ގާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އާދައުރެއްގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވަން ލާޒިމްވާ ރިޔާސީ ބަޔާން އިއްވެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށާއި، އެކަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކު ފަސްޖެހި ވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ ޑރ. ހަސަން ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވީ ނަމަވެސް، އެމްޑީޕީގެ މެމްބަރު އިހުތިޖާޖުކުރެއްވުމުގެ ސަބަބުން މަޖިލީހުގެ މިއަދުގެ ސެޝަން ކެންސަލްކުރުމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑރ. ހަސަން ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ދުސްތޫރީ ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެއްވި ދައުވަތަކަށް މަޖިލީހަށް ވަޑައިގެންނެވި ކަމަށާއި، އެމަނިކުފާނު މަޖިލީހުގެ ތަޅުމާއި ހަމައަށް ވާސިލްކޮށްދިނުމަކީ މަޖިލީހުގެ ރިޔާސަތުގެ ޒިންމާއެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ދައުވަތަކަށް މަޖިލީހަށް ވަޑައިގެންނެވި. ރައްޔިތުންގެ މަޖިލީހުގެ ތަޅުމާއި ހަމައަށް އެމަނިކުފާނު ވާސިލްކޮށްދިނުމަކީ މަޖިލީހުގެ ރިޔާސަތުގެ ޒިންމާއެއް. އެކަމެއް މަޖިލީހަކަށް ކޮށް ނުދެވުނު. އެކަށް ކޮށް ނުދެވުނީ މަޖިލީހުގެ ތެރޭގައި ހާލަތުތަކެއް ދިމާވެގެން. އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންތަކެއް ހަމަނުޖެހުންތަކެއް ހިންގައިގެން" މިއަދު މަޖިލީހުގައި ހިނގާދިޔަ ކަންކަމަށް އަލިއަޅުވާލަމުން ޑރ. ހަސަން ވިދާޅުވިއެވެ.
މިއަދު ހިނގާދިޔަ ކަންކަމާއި ޒިންމާވާޖެހޭނީ ކޮން ފަރާތެއްތޯ ސުވާލުކުރުމުން ހަސަން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދޭން ޖެހޭ ޖަވާބެއް އެމަނިކުފާނު ދެއްވުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިއަދުގެ މުޅި މިކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމްޑީޕީއިން. އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ޖުމްލަކޮށް އެމްޑީޕީއިން މީގަ ޒިންމާ އުފުލަން ޖެހޭނީ" ޑރ. ހަސަން ވިދާޅުވިއެވެ.
ޑރ. ހަސަން އިތުރަށް ވިދާޅުވީ ކިތަންމެ ހަލަބޮލިވެފައިވާ ނުވަތަ ކިތަން "ތަޣައްޔަރުވެފައިވާ" މަޖިލީހުގެ ތަޅުމަކަށް ވަޑައިގެން ކިތަންމެ ނުރައްކާތެރި ހާލަތެއްގައިވެސް ރިޔާސީ ބަޔާން އިއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ތައްޔާރަށް ހުންނެވި ކަމަށެވެ.
"ދުވާލަކު ދެދަންފަޅިއަށް މަޖިލީހަށް ވަޑައިގެން، ރިޔާސީ ބަޔާން އިއްވަން ޖެހުނަސް، ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ދުސްތޫރީ ޒިންމާ ފުރިހަމަ ކުރަށްވާނެ" ޑރ. ހަސަން ވިދާޅުވިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވީ ނަމަވެސް، މަޖިލީހަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރު މަޖިލިސް ހިސާރުކުރުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މިއަދު ޖަލްސާ ކެންސަލްކުރަށްވާފައެވެ.
ދުވާލަކު ދެއިރަށް މަޖިލީހުން ދައުވަތު ދިންނަމަވެސް، ރިޔާސީ ބަޔާން އިއްވަވަން ރައީސް ވަޑައިގަންނަވާނެ: އެޑްވައިޒަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ