ސްޓެލްކޯގެ އިތުރުން މާލެއަށް ކަރަންޓް ދޭނެ އިތުރު ބަޔަކު ހޯދަނީ

ސްޓެލްކޯގެ އިތުރުން މާލެއަށް ކަރަންޓް ފޯރުކޮށްދޭނެ އިތުރު ބަޔަކު ހޯދަމަށް އިއުލާނު ކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލްގެ މެމްބަރު އިބުރާހިމް ސުޖާއު ވިދާޅުވީ ސްޓެލްކޯގެ އިތުރުން މާލެއަށް ކަރަންޓް ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިންޓަނޭޝަނަލް ކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ކުރާ މައިގަނޑު ސަބަބަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓް ލިބޭނެ ގޮތް ހަދައިދިނުން ކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު ވާނީ މިކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން އިއުލާނުވެސް (ގެޒެޓަށް) ފޮނުވާފައި. ސިޓީ ކައުންސިލުން މިކަން ކުރަން ނިންމި މައިގަނޑު ސަބަބަކީ މާލޭގެ ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓް ފޯރު ކޮށްދިނުން،" ސުޖާއު ވިދާޅުވިއެވެ. "މިސާލަކަށް ބަލަމާތޯ ދިރާގު، މީގެ ކުރިން ލޯކަލް ކޯލަކަށްވެސް މިނެޓަކަށް ތިން ރުފިޔާވަރު ނެގި. ނަމަވެސް އިތުރު ކޮންޕެޓިޓާއެއް އައުމުން ރާއްޖެ މިހާރު މިވަނީ އެންމެ ހެޔޮ އަގުގައި ގުޅޭ އެއް ގައުމަށް ވެފައި،"
ސުޖާއު ވިދާޅުވީ މީގެ ކުރިން ބޭރުގެ "ދެތިން ކުންފުންޏަކުން" މާލެއަށް ކަރަންޓް ދިނުމަށް ޝައުގުވެރިކަން ފާޅު ކޮށްފައިވެސްވާ ކަމަށެވެ. އެގޮތުން މިކަމަށް އިއުލާނު ކުރުމާއި އެކު ބޮޑެތި ކުންފުނިތަކަކުން މިކަމަށް ކުރިމަތި ލާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ ބޭނުން ވަނީ، ސްޓެލްކޯއިންވެސް ބުނަމުން އެ އަންނަނީ މިވެނި ވަރަކަށް ކަރަންޓް ޝޯޓޭ އެހެންވީމައި އެކަމަށް ހައްލު ކުރުމަށް. ދެން އަޅުގަނޑުމެން ބޭނުންވަނީ ހެޔޮ އަގެއްގައި ކަރަންޓް ލިބޭނެ ގޮތް ފަހިކޮށްދިނުން. އެގޮތުން ތިންވަނަ ކަމަކަށް އަޅުގަނޑުމެން މި ބަލަނީ ތިމާވެއްޓައި ރައްޓެހި ގޮތަކަށް ކަރަންޓް ފޯރުވައި ދިނުމަށް،" ސުޖާއު ވިދާޅުވިއެވެ.
މާލެއަށް ކަރަންޓް ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތައް، އެކަމަށް އެދި ހުށަހެޅުމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ދީފައިވާނީ އެއް މަސް ދުވަހުގެ މުއްދަތެއް ކަމަށްވެސް ސުޖާއު ވިދާޅުވިއެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ފަހު އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ހަވާލު ކުރަށްވާނެ ކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ