އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ހޯދާ ސޫދާނުގެ ރައީސް ތުރުކީގައި

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ހޯދަމުން ގެންދާ ސޫދާންގެ ރައީސް އޮމަރް އަލް ބަޝީރު އިއްޔެ އިސްތާންބޫލުގައި އޮތް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮޕަރޭޝަން (އޯއައިސީ) ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި އެވެ.
ކުށެއް ނެތް އާންމުން މެރުމާއި، އިންސާނިޔަތާ ހިލާފު ޖަރީމާތައް ހިންގެވިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އައިސީސީ އިން 'ވޯންޓެޑް' ލިސްޓުގައި ހިމަނާފައިވާ ސޫދާނުގެ ރައީސް އޯއައިސީގެ ބައްދަލުވުމަށް ވަޑައިގެންނެވުމުން މަރްހަބާ ދެންނެވީ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން އެވެ.
ފަލަސްތީނާއި ބައިނަލްއަގްވާމީ ދުނިޔެއިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ގުދުސް އަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލައިގަތުމާ ގުޅިގެން އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިސްލާމީ ގައުމުތަކުގެ ލީޑަރުންގެ މެދުގައި ބޭއްވި ކުއްލި ބައްދަލުވުމަށް ބަޝީރް ވަޑައިގެންނެވީ ސޫދާނުގެ ތާރީހީ ހެދުންކޮޅެއްގަ އެވެ.
ސުދާނުގެ ދާފޫރުގައި 2003 ވަނަ އަހަރާ ހަމައަށް ބައިމަދު ނަސްލުތަކުގެ ގުރޫޕުތަކުގެ މެދުގައި ހިންގަމުންދިޔަ ހަމަނުޖެހުންތަކުގައި ބަޝީރްގެ ސަރުކާރުން ވަނީ އިންސާނިއްޔަތާ ހިލާފު އެތައް އަމަލުތަކެއް ހިންގާފައި ކަމަށް އޭނާއާ ދެކޮޅަށް އައިސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ބުނެފައިވެ އެވެ.
އދ. އިން ބުނާ ގޮތުގައި ދާފޫރު ހަމަނުޖެހުންތަކުގައި 300،000 މީހުން މަރާލާ 2.5 މިލިއަން މީހުން ގެއްލުވާލާފައިވެ އެވެ. ބަޝީރް އާއި ސުދާނުގެ އިސްވެރިން ވިދާޅުވަނީ މިހާރު އެ ހަމަނުޖެހުންތައް ނިމިފައިވާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް ސޫދާނުގައި ހަނގުރާމަވެރި ގްރޫޕުތަކުންނާއި ބައިމަދު ނަސްލުތަކުގެ މީހުންގެ މެދުގައި ހަމަނުޖެހުންތައް ހިންގަމުންދެ އެވެ.
އައިސީސީ އިން ބަޝީރްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ ވަނީ އިންކާރު ކުރައްވާފަ އެވެ. ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން ކުށްވެރިއެއްގެ ގޮތުގައި ބަޝީރާ މެދު ދެކެމުންދަނިކޮށް ތުރުކީން އޭނާއަށް މަރުހާބާ ކިޔުމުން ޔޫރަޕްގެ އިއްތިހާދުން ވަނީ ތުރުކީއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ