މައުމޫން ޖަލަށް ލުމަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުުޅުން ހުށަހަޅައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރު ކުރި މައުމޫންގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް މިދިޔަ މަހު ކްރިމިނަލް ކޯޓުން އިއްވީ އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލައިގަ އެވެ. މިއީ ފަހުގެ ތާރީޚެއްގައި އަދި 2008 ގެ ރިޔާސީ އިންތިޚާބުގައި ލިބުނު ނާކާމިޔާބީ އަށް ފަހު އެމަނިކުފާނުގެ މައްޗަށް ސާބިތުވި ފުރަތަމަ ކުށެކެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން މިއަދު ހުށަހަޅާފައިވާ ކަން މައުމޫންގެ ވަކީލުން ކަށަވަރުކޮށް ދެއްވި އެވެ.
ފޯނު ނުދެއްވި މައްސަލާގައި މައުމޫންގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް އެއް އަހަރާއި ހަތް މަހާއި ހަ ދުުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ބޭފުޅުން ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރިކަން ކަށަވަރެއް ނުވެ އެވެ.
ފޯނު ނުދިން މައްސަލައިގެ އިތުރުން މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެމަނިކުފާނުގެ މައްޗަށް މަދުވެގެން 17 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެކަމަކު އެ މައްސަލަ އަދި ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ