ރައްޔިތުންގެ މަޖިލީހުން މިއަދު ފެނިގެންދިޔައީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ވޯޓަކަށް ދިއުމަށް ސަރުކާރުން ޖެހިލުންވާވަރު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިއަދު ފެނިގެންދިޔަ ކަންކަމަކީ މަޖިލީހުގެ ހައިބަތާއި ގަދަރު މުޅިން ގެއްލިގެންދިޔަ ކަމެއް ކަމަށެވެ.
މައުމޫން ވިދާޅުވީ މިކަމުން ފެނިގެން މިދިޔައީ މިނިވަން ވޯޓަކަށް ދިއުމަށް ސަރުކާރުން ބިރުގަންނަ މިންވަރު ކަމަށެވެ.
އަދި މުޅި ނިޒާމު އިސްލާހުކުރަންޖެހޭކަން މިފަދަ ހުރިހާ ކަމަކުން ހާމަކޮށްދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 26 މެމްބަރެއްގެ ސޮޔާއެކު ހުށަހެޅުމުން މަޖިލީހުގައި މިއަދު ނެގި ވޯޓު ކުރިއަށް ގެންދިޔައީ އިދިކޮޅު މެމްބަރުންގެ ނަންއިއްވައި ތަޅުމުން ނެރެގެންނެވެ. އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުން ވެސް މި ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އިދިކޮޅު މެމްބަރުން އިހުތިޖާޖުކޮށް ޖަލްސާ ބޮއިކޮޓް ކުރީ މެމްބަރުންނާ ވަކިވަކިން ސުވާލުކޮށްގެން ވޯޓު ނަގާގޮތަށް ނިންމުމުންނެވެ. މިގޮތަށް ނިންމީ އާންމުގޮތެއްގައި ބޭނުންކުރާ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްގައި މައްސަލަ އުޅޭ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމަންޓަރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްވުމުންނެވެ.
މިއަދު ނެގި ވޯޓުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާހެއްނުވެއެވެ. ނަމަވެސް މަސީހުގެ އިތުބާރު ނެތް ކަމަށް އަލުން އަނެއްކާވެސް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށް މި މައްސަލަ ހުށަހެޅުއްވި މެމްބަރުން ވިދާޅުވެއެވެ.
މިއަދު ފެނުނީ މިނިވަން ވޯޓަކަށް ސަރުކާރުން ޖެހިލުންވާވަރު: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ