ހައްގު ލިބިފައި ނުވާ މީހުން ވޯޓު ދިންތޯ ބަލަންޖެހޭ: ނަޝީދު
ވޯޓު ލުމުގެ ހައްގު ލިބިފައި ނުވާ މީހުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ދީފައި އޮތްތޯ އެއީ ބަލަން ޖެހިފައި އޮތް ހަގީގަތެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.މިމަހު ހަތެއްގައި ބޭއްވި ފުރަތަމަ ބުރުގެ އިންތިހާބު ބާތިލް ކޮށްދިނުމަށް އެދި ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި ނަޝީދު ވިދާޅުވީ އިންތިހާބުގެ ކަންކަން ކުރިއަށް ދިޔައީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ "ޖުމްހޫރީ ޕާޓީއަށް ވެސް އަދި އެންމެންނަށް ވެސް" ކަށަވަރު ވާން ޖެހޭ ކަމަށެވެ. ނަމަވެސް، އިންތިހާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ."އަޅުގަނޑުމެން ބަލައިގެން މިތިބީ ވޯޓުގެ ކަންކަން ދިޔައީ ރަނގަޅަށް ކަން،" ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލައަށް ކުރިން ފާޑުވިދާޅުވި ނަމަވެސް މިއަދު މާ ބޮޑު ފާޑުވިދާޅުވުމެއް ނެތި ދެއްކެވި ވާހަކާގައި ނަޝީދު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއަށް ދިމާވެގެން އުޅޭ މައްސަލައަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ލިބުނު ވޯޓުގައި ފަރަގު ކުޑަވުމެވެ. އެ ފަރަގު އެއީ ޖުމްހޫރީ ޕާޓީން ކަށަވަރުކުރަން ބޭނުންވާ ފަރަގެއް ކަމަށް އެންމެން ވެސް ގަބޫލުކުރާނެ ކަމަށާއި އެކަން ކަށަވަރު ކުރުމަށް ވޯޓު ހައްގުވާ މީހުންގެ ލިސްޓުގައި ހައްގު ނުވާ މީހުން ތިބިތޯ ބަލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ."އެމްޑީޕީން ފާހަގަކުރި އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ 800 އެއްހާ މީހުން ވޯޓް އެއީ ހައްގު ނުވާ މީހުން އެ ލިސްޓުގައި ހިމެނިފައިވާތީވެ ނުވަތަ މަރުވެފައިވާތީވެ ނުވަތަ އެއް އައިޑީ ކާޑަށް ވުރެ ގިނަ ކާޑު ގެންގުޅޭތީ،" ވޯޓާސް ރަޖިސްޓްރީގައި މައްސަލައެއް އުޅޭތޯ ޗެކްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ދިން ކަމާއި އެ ފުރުސަތުގައި އެމްޑީޕީން ފާހަގަކުރި މައްސަލަތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.ނަމަވެސް، ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީން ބުނާ ގޮތަށް ވޯޓާސް ރެޖިސްޓްރީގައި ވޯޓް ހައްގު ނުވާ މީހުން ތިބި ނަމަވެސް އެއީ ގާސިމަށާއި ޔާމީނަށް ލިބުނު ވޯޓު އެއްވަރު ވާނެ ވަރުގެ އަދަދަކަށް ނުވާނެ ކަމަށެވެ. ވޯޓު ހައްގު ނުވާ މީހުން ވޯޓު ދީފައި ވޭތޯ ބެލުމަށް ބަލަން ޖެހެނީ ވޯޓު ދިން މީހުންގެ ލިސްޓު ކަމަށާއި އެކަން ބެލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ."ހަމަ ގައިމު ވެސް އަޅުގަނޑުމެންނަކަށް ފާހަގައެއް ނުވި 2،300 މީހުން ކުށްކޮށް ވޯޓް ހައްގުވާ ލިސްޓުގައި ހިމެނިފައި އޮތް ކަމަކަށް،" ގާސިމާއި ޔާމީނާ ދެމެދު ހުރި ވޯޓުގެ ތަފާތަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވިދާޅުވި އެވެ.ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ބެހޭ ގޮތުން ނަޝީދުގެ ވާހަކަފުޅު ބަދަލުވެފައިވާ އިރު އެމަނިކުފާނު ވަނީ ރޭ ގާސިމާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު "ހަވީރު"ން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ގާސިމަަކީ ވަރަށް ކުރިއްސުރެން ފެށިގެން އެމަނިކުފާނުގެ "އާއިލީީ ރަހުމަތްތެރިއެއް" ކަމަށެވެ. ދެވަނަ ބުރުގައި ގާސިމްގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންނެވިންތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމުމުން ގާސިމް ގޮތެއް ނިންމަވާނެހެން ހީފުޅުވާ ކަމަށެވެ. "މިހާތަނަށް އަޅުގަނޑު އެހާ ދެރަވާ ގޮތަކަށް ގާސިމް ކަމެއް ނިންމަވާފައެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.ނަޝީދުގެ ފަހަތްޕުޅަށް ގާސިމް ވަޑައިގެންފާނެ ކަމުގެ ކިހާ ޔަގީންކަމެއް އެބަ އޮތްތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ފަހަތްޕުޅަށް ދުވަހަކު ވެސް ގާސިމް އަރާވަޑަައިގަންނަވަން ނުޖެހޭނެ ކަމަށާއި އެކީގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.މިއަދުގެ ބައްދަލުވުމުގައި ނަޝީދު ވަނީ ސުޕުރީމް ކޯޓްގެ ބެންޗަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ސުޕުރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަކީ "ބައެއް ބާވަތުގެ އިލްމު މަދު" ބޭފުޅުން ކަމަށް ތަޖުރިބާކާރުން ފާހަގަކުރައްވާ ކަމަށެވެ."އެ ބޭފުޅުންގެ ކިބައިގައި ގާނޫނީ ބައެއް ތަޖުރިބާއާއި ބައެއް އިލްމު ނެތް ކަމަށް ކަމާ ބެހޭ މާހިރުން ފާހަގަކުރައްވަމުންދާތީވެ އަޅުގަނޑުމެންނަށް ފެނޭ ސުޕުރީމް ކޯޓްގެ ބެންޗްގެ އަދަދު ބަދަލު ގެނައުމަށް. އެއީ ފަނޑިޔާރުންނާ ބެހޭ ގާނޫނަށް ބަދަލުގެނެސް ގެން،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު އިތުރަށް ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން މެމްބަރަކު ކަނޑައެޅުން އަވަސްކުރަން ޖެހޭ ކަމަށެވެ.ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައަށް ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވަދެވަޑައިގެންފައިވާތީ އެކަމަށް ގައުމީ މަޖިލީހުގެ މެމްބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވި އިރު އިންތިހާބުގެ ކަންކަން ކޯޓުތަކުން ނިންމުމުގެ ބަދަލުގައި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ނިންމުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގަރާރެއް ފާސްކޮށްފައިވެ އެވެ. ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ ހުށަހެޅުއްވި ގަރާރު ފާސްވީ ޖަލްސާގައި ބައިވެރިވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ