ޖާބިރު ޖަލަށްލުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ކުޑަކަމުދާތަކެތީގެ ސާމްޕަލް ނުދިން މައްސަލައިގައި ޔޮޓް ޓުއާސްގެ ހިއްސާދާރެއް ކަމަށްވާ ޖާބިރު ޖަލަށްލުމަށް މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް ޖާބިރުގެ ފަރާތުން ހައި ކޯޓުގައި ވެސް އިސްތިއުނާފްކުރި އެވެ. ނަމަވެސް ހައި ކޯޓުން ވެސް މިދިޔަ މާޗް މަހު ނިންމީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ޖާބިރުގެ ފަރާތުން ހުށަހެޅި އެ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ ކޮން ތާރީޚެއްގައި ކަމެއް ސާފެއް ނުވެ އެވެ. ޖާބިރު ޖަލަށްލުމަށް ހުކުމްކުރި ފަހުން ކަރެކްޝަނަލް ސާވިސްގެ ހުއްދައާ އެކު ތިން މަސް ދުވަހުގެ މުއްދަތަށް އޭނާ ވަނީ ބޭސް ފަރުވާ އަށް މެލޭޝިއާ އަށް ގޮސްފަ އެވެ. ޖާބިރު ޖަލަށްލުމަށް ހުކުމްކުރީ ނޮވެމްބަރު، 2012 ގައި އޭނާ އާއި އިތުރު ބަޔަކު ހދ. ހޮނޑައިދޫގައި މަސްތުވާތަކެތި ބޭނުންކުރަން ތިބި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ކުޑަކަމުދާތަކެތި ދޭން އެންގުމުން ނުދިން މައްސަލައިގަ އެވެ. ޖާބިރާ އެކު ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރާއި ރައީސް ނަޝީދުގެ ސަރުކާރުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެ އިތުރުން އިތުރު ބަޔަކު ވެސް ހައްޔަރުކުރި އެވެ. ނަމަވެސް އެ ބޭފުޅުން މައްސަލަތައް އަދި ނުނިންމަ އެވެ. ކުޑަކަމުދާތަކެތި ނުދިނުމުގެ މައްސަލައިގައި ޖާބިރުގެ މައްޗަށް ހުކުމްކޮށްފައިވާ އިރު އެ ރަށުގައި ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ވެސް ޖާބިރުގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ އަދި ނުނިންމަ އެވެ. ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސުން ހިންގާ ހއ. އަލިދޫ ރިސޯޓްގެ މެނޭޖަރު ޖާދުﷲ ޖަމީލް ވެސް އެ ރަށުން ހައްޔަރު ކުރުމުން ކުޑަކަމުދާތަކެތި ނުދިން މައްސަލައިގައި އޭނާ ވެސް އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ