ނަޝީދަށް އިންތިހާބުގައި ވާދަނުކުރެވޭނެ ގާނޫނީ ހަމައެއްނެތް: މައުމޫން ހަމީދު

ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަނުކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތްކަމަށް މަޝްހޫރު ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު މިހެން ވިދާޅުވީ ރައީސް ނަޝީދުގެ ކެންޑިޑޭސީ އާއި ގުޅިގެން 2013 ވަނަ އަހަރު އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއް މިއަދު އަލުން ރީޓްވީޓް ކުރައްވަމުންނެވެ.
މައުމޫން ހަމީދު ވިދާޅުވީ ނަޝީދުގެ ކެންޑިޑޭސީ އާއި ގުޅިގެން މިއަދުވެސް ދެންނެވޭނީ މީގެ ފަސް އަހަރު ކުރިންވެސް ދެންނެވި ވާހަކަ ކަމަށެވެ. އެއީ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތް ހަދާފައިވަނީ އެއްވެސް ގާނޫނީ ހަމައަކުން ނޫން ކަމަށާއި، ޣައިރު ގާނޫނީ ބާރުތަކެއްގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އިދިކޮޅު ފަރާތެއް އިންތިހާބުގައި ވާދަކުރުން ހުއްޓުވުމަށް ސިޔާސީ ޝަރީއަތްތައް ހިންގައި، ހަމަތަކަށް ނުފެތޭ ގޮތަށް ގާނޫނުތަކަށް ގެންނަ ބަދަލުތަކަކުން ކުރާ ކަންކަން ވެގެންދާނީ ވޯޓްލާ މީހުންގެ ހިތުގައި ނުތަވަސްކަން އުފެދިގެންދާނެ ކަމެއް ކަމަށެވެ.
މައުމޫން ހަމީދު އިތުރަށް ވިދާޅުވީ މީގެ ފަަސް އަހަރު ކުރިންވެސް ނަޝީދުގެ ސަޕޯޓަރުންގެ ގޮތުގައި އެއްލައްކައަށް ވުރެ ގިނަ މީހުން ތިބި ކަމަށެވެ. އެހެންކަމުން ނަޝީދާއި އިދިކޮޅު ފަރާތްތަކުން އިންތިހާބުގައި ކާމިޔާބު ހޯދަން ވާނީ އިންސާފުވެރި ވޯޓަކުން ކަމަށެވެ. އަދި އެގޮތަށް އިންސާފުވެރި ވޯޓެއް ނުލިބޭނަމަ އެފަދަ ފަރާތްތަކަށް ވެރިކަން ކުރުމުގެ ހައްގު ލިބެނީ ކިހިނަކުންތޯވެސް މައުމޫން ހަމީދު ވަނީ ސުވާލު އުފައްދަވާފަ އެވެ. އެހެންކަމުން ރައްޔިތުންގެ ނިންމުން ނިންމަން އެމީހުންގެ އަތްމައްޗަށް ދޫކޮށްލުމަށްވެސް މައުމޫން ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ