ބިނާވެގެންވާ ފަތުވާތަކަކަށް ހަދައިގެންނެވެ. އަދި އިސްލާމީ ޝަރީއަތުގެ ރޫހާއި ދީނުގެ އާންމު އުސޫލުތަކާއި ޒަމާނާއި ތަނާއި ގުޅޭގޮތަށް ބައްޓަން ވެފައިވާ ލުއިފަސޭހަ ފަތުވާތަކެއް ކަމުގައި ވެގެން ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. މައުމޫން އިއްޔެ މިސްރަށް ވަޑައިގަތުމުން އެ ގައުމުގެ މުފްތީ ޑރ. ޝައުގީ އިބްރާހީމް އައްލާމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: މައުމޫން އޮފީސް މައުމޫން ފާހަގަ ކުރެއްވި ގޮތުގައި ދީނީ ހައްދުފަހަނައެޅުންތަކާ ދެކޮޅު ބައިނަލްއަގްވާމީ ފަތުވާ ކޮންފަރެންސެއް މި ބާއްވަނީ ތަފާތު އެކި ފަތުވާ ނެރެމުންދާ ދުވަސްވަރެއްގަ އެވެ. އެގޮތުން މިއީ އެންމެ އާދައިގެ ފިގްހީ މައްސަލަތަކުން ފެށިގެން ބޭންކް މުއާމަލާތްތަކާއި ޖިހާދު ކުރުމާއި ހަރުކަށި އަމަލުތައް ހިންގުމާ ބެހޭ ފަތުވާތައް ނެރެމުންދާ ދުވަސްވަރެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އޭގެ ނަތީޖާ އަކީ އެމަނިކުފާނު ފާހަަގަ ކުރެއްވި ގޮތުގައި، މުސްލިމުންގެ ވިސްނުމާއި ހިޔާލުތައް އޮޅުންބޮޅުންވުމެވެ. މައުމޫން ވިދާޅުވީ އެ އުނދަގޫ މައްސަލަތައް އުފެދުމުގައި ތަފާތު ގިނަ ސަބަބުތައް އެކުލެވޭ ކަމަށެވެ. "އޭގެ ތެރޭގައި، ކީރިތި ގުރްއާނާއި ސުންނަތާއި އިޖުތިހާދު ކުރުމުގެ ގަވާއިދުތަކާ މެދު އެކަށީގެންވާ މިންވަރަށް އިލްމު ލިބިފައި ނުވާ ފަރާތްތަކުން ފަތުވާ ދިނުމަށް ކުރިމަތިލުން ހިމެނޭ ކަމުގައި ވެސް ވިދާޅުވި އެވެ. އަދި ހަމަ އެފަދައިން، ގިނަ އިސްލާމީ ގައުމުތަކުގައި ފަތުވާދިނުން ހައްގުވާ ފަރާތްތައް ނުވަތަ މުއައްސަސާތައް ކަނޑައަޅައިދޭ ގާނޫނުތަކާއި ގަވާއިދުތަކާއި ފަތުވާދޭ މުފްތީންގެ ޝަރުތުތައް ބަޔާންކޮށްދޭ ހަރުދަނާ އާންމު އުސޫލުތަކެއް އެކަށައެޅިފައި ނުވުން ވެސް އެއީ ސަބަބެއް ކަމުގައި ވިދާޅުވި އެވެ،" މައުމޫންގެ އޮފީހުގެ ބަޔާނުގައިވެ އެވެ. މައުމޫން ވިދާޅުވީ އިސްލާމްދީނުގައި ފަތުވާ ދިނުމުގެ އިލްމީ ވަޒީފާއަކީ، އެހެން އެއްވެސް ދީނެއްގައި ނުވާ ފަދަ ހަރުދަނާ ނިޒާމެއް ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ މައިދާނަކަށް ޝާމިލްވާ ދީނަކަށް ވާތީ އެވެ. އަދި ކޮންމެ މުޖްތަމައެއްގައި ވެސް އެ މަތިވެރި ދީނީ ވާޖިބު އަދާކުރާނެ ފަރާތެއް ކަނަޑައެޅުމަކީ ލާޒިމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ފަތުވާ ކޮންފަރެންސްގައި މައުމޫން މިއަދު ވާހަކަފު ދައްކަވަނީ. ފަތުވާ ކޮންފަރެންސްގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ މިސްރުގެ މުފްތީ ޑރ. ޝައުގީ އިބްރާހީމް އައްލާމްގެ ދައުވަތަކަށެވެ. މިއަދާއި މާދަމާ ގާހިރާގައި ބާއްވާ ފަތުވާ ކޮންފަރެންސްގައި 50 އަށް ވުރެ ގިނަ ގައުމުތަކުގެ މަންދޫބުންނާއި ގިނަ އަދަދެއްގެ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވަ އެވެެ. މައުމޫންގެ މި ދަތުރުފުޅުގައި، މިސްރުގެ ރައީސް އަބްދުލްފައްތާހު އައްސީސީގެ އަރިހަށް މާދަމާ އިހުތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާނެ ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ